މިއަހަރުގެ މިހާތަނަށް ލިބޭނެކަމަށް ބަޖެޓުކުރި ވަރަށް ވުރެ އިތުރަށްވަނީ އާމްދަނީ ލިބިފަ: ރައީސް

މިއަހަރުގެ މިހާތަނަށް ލިބޭނެކަމަށް ބަޖެޓުކުރި ވަރަށް ވުރެ އިތުރަށް އާމްދަނީ ލިބިފައިވާކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފާހަގަކުރައްވައިފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިއަހަރުގެ މިހާތަނަށް ލިބޭނެކަމަށް ބަޖެޓުކުރީ 8.5 ބިލިއަން ރުފިޔާ ކަމަށެވެ. އެހެންނަމަވެސް، މިހާތަނަށް 11.1 ބިލިއަން ރުފިޔާ ލިބިފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރައިދާ މިންވަރު ރަނގަޅު ކަމުގައިވިޔަސް، ދުނިޔޭގެ އިޤްތިޞާދަށް އަރާ ލޮޅުންތަކުގެ އަސަރު މި ރާއްޖެއަށް ވެސް ކުރާނެތީ އެކަންކަމަށް ސަމާލުވެ ރާއްޖެއިން ވެސް ވިސްނައިގެން ކުރިޔަށްދާނެކަމުގައި ހާމަކުރައްވާފައެވެ.

އެމަނިކުފާނު ވަނީ ރާއްޖޭގެ ނޮމިނަލް ޖީޑީޕީ، 2023 ގައި ފުރަތަމަ ފަހަރަށް 100 ބިލިއަން ރުފިޔާ ހުރަސްކުރާނެ ކަމަށާއި މި އަހަރުގެ ޖީޑީޕީ ކުރިއަރައިދާ މިންވަރު 13 އިންސައްތައިގައި ހުންނާނެކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އިޤްތިސާދު ކުރިއަށްދަނީ ރަނގަޅު މިސްރާބަށް ކަމަށް ވެސް ވިދާޅުވިއެވެ.

މިގޮތުން، ކޮވިޑް-19 އާއި ގުޅިގެން ދުނިޔެ ހުއްޓުމަކަށް އައި ދަތި ޙާލަތުގައި ވެސް ރާއްޖޭގެ އިޤްތިޞާދު ރަނގަޅަށް ބެލެހެއްޓުނުކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ މިހާރު ދުނިޔޭގައި ހިނގާ ރަޝިޔާ-ޔޫކްރޭން ހަނގުރާމައާއި ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތަކުގައި ތެލާއި، ކާޑާއި، މުދަލުގެ އަގު ބޮޑުވަމުންދިޔަ ކަމުގައިވިޔަސް ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ދަށްވިޔަނުދީ ހިފެހެއްޓުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ހާމަކުރައްވާފައެވެ.

މިގޮތުން، އެމަނިކުފާނު ވަނީ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަކީ ލިބޭ ޢާމްދަނީއަކުން ޚަރަދުތައް ފުއްދުމާއި، ޚަރަދުތައް ކުޑަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމާއި، ބޮޑެތި އާ މަޝްރޫޢުތައް މިވަގުތައް ފެށުން ހުއްޓާލުމާއި، އާ ލޯނުތައް ނެގުން މަދުކުރުން ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މިވަގުތައް ބަލާ ނަމަ ދައުލަތުގެ ރިޒަރވް ރަނގަޅު މިންވަރެއްގައި ހިފެހެއްޓޭކަން ހާމަކުރައްވާފައެވެ. މިގޮތުން، ރާއްޖޭގެ ޔޫސަބަލް ރިޒަރވް މިހުރީ ޝާއިޢުކޮށްފައިވާ ޑޭޓާތަކަށް ބަލާއިރު، އެއިން އެއްވެސް އަހަރެއްގައި ހުރި ވަރަށްވުރެ މަތީގައި ކަން ހާމަކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީއިން މަހުން މަހަށް ބޭނުންވާ ކާޑާއި، ތެލާއި، ބޭސް ގަނެވޭ ވަރަށް ރިޒަރވް ހުންނާނެކަމުގެ ޔަޤީންކަންދެއްވާކަމުގައި ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.