
ގަވާއިދާ ޚިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުފަހަރުގައި ސްޓިކަރ ޖެހުން މެދުކެނޑިފައި އޮތުމަށްފަހު އަނެއްކާ ވެސް ފަށައިފިއެވެ.
ޕާކިންގ ސްޓިކަރ ޖެހުން ހުއްޓާލާފައިވަނީ ފުލުހުން އަތުން ހުސްވެގެން މިދިޔަ މެއި މަހުގެ ފަހުކޮޅުއެވެ. ފުލުހުންނަށް ސްޓިކަރ ފޯރުކޮށްދެނީ އިކޮނޮމިކް މިނިސްޓްރީންނެވެ.
އެހެންނަމަވެސް އަނެއްކާ ވެސް ފުލުހުން ނުކުމެ، ގަވާއިދާ ޚިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުފަހަރުގައި ސްޓިކަރ ޖަހަން ފަށާފައިވާއިރު، ބައެއް ފަރާތްތަކުން އަންނަނީ އުޅަނދުތަކުގައި ސްޓިކަރ ޖަހާފައިވާތަން ފޮޓޯ ނަގައި ސޯޝަލް މީޑިއާ ގައި ހިއްސާކުރަމުންނެވެ.
އެއްގަމު އުޅަނދު ދުއްވުމަށް ލައިސަންސް ދޫކުރުމުގެ އައު ގަވާއިދުގައިވާ ގޮތުން ގަވައިދާ ޚިލާފަށް ޕާކު ކުރާ އުޅަނދުފަހަރުގައި ސްޓިކާ ޖަހާ ކޮންމެ ފަހަރަކު އެމީހާގެ ލައިސަންސުން ޕޮއިންޓް އުނި ކުރާނެއެވެ. މިގޮތަށް 100 ޕޮއިންޓުގެ ކްރެޑިޓް ހުސްވެއްޖެ ނަމަ ލައިސަންސް ބާތިލު ވާނެ ކަމަށް އެ ގަވާއިދު ބުނެއެވެ.