ނެއްލައިދުގެ ތަރައްގީއަށް އެންމެ ބޮޑު އިސްކަމެއްދިނީ ރައީސް ސާލިހުގެ ސަރުކާރުން: ކައުންސިލް

ހދ. ނެއްލައިދުއަށް މީގެ ކުރިން ދުވަހަކު ވެސް އައިސްފައި ނުވާފަދަ ތަރައްޤީ އާއި ކުރިއެރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އައިސްފައިވާކަން ފާހަގަކޮށް އެރަށު ކައުންސިލުން އެކަން ފާހަގަކުރައްވައިފިއެވެ.

އެރަށު ކައުންސިލުން މިކަން ފާހަގަކުރީ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލާ ބައްދަލުކުރައްވާ އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ބޭއްވެވި މަޝްވަރާކުރެއްވުމުގައެވެ.

ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި މިބައްދަލު ކުރެއްވުމުގައި ނެއްލައިދޫ ކައުންސިލުން ވަނީ، ސަރުކާރުން އުތުރުގެ އަތޮޅުތަކުގައި ޤާއިމްކުރި ހައި ސްޕީޑް ފެރީގެ ޚިދުމަތާއެކު ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.

މިގޮތުން މިހާރު ލިބޭ ފެރީގެ ޚިދުމަތަކީ ފެންވަރު ރަނގަޅު އަދި ރައްޔިތުން ބަލައިގެންފައިވާ ޚިދުމަތެއްކަން ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި 2019 ވަނަ އަހަރު ރައީސުލްޖުމުހޫރިއްޔާ އާއި އެކު ނެއްލައިދޫ ކައުންސިލުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ހުށައެޅުއްވި ކަންކަން މިހާރު އެކި މަރުޙަލާތަކުގައި ހިނގަމުންދާކަން ކައުންސިލުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

ޚާއްޞަކޮށް ރަށުގެ ބަނދަރު ތަރައްޤީކުރެވި، ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރިޔަށްދާކަމާއި، ޒަމާނީ ޓަރފް ދަނޑެއް އެޅިފައިވާއިރު އިންޖީނުގޭގެ މަސައްކަތް ހިނގަމުންދާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

ރައްޔިތުންނަށް ދަތިވެފައިވާ ކަންކަމުގެ ތެރެއިން ރަށުގެ މަގުތައް ލެވެލްކުރުމާއި، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމާއި، ރައްކާތެރިގޮތުގައި ކުނިނައްތާލުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށާއި، އިޤުތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރުމަށް، ހދ. ހިރިނައިދޫ، ނެއްލައިދޫގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް ކައުންސިލުން ހުށައެޅުއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ، ސީދާ ކައުންސިލްތަކާއި ބައްދަލުކޮށް، މަޝްވަރާކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި، ނެއްލައިދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން މިއަހަރު ކޮށްދެވެން ހުރި ކަންކަމަކީ ކޮބައިތޯ ބައްލަވައި އެކަމާއި ގުޅޭ މުއްސަސާތަކަށް ހުށައަޅުއްވާނެ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ސްކޫލްގެ ޖާގައިގެ ދަތިކަން ޙައްލު ކުރުމަށާއި، ކައުންސިލްގެ އައު ޢިމާރާތެއް އެޅުމާއި ގުޅޭ މަސައްކަތްތައްވެސް ކަމާބެހޭ މުއައްސަސާތަކާއި ވާހަކަ ދައްކަވައިގެން ކުރިޔަށް ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޒިޔާދާއި، ނެއްލައިދޫ ކައުންސިލް މެމްބަރުންނާއި ނެއްލައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.