ގޯއްޗާއި ފްލެޓު ދިނުމަށް މާލޭގެ ރަށްވެހިން ކަނޑައަޅާ އުސޫލަށް ބާތިލުކުރަން ކޯޓަށް ދަނީ

ގޯއްޗާއި ފްލެޓު ދިނުމަށް މާލޭގެ ރަށްވެހިން ކަނޑައަޅާ އުސޫލަށް ބާތިލުކުރަން ކޯޓަށް ދިއުމަށް ނިންމައިފިއެވެ.

މާލެއިން ގޯތި ދޫކުރުމުގައި މާލޭ ރަށްވެހިން ކަނޑައެޅުމުގައި އަމަލުކުރާނު އުސޫލު ބާތިލުކުރަން ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.

ގާނޫނީ ވަކީލު ޝިހާދު އިބްރާހިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މާލޭ ރައްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ކޮންމެ މީހަކީ މާލޭ ރައްވެއްސެއް ކަމަށެވެ.

އެހެން ކަމުން ވަކިކަމެއްގައި މާލޭ ރައްޔިތުކަން ވަކިގޮތަކަށް މާނަކޮށް ހައްޤުތަށް ހަނި ނުކުރެވޭނެ ކަމަށާއި މިމާއްދާ ބާތިލު ކުރުމަށް ހައިކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެސްޖޭ ކޮންސްޓްރަކްޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާ ޝިހާދު އިބްރާހިމް މިފަދައިން ޓްވީޓު ކުރައްވާފައިވާއިރު، މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ސަރުކާރުން އިއުލާނުކޮށްފައިވާ ބިންވެރިޔާ ސްކީމުގެ ދަށުން 3,000 ގޯއްޗަށް ކުރިމަތިލުމަށް އިއްޔެ ވަނީ ހުޅުވާލާފައެވެ.

އެ ސްކީމުގެ ދަށުން ގޯތި ދޫކުރުމުގެ އުސޫލެއް ހައުސިންގ މިނިސްޓްރީން އާންމުކޮށްފައިވާ އިރު، އެ އުސޫލުގައި ބުނެފައިވާ ގޮތުން މާލޭގެ ރައްޔިތެއް ކަމުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓަރީ ޖެހިފައިނުވާ ފަރާތްތައް ކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ހޯދުމަށް އެދޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މާލޭގެ ރައްޔިތެއް ކަމުގައިވުމާއި އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުމާއެކު ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް މިހާތަނަށް ލިބިފައި ނުވުމެވެ.

މީގެ އިތުރުން މާލެ، ހުޅުމާލެ، ވިލިނގިލި ގައި ތިމާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ރަޖިސްޓްރީވެފައި ނެތުމާއި އެވަރުގެ ބިމެއް ރަޖިސްޓްރީވެފައިވާ ނަމަ އެ އެތަން، އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށް ވާންޖެހެއެވެ.

ހަމަ މިއާއެކު މާލެ ސަރަހައްދުން ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެން އޮންނަ ބޯހިޔާވަހިކަން މި އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުމާއި މާލެ ސަރަހައްދުގައި އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީފައިވާ ނުވަތަ ދޫކޮށްލާފައިވާ ނުވަތަ ވިއްކާލާފައިވާ މީހަކަށް ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.