ރައީސް ނަޝީދު، ސީޝެލްގެ ރައީސް އާއި ނައިބު ރައީސް އާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ސީޝެލްސްގެ ރައީސް އާއި ނައިބް ރައީސްއާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދާއި ސީޝެލްސްގެ ރައީސް ވަނީ ރަށްތަކުގެ ގުޅުމާއި ތިމާވެއްޓާއި ފަތުރުވެރިކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ސީޝެލްސްއަށް ގެންނަމުންދާ ދިމިގްރާތީ ބަދަލުތަކަށް ރައީސް ނަޝީދު ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ސީޝެލްސްގެ ނައިބް ރައީސް އަހްމަދު އަފީފްގެ މަންމައާއި ބައްޕައަކީ ދިވެހިންނެވެ. ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން އުފެއްދި ދައުލަތް، ޔުނައިޓެޑް ސުވަދިވްގެ ވެރިޔަކީ އަހްމަދު އަފީފުގެ ބައްޕަ އަބްދުﷲ އަފީފް އެވެ.

އަހްމަދު އަފީފްއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ މިނިވަން ދުވަހު ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެހާމެ ޚިދުމަތްތެރި އެއް އާއިލާ، އެޅަނގެ އާއިލާގެ އަބްދުﷲ އަފީފްގެ ދަރިކަލުން އަހްމަދު އަފީފްއާ ބައްދަލުވެ މަރުހަބާ ދެންނެވުމުގެ ފުރުސަތު ލިބުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ

މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދުގެ އަރިހުގައި ވަޑައިގަތް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް ނަޝީދު ސީޝެލްސްއަށް ވަޑައިގެން މިއުޅުއްވަނީ އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، ރޮޖަރ މަންސިއެންގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި މިމަހުގެ 28 ނިލަޔަލަށް ރައީސް ނަޝީދު، ސީޝެލްސްގައި މަޑުކުރައްވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.