މާލޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން)، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހުން އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސައިން ޝަހީމް ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްނުދޭ ކަމަށާއި މަގެއް ހުރަސްކޮށްލަން ވެސް ރައްޔިތު މީހާ ބިރުގަންނަ ކަމަށެވެ.
އެގޮތުން މަގު ހުރަސް ކުރުމަށް ހުންނަ ކަފިހިހުރަސް ތަކުގައި ދަވާދުލާފައި ނެތުން ނުވަތަ ދަވާދު ފަނޑުވެފައި ހުރުމުން އެފަދަ ތަންތަން ފާހަގަވާގޮތަށް ނުހުންނަކަން މެމްބަރު ހުސައިން ވަނީ ފާހަގަކުރައްވާފައެވެ. އަދި މާލޭ ސިޓީ ކައުންސިލުގެ ހުރިހާ މެމްބަރުންނާއި މޭޔަރު ވެސް އިސްތިއުފާ ދެއްވުމަށް ވަނީ ގޮވާލައްވާފައެވެ.
"މާލޭ ސިޓީ ކައުންސިލުގައި ތިއްބެވި މެމްބަރުން ރައްޔިތުންނަށް ކޮށްދެނީ ކޮންކަމެއްތޯ؟ އެ ކައުންސިލުގެ މެޖޯރިޓީ ދިނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް. މާލޭގެ މަގެއް ހުރަސް ކުރަން ރައްޔިތުމީހާއަށް އެހުންނަނީ ނުކެރިފަ. މަގު ހުރަސްވީ ކޮންތަނަކުންކަން ނޭނގޭތީ. ހުރަސްކުރަންޖެހޭ ތަނުގަ ދަވާދު ހުރީ ކެހިފަ. އެހެންވީމަ މާލޭ ސިޓީ ކައުންސިލުގެ ކައުންސިލަރުން ކީއްތޯ އެކުރަނީ؟ އެ ކައުންސިލުގެ ހުރިހާ މެމްބަރުން ވެސް އަދި މޭޔަރު ވެސް އިސްތިއުފާ ދިނުމަށް އަޅުގަނޑު ގޮވާލަން." މެމްބަރު ހުސައިން ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން މެމްބަރު ހުސައިން ޝަހީމް ވަނީ، މާލޭ ސިޓީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް ރައީސް ޔާމީންގެ އަރިހުން އެދިވަޑައިގެންފައެވެ.