މީޑިއާ ކައުންސިލުގެ ރައީސްގެ މަޤާމަށް ޝަފާއު އިންތިޚާބުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްގެ މަޤާމަށް މުހައްމަދު ޝަފާއު ހަސަން އިންތިޚާބުކޮށްފިއެވެ.

އޭނާ އެ މަޤާމަށް އިންތިޚާބު ކުރެއްވީ އެމްއެމްސީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ޝަހުބާން ފަހުމީ އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

އެމްއެމްސީން ބޭއްވި ބައްދަލުވުމެއްގައި ވޯޓުގައި ބައިވެރިވި ނުވަ މެންބަރުންގެ އިއްތިފާގުން ރައީސްގެ މަޤާމަށް ޝަފާއު އިންތިޚާބުވިއިރު، މަޤާމަށް ކެމްޕޭނުކުރުމަށް ވަގުތު ދިނުމުގެ ގޮތުން އެއް ހަފުތާއަށް ވޯޓު ފަސްކުރުމުގެ ހުށަހެޅުމެއް ވަނީ އައިސްފައެވެ.

އެހެންނަމަވެސް އެ ހުށަހެޅުން ފާސްވެފައެއް ނުވާއިރު، ޝަހުބާންގެ އިސްތިއުފާ ގަބޫލުކުރުމަށްފަހު ރައީސްކަމުގެ މަޤާމުގެ ވޯޓު ވަނީ ކުރިއަށްގެންގޮސްފައެވެ.

ރައީސްކަމުގެ މަގާމަށް ހުށަހެޅުނީ ވެސް ޝަފާއުގެ ނަން އެކަންޏެވެ.

ޢާންމު މެންބަރެއްގެ ގޮތުގައި 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެމްއެމްސީއަށް އިންތިޚާބުވި ޝަފާއުއަކީ މެންބަރެކެވެ.

އެމްއެމްސީގެ ރައީސްކަމުން މިދިޔަ އަންގާރަ ދުވަހު ޝަހުބާން އިސްތިއުފާދެއްވި އިރު، ފޮރެކްސް ޓްރޭޑްކުރުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގިކަމުގެ ތުހުމަތާ ގުޅިގެން އޭނާ މަގާމުން ވަކިކުރުމަށް ދެ ފަހަރެއްގެ މަތިން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވެއެވެ.

އެކަމަކު އެ ދެފަހަރު ވެސް އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ ނާކާމިޔާބުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.