ދިވެހިރާއްޖެއަށް ކުރިއެރުން ލިބެންއޮތީ ރަނގަޅު ޖީލެއް ބިނާކުރެވިގެން: ނައިބު ރައީސް

ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއަށް ކުރިއެރުން ލިބެންއޮތީ ރަނގަޅު ޖީލެއް ބިނާކުރެވިގެން ކަމަށާއި އެކަމަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި އެކިއެކި އިލްމު އުނގެނިވަޑައިގެން ތިއްބެވި ފަރާތްތަކުން މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ފުވައްމުލައް ސިޓީގައި ޢިމާރާތްކުރާ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސް ވަނީ މި މަސްޢޫލިއްޔަތަކީ މުޖްތަމަޢުގެ ވަކި ބައެއްގެ ޒިންމާއެއްގެ ގޮތުގައި ނުދެކި، މުޅި މުޖްތަމަޢުގެ އެންމެން ގުޅިގެން ކުރަންޖެހިފައިވާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ.

މިރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ދެއްކެވި ވާހަކަފުޅުގައި މި މަރުކަޒުގެ ތެރެއިން މުސްތަގިއްލުކަމާއެކު މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާ، މިއީ މި ސަރަޙައްދުގެ މައި މަރުކަޒަކަށް ހައްދަވާދެއްވާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިދިޔަ އޮކްޓޯބަރ މަހު ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ސިޓީގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒެއް ބިނާކުރުމުގެ މަސައްކަތް ވަރަށް ފުރިހަމަ ގޮތެއްގައި ފެށިގެންދާނެ ކަމުގައި ވިދާޅުވެފައެވެ.

އެ ސެންޓަރަކީ މުޅި އެ ސަރަޙައްދަށްވެސް ފައިދާ ކުރުވަނިވި ތަނަކަށް ހައްދަވާނެކަމުގެ ޔަޤީންކަން އެ ދަތުރުފުޅުގައި އެ މަނިކުފާނު ދެއްވިއެވެ. އަދި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ފުވައްމުލައް ސިޓީގެ ގޮފީގެ އެކިއެކި ޕްރޮގްރާމްތަކުގައި މިހާރުވެސް އެ ސަރަޙައްދުގެ އެހެން ބައެއް ރަށްރަށުން ދަރިވަރުން ބައިވެރިވެރިވެފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

ފުވައްމުލައް ސިޓީގައި ޤާއިމްކުރާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި ރިސެޕްޝަނާއި މީޓިންގ ރޫމަކާއި އޮޑިޓޯރިއަމަކާއި ލައިބްރަރީއެއް ހިމެނެއެވެ. އަދި އޮފީސް ހިންގުމަށް ވަކިން ބަޔަކާއި ގުދަނާއި ފާޚާނާ ވެސް ހިމެނެއެވެ.

މި ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސްރޫމާއި ނަމާދުކުރަން ކޮޓަރިއެއް ހިމެނޭއިރު، 12 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކުރާ މި މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރައިޒަރ ޕްރައިވެޓް ލިމިޓެޑާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.