ހިޔާ ފްލެޓުތަކުގެ އޭޕްރިލް މަހުގެ ކުލި ދެއްކުން މި މަހުގެ ނިޔަލަށް އިތުރުކޮށްދީފި

ހުޅުމާލޭ ފޭސް 2 ގެ ހިޔާ ފްލެޓުތަކުގެ އޭޕްރިލް މަހުގެ ކުލި ދެއްކުން މި މަހުގެ ނިޔަލަށް އިތުރުކޮށްދީފިއެވެ.

ހަ މަހުގެ ގްރޭސް ޕީރިއަޑަކަށްފަހު ހިޔާ ފްލެޓްތަކުން މިމަހުގެ އެކަކުން ފެށިގެން ކުލި ނަގަން ފަށާފައިވާ އިރު، ކޮންމެ މަހެއްގެ ވެސް 10 ވަނަ ދުވަހުގެ ކުރިން ކުލި ދައްކަންޖެހެއެވެ.

ނަމަވެސް އެޗްޑީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހިޔާ މަޝްރޫއުގެ އެއްބަސްވުމުގެ ހަ ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ އިންސްޓޯލްމަންޓާއި މެނޭޖްމަންޓްފީގެ ތެރެއިން މިމަހު ދައްކަންޖެހޭ ފައިސާ ދެއްކުމުގެ މުއްދަތު މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ކުލި ދައްކާ މުއްދަތު ފަސްކުރިޔަސް އިތުރު ޖޫރިމާނާއެއް ނާރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެ ކުންފުނިން ބުނީ މިގޮތަށް ނިންމީ ކުލި ދެއްކުމަށް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ހިޔާ ފްލެޓުގައި ދިރިއުޅެމުންގެންދާ ރައްޔިތުން އިތުރަށް ހޭލުންތެރިކުރުވުމަށް ކަމަށެވެ.

"މި މަހުގެ ކުލި ދެއްކުން ފަސްކޮށްދިން ނަމަވެސް އަންނަ މަހުން ފެށިގެން ކޮންމެ މަހެއްގައި ވެސް ކުލި ދެއްކުމުގެ އެންމެ ފަހުގެ ތާރީޚާކީ އެމަހެއްގެ 10 ވަނަ ދުވަސް. ކުލި ދެއްކުމުގެ ކަންކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށާއި އެހީތެރިވުމަށް މިއަދުން ފެށިގެން ކޮންމެ ރެއަކު 8:00 އިން 11:00 އަށް ހިޔާ ސަރަހައްދުގައި ހެލްޕް ޑެސްކެއް ހުންނާނެ." އެޗްޑީސީން ބުންޏެވެ.

ހިޔާ ފްލެޓުތަކުގައި މީހުން އާބާދުވާން ފެށީ 2021 ވަނަ އަހަރުގެ ޖުލައި މަހުއެވެ. ނަމަވެސް އެތަން ހަވާލުކުރީ ފްލެޓު ލިބޭ ފަރާތުން އަމިއްލައަށް ފިނިޝިންގ މަސައްކަތް ކުރާ ގޮތަށް ކަމަށްވާތީ އެ މަސައްކަތް ނިންމަން އެ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަސް ވަނީ ދީފައެވެ.

ނަމަވެސް ހިޔާ ފްލެޓުތައް ލިބިފައިވާ މީހުންގެ ހައްގުގައި ވަކާލާތުކުރާ ހިޔާ ޔޫނިއަނުން ވަނީ، ހިޔާ ފުލެޓުތަކުން ކުލި ނެގުމަށް އެޗްޑީސީން އިއުލާންކޮށްފައިވީ ނަމަވެސް، ކުލި ނެގޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް ބުނެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.