ފަލަސްޠީނުގައި 'ނަކްބާ'ގެ ދުވަސް ފާހަގަކޮށްފި

އިއްޔެ ޣައްޒާގައި ބޭއްވި 'ނަކްބާ' ގެ ދުވަހުގެ ހިނގާލުމުގެ ތެރޭން

ފަލަސްޠީނުގައި އިއްޔެ 74 ވަނަ 'ނަަކްބާ' (ބޮޑު މުސީބާތް) ގެ ދުވަސް ފާހަގަކޮށްފިއެވެ. މިއީ ފަލަސްޠީނުގެ ބިމުގައި ޔަހޫދީންގެ ދައުލަތް އިސްރާއީލު ގާއިމުކުރުމަށްޓަކައި 1948 ވަނަ އަހަރު ފަލަސްޠީނުގެ އާބާދީ ބޮޑު ބައެއް އެމީހުންގެ ވަޒަނުން ނެރެލައި، އެމީހުންގެ ގެދޮރު ބިމާ ހަމަކޮށް ޔަހޫދީން އެތަންތަނުގައި ވަޒަންވެރިކުރުމަށް ހިންގި ލާއިންސާނީ ޖަރީމާގެ ހަނދާން އާކުރުމަށް ފަލަސްޠީނު މީހުން ކޮންމެ އަހަރަކު ފާހަގަކުރާ ދެވަހެެކެވެ.

ނަކްބާގެ ދުވަހުގެ ގޮތުގައި މޭ މަހުގެ 15  ވަނަ ދުވަސް ފާހަގަކުރަނީ އެ ދުވަހަކީ 1948 އިސްރާއީލުގެ ދައުލަތް ގާއިމުކުރިކަން އިއުލާންކުރި ދުވަސްކަމަށް ވާތީއެވެ.

ވަނަ އަހަރާ ދެެމެދު ހައްދު ފަހަނައަޅާފައިވާ ޞަހްޔޫނީ ހަނގުރާމަވެރިން ފަލަސްޠީނުގެ ބިމަށް އަތްގަދަކޮށް 1947 ވަނަ އަހަރާއި 1949 ވަނަ އަހަރާ ދެމެދު ހިިންގި ނަސްލު ސާފުކުރުމުގެ ޖަރީމާގައި ފަލަސްޠީނުގެ އާބާދީގެ ތިންބައިކުޅަ ދެބައި އެމީހުންގެ ވަޒަނުން ބޭރުކޮށް ބިކަކޮށްލާފައި ވެެއެވެ.

އޭރު ފަލަސްޠީނުގެެ 1300 ވަރަކަށް އަވަށާއި ރަށުގައި ދިރިއުޅެމުން ދިޔަ 1.4 މިލިއަން މީހުންގެ ތެރޭން 9 ލައްކަ 50 ހާސް މީހުން އެމީހުންގެ ގެދޮރުން ގަދަބާރުން ބޭރުކޮށް ރެފިއުޖީންނަށް ހަދާފައި ވެއެވެ. މިއަދާ ހަމައަށްވެސް ޔަހޫދީ ދައުލަތުން ދަނީ އެމީހުންގެ ވަޒަނަށް އެމީހުން އެނބުރި ދިއުމުގެ ހައްގަށް އިންކާކުރަމުންެނެވެ.

ޔަހޫދީ ޞަހްޔޫނީ ހަނގުރާމަވެރިން ހިންގި މި ޖަރީމާއަށް ފަހު ފަލަސްޠީނުގެ ގިނަ ބަޔަކު ދިރިއުޅެމުން ދަނީ ލެބެނާން (ލުބްނާން)، ޖޯޑަން (އުރްދުން)، ސީރިޔާ (ސޫރިޔާ)، ހުޅަނގު އައްސޭރި އަދި ޣައްޒާގައި ގާއިމުކޮށްފައިވާ ރެފިއުޖީ ކޭންޕުތަކުގައެވެ.

1948 ވަނަ  އަހަރު ރެފިއުޖީންގެ ގޮތުގައި ހުޅަނގު އައްސޭރިއާއި ޣައްޒާގެ އިތުރަށް އަވަށްޓެރި ގައުމުތަކަށް ހިޖުރަކުރި މިލިއަނެއްހާ ރެފިއުޖީންގެ އަދަދު އެތައް ގުނައަކަށް އިތުރުވެ މިއަދު، ފަލަސްޠީނުގެ 6.4 މިލިއަން މީހުން ރެފިއުޖީންގެ ގޮތުގައި ދިިރިއުޅެމުން އެބަދެއެވެ.

ހުޅަނގު އައްސޭރީގައާއި ޣައްޒާގައި ފަލަސްޠީނު މީހުން އިއްޔެ ނަކްބާ ދުވަސް ފާހަގަކުރަމުން ދަނިކޮށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ދިން ހަމަލާތަކުގައި 40 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ޒަޚަމްވެފައި ވެއެވެ. އިސްރާއީލުގެ ފުލުހުން ވަނީ ޓެލްއަވީވް ޔުނިވަސިޓީގައި ކިޔަވާ އަރަބި ދަރިވަރުންތަކެއް ނަކްބާ ދުވަސް ފާހަގަކުރުމުގެ ހަރަކާތެއް ހިންގަނިކޮށް އެ ދަރިވަރުންނަށް ހަމަލާދީ އަނިޔާކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.