
ޓީޗަރުކަމުގެ ފަންނާ ގުޅޭ ގޮތުން ހަދާފައިވާ ދިރާސާއިން ޓީޗަރުންނަށް ކުރިމަތިވެފައިވާ ހަމައެކަނި މައްސަލައަކީ މުސާރަ ކުޑަވުމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިހެން ވިދާޅުވީ އެމަނިކުފާނުގެ ވަޢުދުފުޅާއި އެއްގޮތަށް ޓީޗަރުންގެ މުސާރަ ބޮޑުކުރެއްވިކަން އިއުލާންކުރެއްވުމަށް މިއަދު ޤައުމާއި މުޚާތަބްކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ވާރކްލޯޑާއި މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތު ގިނަވުމާއި، ޙައްޤުތައް ކަށަވަރުނުވުމުގެ މައްސަލައާއި، ވަސީލަތްތައް މަދުވުމުގެ މައްސަލައަކީ ވެސް ޓީޗަރުންނަށް އޮތް ދައްޗެއް ކަމަށެވެ.
އެކަންކަން ހައްލުކުރުމުގެ މަސައްކަތް ވެސް ފަށްޓަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޓީޗަރުންގެ މުސާރައަށް މިގެނައި ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ، އިތުރު ގަޑީގެ ފައިސާއާ ނުލައިވެސް، އެކަށީގެންވާ ރަނގަޅު އުޖޫރައެއް ގެއަށް ގެންދަން ލިބޭނެވަރު ކޮށްދިނުން ކަމަށެވެ.
"ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ރަށްރަށުގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޕްރިންސިޕަލުން ލިބެން ނެތުން. ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް މިގެނައި ބަދަލަކީ، ރަށްރަށުގައި ވަޒީފާ އަދާކުރުމަށް ޕްރިންސިޕަލުންނާއި ޓީޗަރުންނަށްވެސް ލިބޭނެ އިތުރު ބާރަކަށްވާނެ." ރައީސް ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާގެ އިތުރުން އެހެން ދާއިރާތަކުގެ މުސާރައިގެ ފަރަގު އެއްހަމަ ކުރުމަށް މަސައްކަތްކުރައްވާކަމަށް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ޞިއްޙީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ދިރާސާކުރަމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް، އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު، ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް، ހެޔޮ ބަދަލުތަކެއް އަންނާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.