
މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން މިއަދު ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 13:00 އާއި ހަމައަށް ޒަކާތް ބަލައިގަންނާނެ ކަމަށެވެ. އަދި މި މަހުގެ 29 ގެ ނިޔަލަށް ޒަކާތް ދެއްކޭނެ ކަމަށެވެ.
މިއަހަރުގެ ފިތުރު ޒަކާތް ވެސް ދިރާގު ޕޭ، އުރީދޫ އެމް ފައިސާ، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް އަދި ފަހިޕޭ މެދުވެރިކޮށް ވެސް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ބަނޑޭރި ޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާއި ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ވެސް ބުންޏެވެ.
ޢުމުރުން ދުވަސްވެފައިވާ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން މީހުންނަށް މާދަމާއިން ފެށިގެން ޒަކާތް ބަލައިގަންނާނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ހަމަޖައްސާނެ ކަމަށް ވެސް ބުންޏެވެ.