ނޭކުރެންދޫގައި އަޅާ ޖަލުގެ މަސައްކަތް ލަސްވާތީ ކައުންސިލުގެ ކަންބޮޑުވުން ނައިބު ރައީސް އާ ހިއްސާކޮށްފި

ހދ. ނޭކުރެންދޫގައި އަޅަން ނިންމާފައިވާ އިންޑަސްޓްރިއަލް ޖަލުގެ މަސައްކަތް ނުފެށިވުމުން ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އާ ހިއްސާ ކޮށްފިއެވެ.

މިކަން ހިއްސާކޮށްފައިވަނީ ތިލަދުންމަތީ ދެކުނުބުރީ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރިޔަށްދާ މަސައްކަތްތަކާ ގުޅޭގޮތުން ނައިބު ރައީސް އާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އެރަށުގެ ކުރިއެރުވުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢުތަކާއި ކުރައްވަމުންގެންދަވާ މަސައްކަތްތައް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނޭކުރެންދޫ ކައުންސިލާ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތައް ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ކުޑަކުދިންގެ ޕާކެއްގެ ބޭނުންތެރިކަމާއި، ރަށުގެ ކުނިގޮނޑެއް ޤާއިމްކުރުން ހިމެނެއެވެ. އަދި އެރަށުގެ ކަނޑޫފާ ހަލާކުވަމުންދާތީ ހުރި ކަންބޮޑުވުންތަކާއި ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި ރަށުގެ އިޖްތިމާޢީ ފޭރާމާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ވެސް ވަނީ ހިއްސާކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ކުރިޔަށްދާ ގޮތް ގާތުން ބައްލަވަމުން ގެންދަވާނެކަމަށާއި ކައުންސިލުން ޙިއްޞާކުރައްވާފައިވާ މަޢޫލޫމާތުގެ އަލީގައި ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ އެކަންކަމުގެ މަޝްވަރާތައް ކުރިޔަށް ގެންދަވާނެކަމުގައި ވިދާޅުވެފައެވެ.

މި ސަރުކާރުން ވަކި އަތޮޅެއް ވަކި ރަށެއް ތަފާތުކުރުމެއް ނެތި ރަށްރަށުގެ ކަންކަން ތަރައްޤީ ކުރަމުން ގެންދާނެކަން ފާހަގަކުރައްވާ، އެމަނިކުފާނު ވަނީ ރަށުގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.