ފަލަސްޠީނުގެ 'ނަކްބާ' އަށް 71 އަހަރު ފުރުން ފާހަގަކޮށްފި

ޣައްޒާގައި މިއަދު އޮތް ނަކްބާ ދުވަހުގެ އިހްތިޖާޖުގެ ތެރެއިން

ފަލަސްޠީނު ރައްޔިތުން 'ނަކްބާ' ދުވަސް ފާހަގަކުރަން މިއަދު ޣައްޒާގެ ސަރަހައްދީ ރޮނގު ކައިރީގައި ބޭއްވި އިހުތިޖާޖުގެ ތެރެއަށް އިސްރާއީލު ސިފައިން ބަޑިޖަހައި 47 މީހުން ޒަޚަމްކޮށްލައިފިއެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ 15 ވަނަ ދުވަހަކީ ފަލަސްޠީނުގެ ބިމުން ބަޔަކަށް އަތްގަދަކޮށްގެން އުފެއްދި ޔަހޫދީ ދައުލަތް، އިސްރާއީލުގައި ޔަހޫދީން ވަޒަންވެރިކުރާނެ ބިން ހުސްކުރުމަށް ކަމަށް ބުނެ 1948 ވަނަ އަހަރު ފަލަސްޠީނުގެ އެތައް ލައްކަ ރައްޔިތުން އެބައިމީހުންގެ ގެދޮރުން ނެރެލުމަށް ލާއިންސާނީ ޖަރީމާތައް ފާހަގަކުރާ ދުވަހެވެ. އެ ދުވަސް ފަލަސްޠީނު މީހުން ފާހަގަކުރަނީ 'ނަކްބާ' (ބޮޑު މުސީބާތް) ގެ ނަމުގައެވެ. މިއަދަކީ 'ނަކްބާ' އަށް 71 އަހަރު ފުރުނު ދުވަހެވެ.

ޣައްޒާގެ ސިއްހީ ވުޒާރާގެ ބަޔާނެއްގައި ވާގޮތުން ނަކްބާ ފާހަގަކުރަން އެއްވެތިބި މީހުންގެ ތެރެއަށް އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން 47 މީހުން ޒަޚަމްވެފައި ވެއެވެ. އެބަޔާނުގައި އިތުރު ތަފްސީލު ދީފައެއް ނުވެއެވެ.

މަންޒަދުށް ބައެއް މީހުން ބުނެފައިވާ ގޮތުގައި އިސްރާއީލު ސިފައިން ވަނީ މިއަދުގެ އިހުތިޖާޖުގައި ބައިވެރިވި މީހުންގެ ގަޔަށް ނަރުދަމާގެ ނަޖިސް ފެނާއި، ކަރުނަ ގޭގައި، ރަބަރު ވަޒަން ޖަހާފައެވެ.

މިއަދަކީ 'ދަ ގްރޭޓް މާޗް އޮފް ރިޓާން' ގެ ނަމުގައި ޣައްޒާގެ ރައްޔިތުން ކޮންމެ ހުކުރު ދުވަހު ސިލްސިލާ މުޒާހަރާތައް ބާއްވަމުން އަންނަތާ އެއް އަހަރު ފުރުނު ދުވަހެވެ. ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި މި ސިލްސިލާ މުޒާހަރާތަކުގައި އިސްރާއީލު ސިފައިން ވަނީ ފަލަސްޠީނުގެ 305 މީހުން ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި 59 ކުޑަކުދިންނާއި، 10 އަންހެނުންވެސް ހިމެނެއެވެ.

ހުޅަނގު އައްސޭރީގެ ރާމަﷲ ގައިވެސް ވަނީ ނަކްބާ ފާހަގަކުރުމުގެ ގޮތުން އިހުތިޖާޖުތައް ބާއްވާފައެވެ. ފަލަސްޠީނުގެ ކުރީގެ ރައީސު ޔާސިރު އަރަފާތުގެ މަގްބަރާ ކައިރިން ފެށި ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައި ވެއެވެ.

ނަކްބާ ދުވަސް ފަލަސްޠީނުގައި ފާހަގަކުރަން ފަށާފައި ވަނީ 1998 ވަނަ އަހަރު އޭރުގެ ރައީސު ޔާސިރު އަރަފާތުގެ އެދިވަޑައިގަތުމަކަށެވެ. އެއަށް ފަހު ފަލަސްޠީނު މީހުން އަންނަނީ ނަކްބާ ފާހަގަކުރަމުންނެވެ.

ޔަހޫދީން ފަލަސްޠީނުގެ ބިމުގައި އުފެއްދި ދައުލަތުގައި ޔަހޫދީން ވަޒަންވެރިކުރުމަށްޓަކައި، ޔަހޫދީ ސަހްޔޫނީ (ޒަޔަނިސްޓް) މިލިޝީޔާތަކުން ނުކުމެ 7 ލައްކަ 50 ހާހަށްވުރެ ގިނަ ފަލަސްޠީނު މީހުން ގެދޮރުން ނެރެލައި 500 އަށް ވުރެ ގިނަ ރަށް ސުންނާފަތިކޮށްލާފައި ވެއެވެ. މި ލާއިންސާނީ ޖަރީމާ ހިންގާފައި ވަނި އެތައް ދުވަހެއްގެ މަތިން ކަމުގައި ވިޔަސް މިކަން ފާހަގަކުރާ ދުވަހެއްގެ ގޮތުގައި ފަލަސްޠީނުން ކަނޑައަޅާފައި ވަނީ ކޮންމެ އަހަރެއްގެ މޭ މަހުގެ 15 ވަނަ ދުވަހެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.