ކީރިތި ޤުރުއާނުގައިވާ، ސައިންސްގެ ހެކިތައް - 1

ކަމެއް ނުވާނެކަމުގެ ދަރަޖަ މަތިވާ ވަރަކަށް، އެއީ ޢަޖައިބަކަށް ނުވަތަ މުޢުޖިޒާތަކަށް ވުމުގެ މިންގަނޑު ބޮޑުވާނެއެވެ. އެއީ، ބުއްދިޔަށް ޤަބޫލު ކުރެވޭނެ ޙަޤީޤަތެކެވެ. މިސާލަކަށް، އަޅުގަނޑުމެންގެ ކުރިމަތީ މީހަކު މަރުވެ، ތަޖުރިބާކާރު ޑޮކްޓަރަކު އެ މަރު ކަށަވަރުކޮށް ސެޓްފިކެޓް ދީފައިވެއެވެ. އެއަށްފަހު، ދީނީ ނުވަތަ ރޫޙާނީ އިމާމެއް، ފުރާނަނެތް އެމަސްގަނޑު ތެދުވުމަށް އަމުރުކުރެއެވެ.  އެންމެން ސިއްސުވާލައި، އެމީހާ ތެދުވެ ހިނގާފައި ދިއުމުން، އަޅުގަނޑުމެން ބަލާނީ އެއީ މުޢުޖިޒާތެއްކަމުގައެވެ. އެކަމަކު، މަރުވެފައިވާ އެ އިންސާނާ ދިރިގެން ތެދުވީ، ގަބުރު ބާއްވާ މޯޗަރީގައި ތިންދުވަސް ވަންދެން އޮތުމަށްފަހުގައިކަމަށް ވާނަމަ، އެކަން އަޅުގަނޑުމެން ބަލާނީ ބޮޑު މުޢުޖިޒާތެއްކަމުގައެވެ. އަދި، އެ ޤަބުރު ކަށްވަޅުގައި އޮވެ ކުނިވެ މަހާކައްޓާ ވަކިވެ ވެއްޔަށް ވާފަހުން، ކަށްވަޅުން ނުކުމެ، ދިރިގެން ތެދުވާން ދިމާވީ، އެތައްދިހަ އަހަރެއްގެ ނުވަތަ އެތައް ޤަރުނެއްގެ ފަހުން ކަމަށްވާނަމަ، އަޅުގަނޑުމެން ބަލާނީ އެއީ ބޮޑުވެގެންވާ މުޢުޖިޒާތެއްކަމުގައެވެ.

ކީރިތި ޤުރުއާން ބާވައިލެއްވުނީ، ޖާހިލުކަން އިންތިހާއަށް ގޮސް، އަމިއްލަ އަތުންހަދާ ބުދުތަކަށް އަޅުކަންކޮށް، މުޅި ދުނިޔެ ފަސާދަވެފައިވާ ވަގުތެއްގައި، ޖާހިލުކަމާއި އަނިޔާވެރިކަމާއި ފަސާދަ، އިންތިހާއަށް ގޮސްފައިވާ ތަނަކަށެވެ. އެޤުރުއާން ބާވައިލެއްވުނީ ޢަރަބިބަހުން، ޢަރަބީންގެ މައްޗަށެވެ. އެހެންނަމަވެސް، ވަރަށްގިނަ މުޢުޖިޒާތާއި ސައިންސްގެ ހެކިތައް އެފޮތުގައި އައިސްފައި ވެއެވެ. މިހެކިތަކަކީ، އެދުވަސްވަރު ފެނުނު ހެކިތަކެއްނޫނެވެ. ކީރިތި ޤުރުއާނުގައި ބަޔާންވެގެންވާ އެހެކިތައް ލޮލަށް ނުފެނުނުނަމަވެސް، ތަޖުރިބާކޮށް ތަޙުލީލުކުރަން ނޭނގި އެފުރުޞަތު ނެތްނަމަވެސް، އީމާންވީ މީސްތަކުންވަނީ ތެދުހިތުން ހިތުގެއަޑިން އެކަންކަން ޤަބޫލުކޮށްފައެވެ. އެހެކިތައް ފެނި، އެނގި ކަށަވަރުވާންފެށީ މިފާއިތުވެދިޔަ 100 އަހަރުގެ ތެރޭގައެވެ. ޢިލްމުވެރިންނާއި ދަންނަބޭކަލުން ކީރިތި ޤުރުއާނުން ނެރެ އެހުށަހަޅުއްވަނީ، ކައުއިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ރަސޫލުކަމުގެ ދެބަހެއްނުވެވޭނެ ސާފުހެކިތަކެވެ. ކީރިތި ﷲ ގެ މަތިވެރިވަންތަ ޙަޟުރަތުން، މީގެ 14 ޤަރުނުއަހަރުކުރިން ބާވައިލެއްވުނު ފޮތުން ފެންނަންހުރި ސައިންސްގެ ހެކިތައް ފައުޅުވަމުންދިޔައީ އޭގެ އެތައް ޤަރުނެއްފަހުންނެވެ. ކީރިތި ޤުރުއާނުން ހެކިލިބޭ، ސައިންސްގެ ހެކިތަކުން  7 ހެއްކެއް މިލިޔުމުގައި ފާހަގަ ކޮށްލާނަމެވެ.

(1) ދުނިޔެ އުފެދުން

ދުނިޔެ އުފެއްދެވިގޮތާބެހޭގޮތުން، ތަވްރާތުގައިވެސް ﷲ ސުބްޙާނަހޫ ވަތަޢާލާވަނީ ކަންތައްތަކެއް ބަޔާންކޮށްދެއްވާފައެވެ. އެއީ އަޅުގަނޑުމެން އެންމެންނަށްވެސް ޢާންމުކޮށް އެނގޭ ކަމެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ، ދުނިޔެ އުފެއްދެވީ 6 ދުވަހުންނެވެ. ދުނިޔަވީ ޢާލަމުގެ އުފެއްދުންތެރި ކުރިއެރުންތަކުގެ ތަރައްޤީގައި ދުނިޔެ އާބާދުކުރެއްވުމަށްޓަކައި އާދަމްގެފާނު ދުނިޔެއަށް ފޮނުއްވިއެވެ. މިހުރިހާކަމަކީވެސް، އިސްލާމްދީނުގައިވެސް ޤަބޫލުކުރެވޭ އަސާސްތަކެވެ. ދުނިޔޭގެ އަސްލާއި އުފެދުމުގެ ތަފްޞީލުތައް ބަޔާންކުރައްވައި، ކީރިތި ޤުރުއާން އެއްހަރުފަތް ކުރިޔަށް ޖެހިލިއެވެ. ކީރިތި ޤުރުއާން ބާވައިލެއްވުމުން، އޭގެކުރިން ބާވައިލެއްވުނު އެހެންހުރިހާ ފޮތްތަކެއް މަންޝޫޚުވެ ބާތިލްވިއެވެ. ކީރިތި ޤުރުއާނުގެ ފުއްޞިލަތުގެ ސޫރަތުގެ 11 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ، ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

"ދެން، ދުމެއްގެ ސިފައިގާ އުޑުވަނިކޮށް، އުޑުހައްދަވައި، ފުރިހަމަކުރެއްވުމަށް އެކަލާނގެ އިރާދަކުރެއްވިއެވެ. ފަހެ، އެކަލާނގެ އެ އުޑަށާއި ބިމަށް ވަޙީކުރެއްވިއެވެ. ރުހުމުގައި ނުވަތަ ނުރުހުމުގައިވިޔަސް، ( ފުރާ ފުރިހަމަވެގެން ) އަންނާށެވެ ! އެ އުޑާއި ބިން ދެންނެވިއެވެ. ތިމަންމެން ރުހުމުގައި އަތުވެއްޖައީމުއެވެ."

ޢާލަމްތައް އުފެދުމުގެ އަޞްލާއި ހެކިތައްހޯދާ ސައިންޓިސްޓުން ބުރަވާގޮތުގައި، ދުނިޔެ އުފެދުމުގެ ކުރިން، އުޑަކީ، އޮލަ ދުންގަނޑެކެވެ. ބޯ ދުންގަނޑުން އުފެދޭ ވިލާގެ ތެރެއިން، ތަރިތައް ހޯދުމަކީ، މިޒަމާނުގެ ސައިންޓިސްޓުން ކުރަމުން އަންނަ ކަމެކެވެ. މަތީގައި ބަޔާންކުރެވިފައިވާ އާޔަތުގެ އަޑުއަހާފައި، ޑރ. އަލްފްރެޑް ކްރޯނަރ އަށްލިބުނު ޙައިރާންކަމަކީ، ސައިންސްގެ ދުނިޔޭގައި ފާހަގަކޮށްލެވިފައިވާ ކަމެކެވެ. ޑރ. ކްރޯނަރ އަކީ ޖަރުމަނުވިލާތުގެ ޖޯހަންސް ގުޓެންބަރގ ޔުނިވަރސިޓީގެ، އިންސްޓިޓިއުޓް އޮފް ޖިއޯސައިންސަސްގެ ޑިޕާރޓްމަންޓް އޮފް ޖިއޮލޮގީގެ ޗެއަރމަނެވެ. އޭގެމާނައަކީ، ޢާލަމާއި ތަރިތަކާބެހޭ އަސްލާއި ހެކިތައް ހޯދާ ސައިންޓިސްޓުންނަށް، އެކަމާބެހޭގޮތުން ލިބިފައިވާ މަޢުލޫމާތަކީ މުޅިން ޞައްޙަނޫން އެއްޗެއްކަމެވެ. ޙަޤީޤަތް ބަޔާންކުރައްވާފައިވަނީ ކީރިތި ޤުރުއާނުގައިކަމެވެ.

ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ކީރިތި ޤުރުއާނާބެހޭގޮތުން، ޑރ. ކްރޯނަރ ވިދާޅުވެފައިވަނީ، ދުނިޔެ އުފެދުނުގޮތުގެ މަޢުލޫމާތު، އެކަލޭގެފާނަށް އެދުވަސްވަރު އެނގިވަޑައިގަތުމަކީ ކަށަވަރުންވެސް ނާދިރުކަމެއްކަމުގައެވެ. ސައިންޓިސްޓުންނަށްވެސް، އެންމެ ޒަމާނީ އާހޯދުންތަކުން އުފައްދާފައިވާ ތަކެތީގެ އެހީގައި، ދުނިޔެ އުފެދުނުގޮތާބެހޭ މަޢުލޫމާތާއި ޢިލްމު ހޯދިފައިވަނީ ދާދި މިދާކަށް ދުވަހުއެވެ. އެއީ މީގެ 1400 އަހަރުކުރީގައި އެއްވެސްތާކު ހުންނާނެ މަޢުލޫމާތެއްނޫނެވެ. އެ މަޢުލޫމާތުވަނީ ކީރިތި ޤުރުއާނުގައެވެ. އިންސާނާ އޭނާގެ ބުއްދީގެ ބޭނުންކޮށްގެން، ﷲ ގެ ކުޅަދުންވަންތަކަމާއެކު އެ ހޯދައި، އޭގެ ފައިދާ މިބިންމަތީގައި ހެޔޮގޮތުގައި ލިބިގަތުމަށްޓަކައެވެ.

(2) ދަރިމައިވެ އިންސާނާގެ އުފެދުން

އަންހެނާގެ ބަނޑުގައި އިންސާނާ ގަރުބަގަނެ، ދަރިމައިވެ، އެއަށްފަހު އިންސާނާ އުފެދި ދިރުންލިބި އުފަންވުމާހަމަޔަށް ހުރި ހަރުފަތްތަކާބެހޭ މަޢުލޫމާތު، ކީރިތި ޤުރުއާނުގައި ވަރަށް ޞަރީޙަކޮށް ބަޔާންކުރައްވާފައި ވެއެވެ. ކީރިތި ޤުރުއާން ބާވާލައްވާފައިވަނީ ޢަރަބިބަހުންނެވެ. އެހެންކަމުން އެކަމާގުޅިގެން ކީރިތި ޤުރުއާނުގައި އައިސްފައިވާ ޢަރަބި ބަސްތައް ތަރުތީބުމަގުން އެމުނިއެތުރިގެން ދިއުމުގައި ޢަޖައިބެއްފަދަ ރޫޙާނީ މުޢުޖިޒާތްތަކެއް ފެނިގެން ދެއެވެ. އިންސާނާގެ އުފެދުމާބެހޭގޮތުން ކީރިތި ޤުރުއާނުގެ އަލްމުއުމިނޫން ސޫރަތުގެ 12، 13 އަދި 14 ވަނައާޔަތުގައި، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާ އަންގަވާފައި ވެއެވެ.

"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މަށީގެ ޚުލާޞާއިން އިންސާނާ (އެބަހީ : އާދަމުގެފާނު) ހެއްދެވީމެވެ. ދެން ތިމަން ރަސްކަލާނގެ އެއިންސާނާ، ރައްކާތެރިތަނެއްގައި މަނިތިއްކެއްގެ ގޮތުގައި ލެއްވީމެވެ. ދެން، ތިމަން ރަސްކަލާނގެ އެ މަނިތިކި، ގަނޑުލޭކޮޅަކަށް ހެއްދެވީމެވެ. ދެން، އެ ގަނޑުލޭކޮޅު، މަސްކޮޅަކަށް ހެއްދެވީމެވެ. ދެން އެމަސްކޮޅު، ކަށްޓަށް ހެއްދެވީމެވެ. ދެން އެ ކަށީގައި މަސްލެއްވީމެވެ. ދެން އެހެން އުފެއްދެވުމަކުން އެއިންސާނާ އުފެއްދެވީމެވެ. ފަހެ، އެންމެ ފުރިހަމަޔަށް ތަކެތި ހައްދަވާ ﷲ، މަތިވެރިވެ ވޮޑިގެންވެއެވެ."

އިންސާނާގެ އުފެދުމާގުޅިފައިވާ ހުރިހާ ޙަޤީޤަތްތަކެއް މިހާރުވަނީ ލިޔެވިފައެވެ. މިފަދަލިޔުންތަކުގެތެރޭގައި، ޕްރޮފެސަރ އެމަރިޓަސް ކީތު އެލް ގެ ލިޔުންތައް ފާހަގަކޮށްލެވެއެވެ. ޕްރޮފެސަރ ކީތުވަނީ، ސުޢޫދީ ޢަރަބިއްޔާއަށް ވަޑައިގެން މި މަވްޟޫޢަށް ތަޤްރީރު ކުރައްވާފައެވެ. ކީރިތި ޤުރުއާނުގެ ޢިލްމުގައި އިންސާނާގެ އުފެދުމާބެހޭގޮތުން އައިސްފައިވާ ސައިންޓިފިކް ހެކިތަކާގުޅުވައި، ޕްރޮފެސަރ ކީތު ވިދާޅުވެފައި ވެއެވެ.

"މިހެކިތައް، މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށް އަންގަވާފައިވަނީ (ކީރިތި) ﷲ ގެ ޙަޟުރަތުންކަން، އަޅުގަނޑަށް ޝައްކެއްނެތި ޤަބޫލުކުރެވެއެވެ. ސަބަބަކީ، މިއިން އެއްވެސް މަޢުލޫމާތަކީ، ދާދިމިދާކަށްދުވަހު ނޫނީ ސައިންސުން ހޯދިފައިވާ އެއްޗެއްނޫނެވެ."

(3) ސިކުނޑީގެ މަސައްކަތް

ސުޢޫދީ ޢަރަބިއްޔާގައިވެސް މީލާދީ ސަނަތުން  7 ވަނަ ޤަރުނާހަމަޔަށް އައިއިރުވެސް، ސިކުނޑި މަސައްކަތްކުރާ ގޮތާބެހޭގޮތުން އެނގިފައިވަނީ ނުވަތަ ހޯދިފައިވަނީ ވަރަށް މަދު މަޢުލޫމާތެކެވެ. ސިކުނޑި މަސައްކަތްކުރާ ގޮތާބެހޭގޮތުން، ކީރިތި ޤުރުއާނުގައި އައިސްފައިވާ އާޔަތްތައް އެހާބޮޑު ޢަޖައިބަކަށްވަނީ މިސަބަބަށްޓަކައެވެ. ސިކުނޑިއަކީ، އިންސާނާގެ ދިރިހުރުމާގުޅިފައިވާ އެންމެ މުހިންމު ގުނަވަނެވެ. އަޅުގަނޑުމެންގެ އަޑުއިވުމާއި ފެނުމާ، އިޙްސާސްވުމާއި ހަނދާނާ އަދި ޙަރަކާތާއި ވިސްނުމާ ފިކުރާ އަދި ޚިޔާލާތަކީ ސިކުނޑީގެ ކޮންޓްރޯލް އާ ގުޅިފައި ހުންނަ ކަންކަމެވެ. މިފަދަ އޮޅުންބޮޅުން ބޮޑު އަދި މަސްހުނި ޙަރަކާތްތަކެއް އެއްގުނަވަނަކުން ކޮންޓްރޯލްކޮށް ހިންގުމަކީ ބޮޑުވެގެންވާ މުޢުޖިޒާތެކެވެ. މިފަދަ ކަމެއް ޚާލިޤުވަންތަ ފަރާތަކަށް ފިޔަވައި އުފެއްދުމަކީ ކުރެވޭނެކަމެއްނޫނެވެ. ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 117 ވަނައާޔަތުގައި، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

"(އެކަލާނގެއީ) އިސްވެދިޔަ މިސާލަކާނުލައި އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ، ކަމަކަށް ނިޔާކުރައްވައިފިނަމަ، އެކަމަކަށް ވަޙީކުރައްވާކަން ކަށަވަރީ، "ވާށޭ" އެވެ! ދެން އެކަމެއް ވެދެއެވެ." މީގެ އިތުރަށް ކީރިތި ޤުރުއާނުގެ އައްނަޙުލު ސޫރަތުގެ 78 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ.

"ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭގޮތުގައިވާޙާލު، ތިޔަބައިމީހުންގެ ނައިންގެ ބަނޑުން، ތިޔަބައިމީހުން ނެރުއްވީ ﷲ އެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ. އެއީ ތިޔަބައިމީހުން، ޝުކުރު ކުރުމަށްޓަކައެވެ."  އަދިހަމައެފަދައިން، ކީރިތި ޤުރުއާނުގެ އަލްމުއުމިނޫން ސޫރަތުގެ 78 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައި ވެއެވެ.

"އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި އިވުމާއި ފެނުމާއި ހިތްތައް އުފެއްދެވި ރަސްކަލާނގެއެވެ. ތިޔަބައިމީހުން ޝުކުރުކުރަނީ، ވަރަށްވެސް މަދުންނެވެ."

ޚާލިޤުވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކަށަކުޅަދުންވަންތަކަން، މަތީގައިބަޔާންވެގެންވާ އާޔަތްތަކުން ޝައްކަކާނުލާ ކަށަވަރުކޮށްދެއެވެ. ސިކުނޑިއަކީ، އެތައްބަޔަކަށް ބެހި އެތައް މަސައްކަތެއް އެއްފަހަރާ ކުރަމުންގެންދާ ގުނަވަނެކެވެ. އިވުމާއި ފެނުމާއި ހިތުގެ ޙަރަކާތްތައް ގުޅިފައިވަނީ ސިކުނޑިއާއެވެ. އެތައްމިލިއަން ނާރެއްހިމެނިގެން އުފެދިފައިވާ ސިކުނޑީގެ މަސައްކަތް ހުއްޓިއްޖެނަމަ، ދުނިޔެއަށް އިންސާނާގެ ބޭނުން، އެހިސާބުން އެދިޔައީއެވެ. މިއީ ޢަޖައިބުންފުރިގެންވާ ގުނަވަނެކެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.