(14 ޖޫން 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ރަޖްނީ އާދޭސްކުރާ ގޮތަކަށް ބުނެލިއެވެ. އޭނާ އެހެން ބުނިގޮތުގައި އެކުލެވިފައިވާ މަޢުޞޫމިއްޔަތާއި އިލްތިޖާގެ އަސަރުން އަޝޯކްއަށް އެކަމާ ދެކޮޅު ހަދާކަށް ނުކެރުނެވެ. އެ އަންހެންކުއްޖާގެ އެކަނިވެރިކަމާއި ކުރާނެކަމެއް ނެތްކަން އަޝޯކްއަށް ވެސް އިޙްސާސްކުރެވެއެވެ. އެހެން ކަމުން އިރުކޮޅަކު ހިމޭނުން، ވިސްނާލުމަށް ޓަކައި އިނުމަށްފަހު އެތެރޭން ބާލީހަކާއި ކަފަގަނޑެއް(ގޮދަޑިއެއް) ގެނެސް ހޯލްގެ ތަޅުންގަނޑުމައްޗަށް ވައްޓާލައިފިއެވެ. އޭނާގެ މި ހެޔޮކަމަށް ރަޖްނީ ޝުކުރު އަދާކުރަން އުޅެނިކޮށް އަޝޯކް އަވަސް އަވަހަށް އޭނާގެ ނިދާކޮޓަރިއަށް ވަދެ ދޮރު ލައްޕާ އެތެރޭން ތަންޑު އަޅައިފިއެވެ.
އަޝޯކްއަށް އެވީގޮތާ މެދު ރަޖްނީގާތަށް ހިނިއައެވެ. އިރުކޮޅަކު ވިސްނާލަން ހުރެފައި ގޮދަޑިމަތީގައި އޮށޯވެއްޖެއެވެ. އޭނާ އޮށޯތޯ ބާލީސް ފައިދަށަށް ލައިގެން ބަންޑުންނެވެ. ދެއަތުގައި ދެއޮޅަނބޮށި ވިއްދާލައިގެން މޫނު ދެއަތުން ހިފަހައްޓާލައިގެންނެވެ. އޭރު އޭނާގެ ލޮލުން ފެންނަނީ އުފާވެރިކަމުގެ އަސަރުތަކެވެ. ކުއްލިއަކަށް އޭނާ ހިތަށް ލާނެއް ޚިޔާލެއް ވަދެއްޖެއެވެ. މަޑުމަޑުން ތެދުވެގެންގޮސް އަޝޯކް ނިދަން އޮތް ކޮޓަރީގެ ދޮރުގެ ބޭރުން ތަންޑު އަޅުވާލައިފިއެވެ. އެއަށް ފަހު ރަޖްނީ އަލުން އައިސް ކުރިންވެސް އޮތްގޮތަށް ބަންޑުން އޮށޯވެއްޖެއެވެ. އަދި ދެފައި ނަގައިގެން މަޑުމަޑުން ހަލުވަން ފަށައިފިއެވެ. ޗުން..ޗުން..ޗުން..ޗުން.. އޭނާގެ ފައިގައި އަޅާފައިވާ ކެވެލިތަކުގެ އަޑު މާޙަވްލުގެ ތެރެއަށް ފެތުރިގެން ހިނގައްޖެއެވެ.
ކޮޓަރިތެރޭގައި އޮތް އަޝޯކްއަށް މިއަޑު އިވުމުން އޭނާ ބޭޤަރާރުކަން އިތުރުވެގެން ދިޔައެވެ. އޭނާ ނިދި ފިލައިފިއެވެ. ބޭރުގައި އޮތް ރަޖްނީ ފައިގެ ކެވެލިފަށްތަކުގެ އަޑާގުޅޭ ރާގަށް ލަވައެއް ވެސް ކިޔަން ފަށައިފިއެވެ.
"ރިމްޖިމް ބަދްރުވާ ބަރްސޭ..."
ބޭރުގައި ވަރަށް ބޯކޮށް ވާރޭ ވެހެމުންދަނީއެވެ. އެތެރޭގައި އަޝޯކް ހިތުގައި ތޫފާނެއްގެ ވައި ދަތުރުކުރަނީއެވެ. ޖަޛްބާތުގެ މިގަދަ އޮއިވަރުގައި އޭނާ ކިބައިގައިވާ މާތް އަޚްލާޤްވެސް ބެހެމުން ދަނީއެވެ. އެ އޮއިވަރުގެ މައްޗަށް ބާރުފޯރުވޭތޯ، އެ ތޫފާނުގެ ވައިން ސަލާމަތްވެވޭތޯ ކުރެވޭ މަސައްކަތްތަކުގެ ސަބަބުން އޭނާވަނީ ދާހިއްލާފައެވެ. މިފަދަ ފިނި ވިއްސާރަ ރޭގަނޑެއްގައެވެ. ނަމަވެސް އޭނާގެ ހިތުގެ ތޫފާން ހައްތާވެސް ދިޔައީ އޭގެ ބާރު ގަދަވަމުންނެވެ. އެންމެ ފަހުން ޖަޛްބާތުގެ އޮއިވަރުގައި ބެހިގެންގޮސް އެނދުން ތެދުވެވިއްޖެއެވެ. އަދި މަޑުމަޑުން އައިސް ކޮޓަރީގެ ދޮރުކައިރިއަށް ހުއްޓެވިއްޖެއެވެ. ދޮރު ހުޅުވަން މަސައްކަތް ވެސް ކުރެވިއްޖެއެވެ. ނަމަވެސް ދޮރެއް ނުހުޅުވުނެވެ. ދޮރު ވަނީ ބޭރުން ތަންޑު އަޅުވާފައެވެ. އަޝޯކް ހާސްވާގޮތް ވެއްޖެއެވެ. ރަޖްނީ ކިޔަމުންދާ ލަވަ ހަމަ އެގޮތަށް ކިޔަމުންދެއެވެ.
"ރިމްޖިމް ބަދްރުވާ ބަރްސޭ..." އަޝޯކް އާ ހިތްވަރެއްލާފައި ދޮރު ހުޅުވޭތޯ މަސައްކަތް ކުރިއެވެ. ދޮރުގައި ލާފައިވާ ތަޅުގެ މުށްގނޑު ހެލޭތަން ރަޖްނީއަށް ފެނެއެވެ. އަދި އެތެރޭން އަޝޯކް އެ ދޮރު ހުޅުވަން މަސައްކަތް ކުރަނީކަން ވެސް އެނގެއެވެ. އެއާއެކު އެ ވަގުތު އަޝޯކްގެ ހިތުގައި ހިނގަމުންދާނޭ ޝުޢޫރުތައް ވެސް ރަޖްނީއަށް އިޙްސާސް ކުރެވެއެވެ. އޭނާގެ ބޭޤަރާރުވުމާއި އޭނާގެ ހިތްތެޅޭނޭ ވަރު ވަޒަން ކުރަމުން ރަޖްނީ ހިތާހިތާ އުފާކުރަމުން ދިޔައެވެ. ނަމަވެސް މި ސީދާސާދާ ޒުވާނާ މިއަށްވުރެ ކުރިއަށް ފުރުޞަތުގައި ގެންދާކަށް އޭނާ ޤަސްދެއް ނުކުރެއެވެ. އެހެންކަމުން އޭނާ ކިޔަމުންދާ ލަވައިން އޭނާގެ އަމިއްލަ ހިތުގައި ހިނގަމުންދާ ޖަޛްބާތުގެ އެއްވެސް އަސަރެއް ފާޅުވިޔަނުދެއެވެ. އަދި އޭނާ ލަވަކިޔަމުން ދިޔައީ އަޝޯކްގެ ހިތުގައި އުފެދުމުންދާ ޠޫފާނުގެ އެއްވެސް ޚަބަރެއް އޭނާއަށް ނޭނގޭކަމަށް ހީވާހާވެސް ދުރުގޮތެއްގައެވެ. އަޝޯކް ހޭލާ އުޅޭކަންވެސް އޭނާއަށް ނޭނގޭއޭ ހީވާގޮތެއްގައެވެ. އަނެއް ކޮޅުން އަޝޯކްވެސް ކޮޓަރީގެ ދޮރުކައިރީގައި އިރުކޮޅަކު ހުރެފައި، އޭނާގެ ހިތުގައި އުފެދުނު ޖަޛްބާތުގެ މައްޗަށް ބާރުފޯރުވާލައިގެން އޭނާގެ އެނދާ ދިމާއަށް އެނބުރި ހިނގައިގެންފިއެވެ. އަދި ކުރާނެ ކަމެއް ނެތިގެންނާއި މަޖްބޫރުވެގެން އެނދުގައި އޮށޯވެގެން ނިދޭތޯ މަސައްކަތް ކުރަން ފަށައިފިއެވެ.
ވާރޭ ހުއްޓުމެއްނެތި ވެހެމުން ދިޔައެވެ. ދޭތެރެދޭތެރެއިން ވަރަށް ބާރަށް ވިދާލައެވެ. އަދި އެހާމެ އަޑުގަދަކޮށް ގުގުރިވެސްޖަހައެވެ.
ހެނދުނު އަޝޯކްއަށް ހޭލެވުނީ ތަންކޮޅެއް ދުރުގައި ހުރި ފައްޅީގެ ރަނގަބީލުގެ އަޑަށެވެ. އޭނާ ލޯހުޅުވާލާފައި ބަލާލިއިރު ރަނގަޅަށް އަލިވެސް ވެއްޖެއެވެ. އެހެންކަމުން އަވަސް އަވަހަށް ތެދުވެގެން އޭނާ ކޮޓަރީގެ ދޮރާދިމާއަށް ހިނގައިގަތެވެ. އޭނާ ހީކޮށްގެންހުރީ ދޮރު ހުންނާނީ ބޭރުން ބަންދުކޮށްފައި ކަމަށެވެ. ނަމަވެސް ދޮރު ހުޅުވާލަން ހިފުމާއެކު އެއްވެސް ދަތިކަމެއް ނެތި ދޮރު ހުޅުވިއްޖެއެވެ. އޭނާ އަވަސް އަވަހަށް ހޯލްގެ ތެރެއަށް ނުކުމެއްޖެއެވެ. އަދި ހަތަރުފަރާތަށް ބަލާލައި ހޯދާލިއެވެ. އޭނާ ހޯދަމުންދަނީ ރަޖްނީއެވެ. އޭނާގެ ނަޒަރު ގޮސް ހުއްޓުނީ ރޭގައި ރަޖްނީ އޮތް ތަނަށެވެ. މިހާރު ރަޖްނީ އެތާކު ނެތެވެ. އޭނާ ގޮސް ނިމިއްޖެއެވެ. އެތާނގައި މިހާރު އޮތީ އޮޅާލާފައި އޮތް ގޮދަޑިއަކާއި ބާލީހެކެވެ. އަޝޯކްއަށް އެދިމާ ހިނގައި ގަނެވުނެވެ. އަދި ހިތާމައިން ފުރިފައިވާ ނަޒަރަކުން އެ ގޮދަޑިއަށާއި ބާލީހަށް ބަލަން ހުރެވުނެވެ. އެއީ މިހާރު ހަމައެކަނި ހަނދާނެކެވެ. ރޭގައި އެ ތަކެތީގެ ބޭނުން ކުރި ކުއްޖެއްގެ ހަނދާނެކެވެ.
ރަޖްނީ ސްކޫލްގެ ލޯންގައި އިށީދެލައިގެން އިނދެ އޭނާގެ ފުރާނައަށްވުރެ ވެސް ލޯބިވާ ކޮއްކޮ ދީޕަކަށް ކާންދޭނީއެވެ. ލޯންގައި ބައެއް ކުދިން ދުވެ ސަކަރާތްޖަހަން އުޅެއެވެ. އަނެއްބައި ކުދިން ތިބީ ކޮންމެވެސް އެއްޗެއް ކާންށެވެ. ދީޕަކް ކަމުންގޮސް ހުއްޓާލާފައި ބުންޏެވެ.
"ދައްތާ... ދެންހެޔޮ!"
"ކޮއްކޯ.. އަދި އެއްރޮށި ކާލާ..." ރަޖްނީ ލޯބިން ބުނެލިއެވެ.
" ނޫން ދައްތާ.. ބަނޑު ބޮޑުވެއްޖެ" ދީޕަކް ބަނޑުގައި އަތް ޖައްސާލާފައި ބުންޏެވެ.
"އެންމެ ރަނގަޅު... ދެން މި ލައްޑޫ ކާލާ" ރަޖްނީ ކާއެއްޗެތި އަޅާފައިވާ ޕްލާސްޓިކް ފޮށިން ލައްޑޫއެއް ނަގާފައި ދީޕަކްއަށް ދެމުން ބުންޏެވެ. ދީޕަކް ލައްޑޫ ކާންފެށުމާއެކު ކޮންމެވެސް އެއްޗެއް ހަނދާން ވެގެން ލައްޑޫ ރަޖްނީ އަތަށް ދިއްކޮށްލިއެވެ. އަދި އޭނާގެ ދަބަހުގެ ތެރެއިން ސްކޫލްގެ ރިޕޯޓް ނަގާފައި ރަޖްނީ އަތަށް ދެމުން ބުންޏެވެ.
"ދައްތާ... މިއޮތީ އަޅުގަނޑުގެ ރިޕޯޓް... އަޅުގަނޑު ފާސްވި..."
"ސާބަސް... ކޮއްކޯ!" ރަޖްނީ ރިޕޯޓް ބަލާލާފައި ބުންޏެވެ. "ދައްތަ ވަރަށް އުފާވެއްޖެ.. އެކަމަކު އިނގިރޭސިން ލިބިފައި މިއޮތީ މާރަނގަޅު މާކްސްއެއް ނޫން."
"ކީއްކުރާނީ ދައްތާ! ނުލާހިކު ބޮޑު މަސައްކަތް ކުރިން!" އެކަމަކު އިނގިރޭސީން ދަށްވެގެން ޑަކްޓަރަކަށް ވެވޭނީ ކިހިނެއް؟ ރަޖްނީ އޭނާގެ ކޮއްކޮއަށް ހިތްވަރު ދިނުމުގެ ގޮތުން ބުންޏެވެ.
އެވަގުތު މާސްޓަރް ކަމަލް އައިސް އެމީހުން ކައިރިއަށް ހުއްޓިއްޖެއެވެ. އޭނާ ފެނުމާއެކު ދީޕަކް ފުންމައިގެން ތެދުވެފައި ބުންޏެވެ.
"އޯ..މާސްޓަރ ޖީ... ދައްތާ- މިއީ އަޅުގަނޑުމެންގެ އައު މާސްޓަރް އަޅުގަނޑުމެންނަށް އިނގިރޭސިބަސް ކިޔަވައި ދެއްވަނީ މި މާސްޓަރު!"
ރަޖްނީ ސަލާމްކޮށްލުމުގެ ގޮތުން ދެއަތް ކައިރިކޮށްލާފައި ނަމަސްތޭ އޭ ބުންޏެވެ. ކަމަލް ސަލާމަށް ޖަވާބު ދިނުމަށް ރަޖްނީ ބުންޏެވެ.
"ބްރިޓިޝްނާ ކޮލެޖްގައި ހުންނަވަން ދުރުވި ޓީޗަރަކީ ކަލާ ދޮގެއްތޯ؟
"ލައްބަ... ދިޕަކް އުޅެނީ އެތަނާ ދާދިކައިރީ ތަނެއްގައޭ އޭނާ އަޅުގަނޑު ގާތުގައި ބުނި … ދީޕަކް އެއީ ވަރަށް ބަސްއަހާ ކުއްޖެއް.." ކަމަލް ދީޕަކްގެ ބޮލުގައި ފިރުމާލާފައި ބުންޏެވެ.
"އެކަމަކު މީނާ އިނގިރޭސި ބަހަށް ވަރަށް ދެރަ މާސްޓަރް ޖީ!"
"މަސައްކަތްކޮށްފިއްޔާ އެ ދެރަކަން ފިލައިގެން ހިނގައިދާނެ"
"ވެލައްވަންޏާ ކަލާ އޭނާގެ އެ ދެރަކަން ފިލުވައިދެއްވާ. ކަލާއަށް ދޭންޖެހޭ ފީއެއް އަޅުގަނޑު ދީފާނަން"
"ފީއެއްގެ ވާހަކައެއް ބޭނުމެއް ނޫވޭ. އެނާ ބޭނުން އިރަކު އަޅުގަނޑު ކައިރިއަށް ކިޔަވާން އާދޭ. އަޅުގަނޑު އޭނާއަށް ކިޔަވައިދޭނަން" ކަމަލް ވަރަށް ހިތްހެޔޮކަމާއެކު ބުންޏެވެ.
"ވަރަށް ބޮޑަށް ޝުކުރިއްޔާ" ރަޖްނީ އިޙްސާންތެރިގޮތަކަށް އޭނާއާ ދިމާއަށް ބަލާލިއެވެ. އަދި ކާއެއްޗެތި އަޅައިގެން ގެނައި ފޮށި ބަންދުކޮށްލައިގެން އެތަނުން ދާން ހިނގައިގެންފިއެވެ. ނަމަވެސް ވަކިވުމުގެ ކުރިން އަދި ވެސް އެއްފަހަރު އޭނާ ކަމަލްއާ ދިމާއަށް ނަމަސްތޭއޭ ބުނެލިއެވެ.
(ނުނިމޭ)