ރާއްޖޭގެ ތަރައްޤީގައި އިންޑިއާއިން ވެދެއްވާފައިވާ އެހީތެރިކަން ރައީސް ސާލިހު ފާހަގަކުރައްވައފި

ރާއްޖޭގެ ތަރައްޤީގައި އިންޑިއާއިން ވެދެއްވާފައިވާ އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ އިބވްރާހިމް މުހައްމަދު ސާލިހު ފާހަގަކުރައްވައފިއެވެ.

އެމަނިކިފާނު މިކަން ފާހަގަ ކުރައްވާފައިވަނީ ރުވާންޑާގެ ކިގާލީ މެރިއޮޓް ހޮޓެލްގައި ރައީސް ޞާލިޙްގެ އަރިހަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު ކުރެއްވެވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި އިންޑިއާގެ ދޭދޭ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.

މިގޮތުން ދެ ޤައުމަށް ވެސް ފައިދާވާ ގޮތަށް ދެ ޤައުމުން ވެސް ޝައުޤުވެރިވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ގުޅުން ބިނާވެފައިވަނީ ތާރީޚާއި ސަޤާފަތާއި ދެޤައުމުގެ ވެސް ޤަބޫލުކުރުންތަކުގެ މައްޗަށްކަމުގައި ވިދާޅުވެފައެވެ. އަދި، ބޭރު ޤައުމުތަކާއެކު ރާއްޖެއިން ބާއްވާ ގުޅުން ހަރުދަނާކޮށް ވަރުގަދަކުރުމަކީ މި ސަރުކާރުން ނުހަނު ބޮޑު އިސްކަމެއްދޭ ކަމެއްކަމުގައި ވެސް ހާމަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތަރައްޤީގައި އިންޑިއާއިން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ދެބޭފުޅުން ވަނީ ދެ ޤައުމުގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގައި ރުވާންޑާއަށް ވަޑައިގަތީ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022 ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި އަދި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.