އެންމެން ޝާމިލްވާ ތަރައްޤީއަށް އެންމެ މަތީ ދަރަޖައަށް ފަތުރުވެރިކަމުގެ ސިނާޢަތުގެ ޤާބިލްކަން އިތުރުކުރަން ޖެހޭ: ނައިބު ރައީސް ފައިސަލް

އެންމެން ޝާމިލްވާ ތަރައްޤީއަށްޓަކައި އެންމެ މަތީ ދަރަޖައަށް ފަތުރުވެރިކަމުގެ ސިނާޢަތުގެ ޤާބިލްކަން އިތުރުކުރަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކްރޮސްރޯޑްގައި ފެށި "ޔޫއެންޑަބުލިޔުޓީއޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް" ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދު އިޢާދަކޮށް ގެއްލުންތަކުން އަރައިގަތުމަށް މަގުދައްކަވައި، ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންދަވަނީ ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށާއި އިޤުތިޞާދަށް ލިބެމުން އައި ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ އެމަނިކުފާނު ވިދާޅުވީ އިޤުތިޞާދު އިޢާދަކޮށް ހަރުދަނާ ކުރުމަކީ ގޮންޖެހުންތައް ބޮޑު ކަމެއް ކަމަށެވެ. އަދި އެންމެން ޝާމިލްވާ ތަރައްޤީއަށްޓަކައި އެންމެ މަތީ ދަރަޖައަށް ފަތުރުވެރިކަމުގެ ސިނާޢަތުގެ ޤާބިލްކަން އިތުރުކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމުހޫރިއްޔާގެ ނައިބު ވިދާޅުވީ ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަށް އެންމެންގެ އެއްބާރުލުން ދިނުމާއި، އައު އީޖާދުތައް ބޭނުންކުރުމާއި އޭގެ ފައިދާ މުޅި މުޖުތަމަޢަށް އިންސާފުވެރިކަމާއި ހަމަހަމަކަމާއި އެކު ޙިއްޞާކުރުމުގައި އީޖާދީ ވިސްނުންތަކެއް ގެންގުޅެން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރަމުން އަންނަ ދުވެލި މަޑުޖެހިފައި ވާއިރު، އެކަމަށް އުފެއްދުންތެރި ޙައްލުތަކެއް ބޭނުންވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ތިމާވެއްޓާއި ރަހުމަތްތެރި ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާޢަތް އަލުން ބިނާކުރުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެމަނިކުފާނު ވިދާޅުވީ، އަޅުގަނޑުމެންގެ ޘަޤާފީ އަދި ޤުދުރަތީ ތަރިކަ ރައްކާތެރިކުރާ ވަޞީލަތެއްގެ ގޮތުގައި ފަތުރުވެރިކަން އަލުން ބިނާކޮށް ރަނގަޅު ވަޒީފާތަކާއި އާމުދަނީ ލިބޭ ގޮތް ހެދުން މުހިއްމު ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.