
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ.
ރައީސް އޮފީހުން، މިދަތުރުފުޅާމެދު މިހައިތަނަށް ހާމަކޮށްފައިވަނީ މިއީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. އިތުރު އެއްވެސް މަޢުލޫމާތެއް އަދިހާމައެއް ނުކުރައްވައެވެ.
ރައީސްގެ ދެ ކަނބަލުން ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ތައިރޮއިޑް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފައެވެ. އަދި ތައިރޮޑް އޮޕަރޭޝަނެއް ވެސް ކުރައްވާފައެވެ.
އެ ފަރުވާއަށްފަހު ރައީސް ރާއްޖެ ވަޑައިގެންނެވީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުއެވެ.
ބައެއް މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ ތައިރޮޑް އޮޕަރޭޝަންގެ ފޮލޯއަޕެއް ހެއްދެވުމަށް ކުރެއްވެވި ދަތުރުފުޅެކެވެ.