ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ޕްރިޔަންތާ ކުމާރާއަށް ފާއިތުވި 2021 ވަނަ އަހަރުގެ ޑިސެންބަރު މަހު ޕާކިސްތާނުގެ ސިޔާލްކޯޓުގައި ބަޔަކު އެއްވެ އަނިޔާކޮށް މަރާލި މަސައްލައިގެ ހުކުމް އިއްޔެ އިއްވައިފިއެވެ.
ލާހޯރުގެ އެންޓި ޓެރަރިޒަމް ކޯޓުން އިއްެޔެ އެ މައްސަލައިގެ ހުކުމް އިއްވިއިރު، 6 މީހަކު މެރުމަށާއި ވާރިސުންނަށް މަރުގެ ދިޔައިގެ ގޮތުގައި 2 ލައްކަ ޕާކިސްތާން ރުޕީ (17 ހާސް ދިވެހި ރުފިޔާ) ދިނުމަށް، 9 މީހަކު އުމުރަށް ޖަލަށްލުމަށާއި، 2 ލައްކަ ރުޕީ ޖުރްމާނާގެ ގޮތުގައި ދެއްކުމަށާއި، ވާރިސުންނަށް ދިޔައިގެ ގޮތުގައި 2 ލައްކަ ރުޕީ ދިނުމަށް، އެކަކު 5 އަހަރަށް ޖަލަށަލުމަށް އަދި 72 މީހަކު ދެ އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމް އިއްވާފައެވެ.
ސިޔާލްކޯޓުގެ ރާޖްކޯ އިންްޑަސްޓްރީޒް ފެކްޓަރީގައި ޖެނެރަލް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ކުމާރާ އިސްލާމްދީނަށް ފުރައްސާރަކުރިކަމަށް ތުހުމަތުކޮށް އެ ފެކްޓަރީގެ މުވައްޒަފުން ހިމެނޭހެން އެތައް ބަޔަކު އެއްވެ އޭނާއަށް އަނިޔާކޮށް މަރާލުމަށް ފަހު ހަށިގަނޑު އަންދާލާފައި ވަނީ 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހުއެވެ.
މައްސަލައިގެ ރިޕޯޓުގައި ވާގޮތުން އެ ދުވަހު ފެކްޓަރީގެ ފާރުގައި ކުލަލާން ހަމަޖެހިފައި އޮތުމުން ކުމާރާ ދިޔައީ ފާރުގައި ހިއްޕާފައި ހުރި ޕޯސްޓަަރުތައް ނައްޓަމުންނެވެ. އޭގެ ތެރޭގައި ހުރި އިސްލާމް ދީނާ ގުޅޭ ޕޯސްޓަރެއް އޭނާ ނެއްޓުމުން ފެކްޓަރީގައި މަސައްކަތްކުރާ ބަޔަކު ރުޅިގަދަވެ އޭނާއާ ދިމާކުރިއެވެ. އަދި ފަހުން އޭނާ މާފަށް އެދުނުނަމަވެސް، ފެކްޓަރީގެ ސުޕަވައިޒަރަކު ވަނީ މުވައްޒަފުންނަށް ހިތްވަރުދީ އޭނާއަށް ހަމަލާދިނުމަށް ނެރެފައެވެ.
ހަމަނުޖެހުމުގެ ރިޕޯޓު ލިބިގެން ފުލުހުން އައި ނަމަވަސް، ހަމަނުޖެހުމުގައި ބައިވެރިވި މީހުން ގިނަަކަމުން ފުލުހުންނަށް އެމީހުން ކޮންޓުރޯލުކުރެވިފައި ނުވެއެވެ.
ޕަންޖާބް ޕްރޮސެކިއުޝަން ޑިޕާޓްމަންޓުގެ ސެކްރެޓަރީ ނަދީމް ސަރްވަރް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި އެ ޑިޕާޓްމަންޓުން އުފުލި ދައުވާގައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް 43 ހެއްކެއް ހުށަހަޅާފައި ވެއެވެ. މީގެ އިތުރަށް ފޮރެންސިކް، އޯޑިޔޯ އަދި ވީޑިޔޯ ހެކިވެސް ވަނީ ހުށަހަޅައިފައެވެ.
ލާހޯރުގެ ކޯޓް ލަކްޕަތު ޖަލުގައި ގާއިމުކޮށްފައިވާ އެންޓި ޓެރަރިޒަމް ކޯޓުގައި މި ޝަރީއަތް ކުރިއަށް ގެންދަވާފައި ވަނީ ފަނޑިޔާރު ނަތާޝާ ނަސީމެވެ.