އެމެރިކާގެ އިންސާފު އޮންނަގޮތް

އެމެރިކާގެ އިންސާފަކީ އެމީހުންގެ އަތުންކޮށާ މަށާ އެއްޗެއް

އެމެރިކާއަކީ، ޒަމާނުއްސުރެ އެބައިމީހުންގެ އަމިއްލަ ފައިދާއާއި މަޞްލަޙަތު އިސްކޮށް، އެއީ އިންސާފުކަމަށް ދެކެމުން އަންނަ ބަޔެކެވެ. އެމެރިކާއިން ދުނިޔޭގައި ކުރި ފުރަތަމަ ހަނގުރާމަވެސް ކުރެވިފައިވަނީ މިފަދަ ބޭނުމެއްގައެވެ. އެމެރިކާއިން ކުރި ފުރަތަމަ ހަނގުރާމަ ހިނގާފައިވަނީ 1801 އާ 1802 އާދެމެދުގައެވެ. އެ ހަނގުރާމަ ފެށުނީ މިހާރުގެ ލީބިއާ އާ ދެމެދުގައެވެ. ހަނގުރާމަ ފަށާފައިވަނީ އުތުރު އެފްރިކާގައެވެ. ހުނޅަގުން މިސްރުން ފެށިގެން އެޓްލާންޓިކް ކަނޑާ ދެމެދުގައިވާ ޤައުމުތަކާއެކުގައެވެ. އެއީ ތޫނިސް އާ އަލްޖީރިއާ އަދި މޮރޮކޯއާއި ލީބިއާއެވެ. މިޤައުމުތަކަކީ، ޔަހޫދީންނޫން އެހެންދީންތަކުގެ އަހުލުވެރިން، ޚާއްޞަކޮށް ބައިބޯކޮށް މުސްލިމުން،  އެޒަމާނުގައި ވަޒަންވެރިވެ އުޅުނު ސަރަޙައްދެކެވެ. އެމެރިކާގެ ރައީސަކަށް އޭރު ހުންނެވީ ތޯމަސް ޖެފަރސަން އެވެ. އެދުވަސްވަރަކީ، އެމެރިކާގެ ވިޔަފާރިވެރިން، ކަނޑުމަގުންކުރި ވިޔަފާރިދަތުރުތަކުގައި އެސަޙައްދު ބޭނުންކުރާތީ، ކަނޑުފޭރޭ މީހުންގެ ކިބައިން ރައްކައުތެރިވުމަށް، އެސަރަޙައްދުގެ ޤައުމުތަކަށް އެމެރިކާއިން ފައިސާ ދައްކަމުން އައި ދުވަސްވަރެކެވެ. އެންމެފުރަތަމަ، މަސްއަލަ އުފެދުނީ ލީބިއާއިން ނުވަތަ އެދުވަސްވަރު ޓްރިޕޮލީގެ ސަރަޙައްދު އޮތް ތަނުންނެވެ. ލީބިއާއިން ބޭނުންވީ އެމެރިކާއިން ދައްކަމުންއައި ފީ ބޮޑުކުރުމަށެވެ. އެހެންނަމަވެސް، އެމެރިކާއިން އެކަމަށް އެއްބަހެއް ނުވިއެވެ. މިކަމާގުޅިގެން ލީބިއާއިން ނުވަތަ ޓްރިޕޮލީގެ ސަރަޙައްދުން، ހަނގުރާމަ އިޢުލާން ކުރިއެވެ. އެމެރިކާއިންވެސް، ކަނޑުމަތީގެ ހަނގުރާމަމަތީ އުޅަނދުތައް ފޮނުވައިގެން އެހަނގުރާމައާ ކުރިމަތިލިއެވެ. ހަނގުރާމައިގާ ބައިވެރިވީ އެއްކޮޅުން އެމެރިކާ އަދި އަނެއްކޮޅުން އެސަރަޙައްދުގައި ހިމެނޭ ތޫނިސް އާއި އަލްޖީރިއާ އަދި ލީބިއާއެވެ. ހަނގުރާމަ ކާމިޔާބުކުރީ އެމެރިކާއިންނެވެ. މޮރޮކޯ ލައްވާ އެ ތިންޤައުމާއެކު އެއްބަސްވުމެއް އެކުލަވާލައި ސޮއިކޮށް އެހަނގުރާމަ ނިންމައިލިއެވެ. އެމެރިކާއިން ބޭނުންކުރީ އެބައިމީހުންގެ އަމިއްލަ މަޞްލަޙަތެވެ. އެމެރިކާގެ ވިޔަފާރިވެރިންގެ މަޞްލަޙަތު ރައްކާތެރިކޮށްދީ، އެމެރިކާގެ ވިޔަފާރިވެރިން އިތުރަށް ފައިސާ ދައްކަން ނުޖެހޭގޮތަށް، އެއްބަސްވުން އެކުލަވައިލެވުނެވެ. އެމެރިކާގެ ނަޒަރުގައި އެމީހުން ހަނގުރާމަކުރީ ކަނޑުފޭރޭ މީހުންނާއެވެ. އެއީ އެޒަމާނުގައިވެސް، ހަނގުރާމަކުރުމަށް އެމެރިކާ ބޭނުންކުރި ޙުއްޖަތެވެ.

އެމެރިކާއިން ބޭރުބަޔަކާއެކު ކުރި ފުރަތަމަ ހަނގުރާމަ 1805 ގައި އެއޮތީ ނިމިފައެވެ. އެހެންނަމަވެސް އޭގެ 2 ޤަރުނުފަހުން، 2011 ގައި އެމެރިކާއިންވަނީ އަލުން ލީބިއާއާ ހަނގުރާމަކޮށް އެޤައުމު ސުންނާފަތި ކޮށްލާފައެވެ. މިފަހަރު ހަނގުރާމަ އިޢުލާންކުރީ ކުރީފަހަރާ ތަފާތުކޮށް އެމެރިކާއިންނެވެ. ކުރީފަހަރު ހަނގުރާމަ އިޢުލާންކުރީ ލީބިއާއިންނެވެ. އެމެރިކާއިން 2011 ގައި ލީބިއާއަށް އަރައިގަތީ، ތެލުގެ ވިޔަފާރިއާގުޅުންހުރި ނުބައި މަޢުލޫމާތު ތަކެއްގެމައްޗަށް ބިނާކޮށްފައެވެ. އެމަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ލީބިއާގެ ވެރިކަން ބަދަލުކުރުން އެއީ އެމެރިކާގެ މަޤްޞަދެވެ. އެމެރިކާއިން ޢިރާޤު ސުންނާފަތިކޮށްލީވެސް އެއްވެސް ޙަޤީޤަތެއް އޮތް އަސާސެއްގެ މައްޗަށް ބިނާކޮށްފައެއްނޫނެވެ. ލީބިއާއަށް އެރީ ޤައްޒާފީގެ ވެރިކަން ބަދަލުކުރުމަށެވެ. ޢިރާޤަށް އެރީ ޞައްދާމު ޙުސައިންގެ ވެރިކަން ބަދަލުކުރުމަށެވެ. އެދެޤައުމުވެސް އެވަނީ ސުންނާފަތިކޮށްލާފައެވެ. ޤައްޒާފީގެ 42 އަހަރުގެ ވެރިކަމުގައި  ލީބިއާއަކީ، އެފްރިކާގައި އެންމެ މުއްސަނދި ޤައުމެވެ. އަދި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު، އެފްރިކާގައި އެންމެ މަތީ ޤައުމެވެ.

އޮޅުވައިލުމާ، ދޮގާއި މަކަރާ އަދި ޙީލަތަކީ ޔަހޫދީންގެ އަތްމަތީ ޙުއްޖަތެއް

އެމެރިކާއިން ހަނގުރާމަކޮށް ހިފާ ކޮންމެ ޤައުމެއްވެސް ހިފާފައިވަނީ ލިބޭ ދޮގު މަޢުލޫމާތުގެ މައްޗަށް ބިނާކޮށްގެންނެވެ. ނުވަތަ ބުހުތާން ދޮގުތަކެއް ހަދައި މަޞްނޫޢީ ޙުއްޖަތުތަކަކާއެކު ދުނިޔެ ވައުވައްދައިގެންނެވެ. އަޑުގަދަ މީހާގެ ރުއްގިނަވާ ބީދައިންނެވެ. ވެރިކަން ބަދަލުކުރަންޖެހޭކަމުގެ ކޮންމެވެސް ބަހަނާއެއް ނުވަތަ ޙުއްޖަތެއް ދައްކާފައެވެ. ހަނގުރާމަކޮށް ހިފާފައިވަނީ މުޅިންވެސް އދ ގައި ބައިވެރިވާ މިނިވަން ދައުލަތްތަކެކެވެ. ރަޝިއާއިން ޔުކުރޭނަށް އަރާ ހަނގުރާމަ ފެށުމުން، އެކަމާ އެއްޗެކޭ ބުނަން އެމެރިކާ ލަދުގަންނަން ޖެހެއެވެ. އެއީ އެމެރިކާއިން ދުނިޔޭގެ 50 އަށްވުރެ ޤައުމަށް ޢުދުވާނީ ޙަމަލާދީ، ބޮން އަޅައި އެޤައުމުތަކުގެ ސިޔާދަތަށް ވަނީ އަރައިގެންފައެވެ. އެމެރިކާއިން ހަނގުރާމަކޮށް، ވެރިކަން ބަދަލުކުރި އެއްވެސް ޤައުމެއްގައި ހަމަޖެހުމެއް ނެތެވެ. އެމެރިކާގެ ބަޖެޓުން އެތައް ބިލިއަން ޑޮލަރެއް ޚަރަދުކޮށް، ހަނގުރާމަކޮށް، އެމެރިކާއަށް ލިބުނު އެއްޗެއް ނެތްތާނގައި ހަނގުރާމައިގާ ގެއްލުން ލިބުނު ޤައުމުތައްވަނީ ނިކަމެތިވެ ރައްޔިތުން ބިކަޙާލުގައި ޖެހިފައެވެ.

ޤައްޒާފީގެ ވެރިކަމުގައި ލީބިއާގެ ތަރައްޤީ

އެމެރިކާކުރި ހަނގުރާމަޔަށްފަހު ލީބިއާއަށް ލިބުނު ނިކަމެތިކަން

ލީބިއާއަށް އެމެރިކާ އަރައިގަތީ އެޤައުމަކީ މުސްލިމް ޤައުމަކަށް ވެގެންނެވެ. ޔުކްރޭނަށް ރަޝިއާއިން އަރައިގަތީ، އެޤައުމުގެ މަޞްލަޙަތު ރައްކާތެރިކުރަން ވެގެންނެވެ. ލީބިއާއަށް އެމެރިކާއިން އަރަގަތުމަކީ ދުނިޔެ ޤަބޫލުކުރާ ކުށަކަށް ނުވެއެވެ. އެކަމަކު ރަޝިއާއިން ޔުކްރޭނަށް އަރައިގަތުމަކީ، ބޮޑުވެގެންވާ ކުށެކެވެ. އިސްރާއީލުން ފަލަސްތީނަށް އަރައިގަތުން އެއީ އެމެރިކާއަށް ކުށެއްނޫނެވެ. އެހެންކަމުން، އެމެރިކާގެ ނަޒަރުގައި އިންސާފަކީ އެބައިމީހުންގެ އަމިއްލަ މަޞްލަޙަތެވެ. މިއަދު، ލީބިއާއަކީ ދުނިޔޭގެ އެންމެ ދެރަ އަދި ނިކަމެތި ޤައުމެވެ. ޤައްޒާފީގެ ވެރިކަމުގައި ލީބިއާއަކީ، އެފްރިކާގައި ނެތްފަދަ މުއްސަނދި ޤައުމެކެވެ. ނިކަން ވިސްނާލައްވާށެވެ ! ޤައްޒާފީގެ ވެރިކަމުގައި ؛

  • ލީބިއާގައި އިލެކްޓްރިކް ބިލެއް ނުހަދާނެއެވެ. އިލެކްޓްރިސިޓީއަކީ، ކޮންމެ ރައްޔިތަކަށްވެސް ހިލޭ ލިބޭ އެއްޗެކެވެ.
  • ލީބިއާގައި ހުންނަނީ މުޅިންވެސް ސަރުކާރުގެ ބޭންކެވެ. ކޮންމެ ރައްޔިތަކަށްވެސް ސުންއިންސައްތަ އިންޓަރެސްޓްގައި ލޯނުދޫކުރުމަކީ، ޤާނޫނީ ޙައްޤެކެވެ.
  • ގެދޮރު ލިބިގެންވުމީ، ކޮންމެ ރައްޔިތެއްގެ ވެސް ޤާނޫނީ ޙައްޤެކެވެ.
  • އަލަތު ކައިވެނީގެ ދެމަފިރިޔަކަށް، އެޕާރޓްމަންޓެއް ގަނެ ދިރިއުޅުން ފެށުމަށްޓަކައި ކޮންމެ ދެމަފިރިޔަކަށްވެސް 60 ހާސް ދީނާރު ( 46،800 އެމެރިކާ ޑޮލަރު ) ހިލޭ ދޭނެއެވެ.
  • ތަޢުލީމާއި ޞިއްޙީ ޚިދުމަތަކީ، ލީބިއާގައި ހިލޭދެވޭ އަސާސީ ޚިދުމަތެކެވެ. ޤައްޒާފީ ވެރިކަމަށް ވަޑައިގަތުމުގެކުރިން ލީބިއާގައި ލިޔަން ކިޔަން ދަންނަ ނިސްބަތަކީ ހަމައެކަނި 25 އިންސައްތައެވެ. ޤައްޒާފީ އަވަހާރަކޮށްލެވުނުއިރު ލިޔަން ކިޔަން ދަންނަ މީހުންގެ ނިސްބަތް ހުރީ 83 އިންސައްތައިގައެވެ.
  • ދަނޑުވެރިކަންކުރުމަށް ބޭނުންވާ ދަނޑުވެރިންނަށް ހިލޭ ބިންދޫކުރެއެވެ. އޭގެއިތުރަށް، ދަނޑުވެރިކަމަށް ބޭނުންވާ ހުރިހައި އެއްޗެއް، ސަރުކާރުން ހިލޭ ދޭނެއެވެ.
  • ޤައުމުން ލިބެން ނެތް ތަޢުލީމެއް ޙާޞިލްކުރަން އެއްވެސް ދަރިވަރަކު ބޭނުންވެއްޖެނަމަ، ޤައުމުންބޭރުން ތަޢުލީމު ޙާޞިލްކުރުމަށް ހޭދަވާ ހުރިހައި ޚަރަދެއް ސަރުކާރުން ކުރާނެއެވެ. އޭގެއިތުރަށް، ހުރުމާއި ދަތުރުފަތުރުގެ ޚަރަދަށް ކޮންމެ ދަރިވަރަކަށް މަހަކު 2،150 އެމެރިކާ ޑޮލަރު ދޭނެއެވެ.
  • ކާރެއް ގަންނަން ބޭނުންވާ ކޮންމެ ރައްޔިތަކަށް، އެކާރުގެ އަގުގެ ދެބައިކުޅަ އެއްބައި ސަރުކާރުން ހިލޭ ދޭނެއެވެ.
  • ލީބިއާގައި ޕެޓްރޯލް ލިޓަރެއް ވިއްކަނީ އެންމެ 12 ސެންޓަށެވެ.
  • ޤައްޒާފީގެ ވެރިކަމުގައި، ލީބިއާގެ ބޭރުގެ އެއްވެސް ދަރަންޏެއް ނުވެއެވެ. އަދި ޤައުމުގެ ރިޒާވްގައި 140 ބިލިއަން ޑޮލަރު ހުއްޓެވެ. މިއަދު، ދުނިޔޭގެ އެކި ޤައުމުގައި މިހުރިހައި ފައިސާއެއްވަނީ ހިފެހެއްޓިފައެވެ.
  • ވަޒީފާއެއްނެތް ކޮންމެ މީހަކަށް، އެމީހެއްގެ ތަޢުލީމީ ފެންވަރާ އެއްވަރުގެ ވަޒީފާއަކަށް ލިބޭ މަހުމުސާރަ، ވަޒީފާއެއް ހޯދެންދެން، ސަރުކާރުން ދެއެވެ.
  • ލީބިއާއިން ތެޔޮވިއްކައިގެން ސަރުކާރަށްލިބޭ އާމްދަނީގެ އިންސައްތައެއް، ރައްޔިތުންގެ އެކައުންޓަކަށް ޖަމާކުރެވެއެވެ.
  • އަންހެނަކު ވިހައިފިއްޔާ ބޭސްކޮށްދިނުމުގެ އިތުރަށް 4،680 ޑޮލަރު، ސަރުކާރުން ދެއެވެ.
  • 40 ފޮތީގެ ޕާނެއް ވިއްކާ އަގުހުރީ އެންމެ 14 ސެންޓްގައެވެ.
  • ލީބއާގެ މުޅިއާބާދީގެ ކޮންމެ ހަތަރުމީހަކުން އެކަކީ ތަޢުލީމީ ގޮތުން ޔުނިވަރސިޓީ ޑިގްރީއެއް ޙާޞިލްކޮށްފައިވާ މީހެކެވެ.
  • ދުނިޔޭގެ އެންމެ ބޮޑު އިރިގޭޝަން ޕްރޮޖެކްޓް ހިންގީ ލީބިއާގައެވެ. އެޕްރޮޖެކްޓަށް ދެވިފައިވާ ނަމަކީ، " ދަ ގްރޭޓް މޭންމޭޑް ރިވަރ ޕްރޮޖެކްޓް " އެވެ. ހަނަފަސް ސަހަރާއެއްގެ ގޮތުގައި އޮންނަ ލީބިއާގެ ހުރިހައި ރައްޔިތުންނަށް، ހުރިހައި ސަރަޙައްދަކަށް އެއްވެސް ދަތިކަމެއްނެތި ފެން ލިބޭނެއެވެ.

" އެމެރިކާއިން ބޭނުންވަނީ، ޢިރާޤަށް ހަދައިލިގޮތް ލީބިއާއަށްވެސް ހަދައިލާށެވެ. އެއަށްފަހު ދިމާކުރާނީ އީރާނާއެވެ. އެމީހުން ބޭނުންވަނީ ތެލުގެ މުއްސަނދިކަމަށް ވެރިވެގަތުމެވެ. މިތިން ޤައުމަކީވެސް، ޤައުމީ އިންޤިލާބަކުން، ތެލުގެ ވިޔަފާރިއާއި މުއްސަނދިކަން ސަރުކާރުގެ ބާރުހިނގާގޮތަށް ބަދަލުކޮށްފައި އޮތް 3 ޤައުމެވެ. އެމީހުން ބޭނުންވަނީ، އިންޤިލާބީ ޙަރަކާތްތަކުން އެ ޤައުމުތަކުގައި ބަންދުކޮށްފައިހުރި ޢަޝްކަރީ މަރުކަޒުތައް އަލުން ހުޅުވުމެވެ. އަދި ތެލުގެ ވިޔަފާރިކުރާ ފަރާތްތަކަށް ނަފާލިބޭގޮތަށް ( 1805 ވަނައަހަރާ ހިސާބުގައި ކުރި ހަނގުރާމައިގެ ޙުއްޖަތާ އެއްގޮތަށް ) ވެރިންނާއި ނިޒާމަށް ބަދަލު ގެނެސް، ސަރުކާރުގެ ކޮންޓްރޯލް ނައްތައިލުމެވެ. މިހުރިހައި ވާހަކަޔަކީވެސް ހުސް ދޮގެވެ. އެއީ، ރައްޔިތުންނަށް ގެއްލުމެއް ފިޔަވައި އެހެންކަމެއްނެތް ޙުއްޖަތެކެވެ. " އަވަހާރަވުމުގެ ކުރިން، ޤައްޒާފީ ވިދާޅުވެފައި ވެއެވެ.

ޤައްޒާފީ ކުށެއް ކުރެއްވިނަމަ، ކުރެއްވިހާވެސް ކުށަކީ އެޤައުމުގެ ރައްޔިތުންނަށް ގެއްލުމެއްނެތް، އެހެނަސް ޑޮލަރުގެ ބާޒާރަށް ގެއްލުންހުރި ޢަމަލެކެވެ. ދެހާހުގެ އަހަރުތަކުގެ ތެރޭގައި، ޤައްޒާފީވަނީ ވަރަށްގިނަ ޢަދަދަކަށް ރަން އެއްކުރައްވާފައެވެ.

ޤައްޒާފީގެ ވިސްނުންފުޅަކަށްވެފައި އޮތީ، ރަނަށް ބަރޯސާވާގޮތަށް، ޕޭން އެފްރިކަން ފައިސާއެއް ތަޢާރުފް ކުރެއްވުމެވެ. އެއީ އެސަރަޙައްދުގައި، ފާގަތި އިޤްތިޞާދެއްގެ ބިންގާ އެޅުއްވުމެވެ. 2011 ވަނައަހަރު، ޤައްޒާފީ އަވަހާރަކޮށްލުމުގެކުރިން، އޭނާ ރާއްވަވާފައިއޮތީ، ޑޮލަރުގެ ބަދަލުގައި ދީނާރަށް ލީބިއާގެ ތެޔޮ ވިއްކެވުމަށެވެ. އެއީ 1970 ގެ އަހަރުތަކުގެ ތެރޭގައި،

ކުރެވުނު މަޝްވަރާތަކަކަށް އައި ގޮންޖެހުމެކެވެ. އެވާހަކަތަކުގައި ބޮޑަށް އިސްކަންދެވުނީ، އޯޕެކްގެ ޤައުމުތަކުން ތެޔޮވިއްކާނީ ޑޮލަރަށް ކަމުގައެވެ. އެއީ ތެލުގެ ވިޔަފާރީގެ ޒަރީޢާއިން ޑޮލަރުގެ އަގާއި ބާޒާރާ އަދި ޑޮލަރުގެ މުހިންމުކަން ދެމެހެއްޓުމަށެވެ.

އެމެރިކާގެ އޭރުގެ ރައީސް ބަރަކް އޮބާމާއާއި ޤައްޒާފީ

އެމެރިކާގެ ކުރީގެ ޚާރިޖީވަޒީރު ހިލަރީ ކްލިންޓަންގެ ސިއްރު އީމެއިލްތަކެއް ދާދިފަހުން ވަނީ ލީކް ވެފައެވެ. މިމެއިލްތަކުން ބޭޒާރުވެފައިވާގޮތުގައި، ލީބިއާއަށް އެމެރިކާ އަރައިގަނެ ވެރިކަން ބަދަލުކުރީ އެޤައުމުގެ ރައްޔިތުންނަށް ފައިދާއެއް ހޯދައިދޭކަށްނޫނެވެ. އޭގެބަދަލުގައި ދީނާރަށް ތެޔޮ ވިއްކުމުން އެމެރިކާ ޑޮލަރުގެ އަގުވެއްޓި، އެމެރިކާއަށް އޮތް ގެއްލުމަކުން ސަލާމަތް ވުމަށެވެ. ޤައްޒާފީ އަވަހާރަކޮށްލުމަށްފަހު، ކުރިންވެސް ރާވާފައި އޮތްގޮތަށް، އެމެރިކާއިންވަނީ ލީބިއާގެ ސެންޓްރަލް ބޭންކާއި ތެލުގެ ވިޔަފާރި އަމިއްލަ ފަރާތްތަކުގެ ބާރަށް ދޫކޮށްލާފައެވެ. އެއީ އެމެރިކާއިން ބޭނުންވެފައި އޮތްގޮތެވެ. ލީބިއާގެ ރައްޔިތުން ބޭނުންވާ ގޮތެއްނޫނެވެ. ޑިމޮކްރަސީގެ ނަމުގައި އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން މިގެންގުޅެނީ ކޮންކަހަލަ އަމިއްލައެދުންބޮޑު ނިޒާމެއްތޯއެވެ ؟ ޔަހޫދީން އެބައިމީހުންގެ ޙައްޤު ހޯދަން އެކުރަނީ ޖިހާދެވެ. މުސްލިމުން އެމީހުންގެ ޙައްޤުހޯދަން ކުރިމަތިލައިފިނަމަ އެއީ ޓެރަރިސްޓުންނެވެ.

ލީބިއާއަށް އެމެރިކާއިން ގެނެސްދިން ޑިމޮކްރަސީގެ އިންސާފުން މުޅިޤައުމު އަވަދިކޮށްލައިފިއެވެ. އުތުރު އެފްރިކާގައި އޮތް އެންމެ ނިކަމެތި ޤައުމަށް ހަދައިފިއެވެ. ހަތިޔާރުގެ ވަގުވިޔަފާރިކުރާ 14 ޤައުމުގެ ލިސްޓުގައި 2014 ވަނައަހަރު، ލީބިއާ ހިމެނި، ޤައުމުގެ އަގުވެއްޓިއްޖެއެވެ. ދާޚިލީ ހަމަނުޖެހުން އުފެދި ރައްޔިތުން ބައިބައިވެ، އެއްބަޔަކު އަނެއްބަޔަކަށް ތަޅާފޮޅައި، އިޖްތިމާޢީ ޢަދާލަތު ގެއްލި، ފަތުރުވެރިން ޒިޔާރަތްކުރުމަށް ނުރައްކައުތެރި ތަނަކަށްވެއްޖެއެވެ. އުތުރު އެފްރިކާއާއި މެދުއިރުމަތީގެ ޤައުމުތަކުގައި ވަގަށް ވިކެމުންދަނީ ލީބިއާގެ ހަތިޔާރެވެ. މިހަތިޔާރު ގަންނަނީ އެމެރިކާ ސަރުކާރުންނެވެ. އަދި އެމެރިކާއިން ހަތިޔާރު ގަތުމަށްފަހު އެތަކެތި އެމެރިކާއިން ޙަވާލުކުރަނީ، ސޫރިޔާއާއި ޢިރާޤުގައި ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންގެންދާ އައިސިސްގެ ޖަމާޢަތްތަކަށެވެ. އެމެރިކާގެ ޚަޞީލަތަކީ ދުވަހަކުވެސް ބަދަލުނުވާނެ އިޔަހޫދީ ނުބައި ޚަޞީލަތެކެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.