ލުހާންސްކް 'މިނިވަންކޮށްފިން': ރަޝިޔާ

ޔުކްރޭންގެ އިރުމަތީގައި އޮންނަ ރަޝިޔާ ނަސްލުގެ މީހުން ގިނަ ޕްރޮވިންސް ލުހާންސްކް ހިފައިފި ކަމުގައި ރަޝިޔާއިން ބުނެފިއެވެ. ރަޝިޔާއިން މިހެން ބުނެފައި ވަނީ ރަޝިޔާ ސިފައިންނާއި، އެމީހުންނާއެކު ހަނގުރާމަކުރާ ހަނގުރާމަވެރިން ގުޅިގެން ލުހާންސްކް ޕްރޮވިންސުގައި ރަޝިޔާ ބާރުގެ ދަށަށް ނުގޮސް އޮތް އެންމެ ފަހު ރަށް، ލިސީޗަންސްކް ހިފުމަށް ފަހުގައެވެ. އެހެންނަމަވެސް، ޔުކްރޭނުން ބުނާ ގޮތުގައި އެރަށުގައި އަދިވެސް ދަނީ ވަރުގަދަޔަށް ހަމަލާ ބަދަލުކުރަމުންނެވެ.

ރަޝީޔާގެ ޑިފެންސް މިނިސްޓްރީން އާދީއްތަ ދުވަހު ބުނި ގޮތުގައި ޑިފެންސް މިނިސްޓަރު ސަރްގޭ ޝޮއިގޫ ވަނީ ލުހާންސް 'މިނިވަންކުރެވިފައިވާ' ކަމުގެ މައުލޫމާތު ރައީސު ވްލާޑިމީރް ޕުޓިންއަށް އަރުވާފައެވެ. ޔުކްރޭއިން މިވާހަކަ ސިފަކޮށްފައި ވަނީ ހަނގުރާމައިގެ ޕްރޮޕެގެންޑާގެ ގޮތުގައެވެ.

ފެބްރުވަރީ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔުކްރޭނަށް އެރުމަށްފަހު ފުރަތަމަ އަމާޒުހިފީ ޔުކްރޭންގެ ވެރިރަށް ކިޔީވް ހިފުމަށެވެ. އެހެންނަމަވެސް، ވެރިރަށުގެ ދިފާއުގައި ޔުކްރޭން މީހުން ދެއްކި ގަދަ ހިތްވަރަށްފަހު، ރަޝިޔާއިން އަމާޒުހިފީ ޔުކްރޭން އިރުމަތީގައި ރަޝިޔާ މީހުންގެ އަޣުލަބިއްޔަތު އޮންނަ ޑޮންބާސް ސަރަހައްދު ހިފުމަށެވެ. ލުހާންސްއަކީ އެ ސަރަހައްދުގެ ޕްރޮވިންސެކެވެ.

2014 ވަނަ އަހަރުން ފެށިގެން ޑޮންބާސްގެ ދެ ޕްރޮވިންސު ކަމުގައިވާ ލުހާންސްއާއި ޑޮނެޓްސްކް ޕްރޮވިންސުގެ ރަޝިޔާ ދަރިކޮޅުގެ ހަނގުރާމަވެރިން ދަނީ އެ ސަރަހައްދު މިނިވަންކުރުމަށް ޔުކްރޭންގެ ސިފައިންނާ ހަނގުރާމަކުރަމުންނެވެ.

"ރަޝިޔާ މީހުން ދަނީ ލިސީޗަންސްކްގައި އެމީހުން ތިބި މަގާމުތައް ވަރުގަދަކުރަމުން. ރަށުގައި ރޯވެ އަނދަމުން ދަނީ." ލުހާންސްކްގެ ގަވަރުނަރު ސެރްހީ ގައިޑާއި ވިދާޅުވިއެވެ. "އެމީހުން ރަށަށް ހަމަލާދެނީ އަނިޔާވެރިކަން ބޮޑު އުކުޅުތައް ބޭނުންކޮށްގެން."

ޔުކްރޭނުގައި ރަޝިޔާއިން ކުރާ ހަނގުރާމަ ވަރުގަދަކުރަމުން ދާއިރު، އެގައުމުން ބުނެފަައިވަނީ ހަނގުރާމަ ހުއްޓާލުމަށް ކުރަން ޖެހެނީ އެންމެ ކަމެއް ކަމުގައެވެ. އެއީ ޔުކްރޭނުން އަމާންދީ، ރަޝިޔާއިން ހުށަަހަޅާ ޝަރުޠުތައް ގަބޫލުކުރުމެވެ. އެހެންނަމަވެސް، ޔުކްރޭނުން އެކަމަށް ތައްޔާރެއް ނޫނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.