ރަޝިޔާގެ ނޫސްވެރިޔާގެ ނޯބެލް އިނާމަށް ނީލަމުގައި 103.5 މިލިއަން ޑޮލަރު

މުރަޓޯވް އޭނާއަށް ލިބުނު ނޯބެލް އިނާމާއެކު

ރަޝިޔާގެ މިނިވަން ނޫސް ނޮވަޔާ ގެޒެޓާގެ އެޑިޓަރ އިން ޗީފް ޑިމިޓްރީ މުރަޓޯވްއަށް ނޯބެލް ސުލްހައިގެ އިނާމާއެކު ލިބުނު ރަން މެޑަލް އިއްޔެ ނީލަމުގައި 103.5 މިލިއަން ޑޮލަރަށް ވިކިއްޖެއެވެ. އާދަޔާއި ޚިލާފަށް ބޮޑު އަަގަކަށް ވިކުނު އެ މެޑަލް އޭނާ ނީލަމަށް ލީ އެ ވިއްކައިގެން ލިބޭ ފައިސާ ޔުކްރޭންގައި ހާލުގައި ޖެހިފައިވާ ކުޑަކުންނަށް އެހީގެ ގޮތުގައި ދިނުމަށެވެ.

މެޑަލް ނީލަން ކީ ހެރިޓެޖް އޯކްޝަންސްއިން ބުނިގޮތުގައި ފޯނުގެ ޒަރީއާއިން ކާކުކަން ނޭނގޭ މީހަކު ގަތް އެ މެޑަލަށް ލިބުނު ހުރިހާ ފައިސާއެއް ހަދިޔާ ކުރާނީ ޔުނިސެފްގެ ހިއުމަނިޓޭރިއަން ރެސްޕޮންސް ފޯ ޔުކްރޭނިއަން ޗިލްޑްރެން ޑިސްޕްލޭސްޑް ބައި ވާރ އަށެވެ.

ފާއިތުވި 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މުރަޓޯވްއަށާއި ފިލިޕީންސްގެ ނޫސްވެރިޔާ މާރިޔާ ރެސާއަށް ނޯބެލް ސުލްހައިގެ އިނާމު ދީފައިވަނީ "ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ރައްކާތެރިކަމާއެކު ދެމެހެއްޓުމަށް އެމީހުން ކޮށްފައިވާ މަސައްކަތަށެވެ."

ރަޝިޔާ ނޫސްތަކުގައި ސަރުކާރަށް ފާޑުކިޔާ މީހުންނަށް ޖަލަށްލުން ފަދަ އަދަބުތައް ދޭން ކަނޑައެޅުމާ ގުޅިގެން މުރަޓޯވްގެ ނޫސް، ނޮވަޔާ ގެޒެޓާ، ރަޝިޔާގައި ނެރުން ވަނީ ފާއިތުވި މާރިޗު މަހު ހުއްޓާލާފައެވެ. އެހެންނަމަވެސް، އެނޫހުގެ އޮންލައިން ދެ އެޑިޝަނެއް އިނގިރޭސި ބަހުނާއި ރަޝިޔާ ބަހުން މިހާރުވެސް ނެރެއެވެ.

މުރަޓޯވް އަކީ ސޮވިއެޓް ޔުނިއަން އުވި ދިއުމަށް ފަހު 1993 ވަނަ އަހަރު އެހެންނޫސްވެރިންތަކަކާއެކު ނޮވަޔާ ގެޒެޓާ ނޫސް ނެރެން ފެށި އެ ނޫހުގެ އެއް ބާނިއެވެ. ދާދި ފަހަކާ ޖެހެންދެން އޭ ނޫހަކީ ރައީސު ވްލާޑިމީރް ޕުޓިންގެ ސަރުކާރަށް ފާޑުކިޔަމުން އައި ހަމައެކަނި ނޫހެވެ.

ފާއިތުވި އެޕްރީލް މަހު މުރަޓޯވް ރޭލެއްގައި ދަތުރުކޮށްފައި ދަނިކޮށް އޭނާގެ ގަޔަށް ދަވާދު ޖަހެމުގެ ސަބަބުން އޭނާ ލޮލަށް ގެއްލުންވެފައި ވާއިރު، 2000 ވަނަ އަހަރުން ފެށިގެން ނޮވަޔާ ގެޒެޓާގެ ނޫސްވެރިންނާއި، ލިޔުންތެރިންގެ ތެރޭން 6 މީހަކު މަރާލާފައި ވެއެވެ.

އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އިން ލަފާކުރާ ގޮތުގައި ރަޝީޔާއިން ޔުކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން 6.6 މިލިއަން މީހުން ވަނީ ގައުމު ދޫކޮށް އަވަށްޓެރި ޕޮެލެންޑް، ރޯމޭނިޔާ، ހަންގެރީ، މޮލްޑޯވާ އަދި ސްލޮވާކިޔާއަށް ހިޖުރަކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.