
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން މަސައްކަތްކުރާނީ ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ލުއިކޮށްދިނުމަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްޑީއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ލީޑަރ އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވީ އެ ޕާޓީގެ ހަރަކާތްތައް ވަރުގަދަކުރުމަށް ހުރިހާ ރަށަކަށް ދަތުރުކުރަން ނިންމާފައިވާ ކަމަށެވެ. އެކަމަކު އެ ދަތުރުތައް ފަށާނީ ރޯދަމަސް ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޔާމް އިތުރަށް ވިދާޅުވީ މާލެއެކޭ އެއްގޮތަށް އަތޮޅުތަކުގެ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ ކަމަށެވެ.
ގޯތި ދޫކުރިތާ އެތައް އަހަރެއް ވެފައިވާ ރަށްތައް ހުރިކަން ފާހަގަކުރައްވާ ސިޔާމް ވިދާޅުވީ ގޯތި ލިބުމަށްފަހުވެސް ޢިމާރާތް ނުކުރެވި ގިނަ ގޯތިތައް ހުންނަކަމަށެވެ. އެހެންދިމާވަނީ އެތަންތަނުގައި ގެ އިމާރާތްކުރަން އެކަށީގެންވާ މާލީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްނުދޭތީކަން ސިޔާމް ވަނީ ފާހަގަކުރައްވާފައެވެ.