މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫގައި ފުލުހުންގެ ޚިދުމަތް ނެތުމުން ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާ އާ ހިއްސާ ކޮށްފިއެވެ.
މިކަން ހިއްސާކޮށްފައިވަނީ އެރަށު ކައުންސިލާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ ރާއްޖެ ހިންގަވާގޮތާއި މެދު ކަމަދޫ ރައްޔިތުން ތިބީ ހިތްހަމަޖެހިގެން ކަމަށާއި މީގެ ކުރިން ދުވަހަކުވެސް ކަމަދޫއަށް ހަމަޖެހިފައިނެތް ތަރައްޤީގެ މަޝްރޫޢުތައް މި ސަރުކާރުން ހަމަޖައްސަވައިދެއްވައިފައިވާތީ ރައީސުލްޖުމްހޫރިއްޔާއަށާއި އެމަނިކުފާނުގެ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.
އެރަށުގެ ތަރައްޤީއަށް ކުރިޔަށްދާ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާއިރު، މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި ކަމަދޫ ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ގޮތުގައި ކައުންސިލުން ފާހަގަކުރައްވާފައި ވަނީ ރަށްގިރާ މައްސަލައާއި ކަމަދޫ ސްކޫލްގެ ޖާގައިގެ ދަތިކަމެވެ. އަދި ރަށުގައި ފުލުހުންގެ ޚިދުމަތް ނެތުމުން ހުރި ކަންބޮޑުވުންތަކާއި ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން މިސްކިތުގެ ޢިމާރާތް ގިނަ ދުވަސްވެފައިވުމުގެ ސަބަބުން ހުރި ދަތިތަކާއި ކަމަދޫގައި ތަރައްޤީކުރާ ބަނދަރާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ވެސް ވަނީ ހިއްސާކޮށްފައެވެ.
މީގެ އިތުރުން ވެސް ކަމަދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ކައުންސިލުން ކުރަމުންދާ ބައެއް ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވައި، ކަމަދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގާ މަޝްރޫޢުތައް ކަމަދޫގެ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް ކުރެވޭނެ އުޞޫލެއް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.
ހަމަމިއާއެކު ފުލްޓައިމްކޮށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތައް ކުރުމުގައި ދިމާވާ ދަތިތައް ކައުންސިލްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރުއްޔާއާ ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުން ފާހަގަކުރެއްވި މުހިންމު މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތު ކައުންސިލާ ޙިއްޞާކުރައްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި އެދެވޭ ނަތީޖާއެއް ހޯދުމަށްޓަކައި ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ބައްދަލުވުންތަކުން ރަށްރަށުގެ ކަންކަމާގުޅޭގޮތުން ލިބޭ މަޢޫލޫމާތަކީ ކަންކަން ރަނގަޅުކުރުމަށް ވަރަށް ފަސޭހަވެގެންދާކަމެއްކަން ފާހަގަކުރައްވާފައެވެ.