މާލެ ސިޓީގެ ރައްޔިތުންނަށް އަގުހެޔޮކޮށް ބޯހިޔާވަހިކަން ލިބޭނެ ފުރުސަތުތައް ހޯދައިދިނުމަކީ އެންމެބޮޑު މަސްއޫލިއްޔަތު: ޑރ. މުޢިއްޒު

މާލެ ސިޓީގެ ރައްޔިތުންނަށް އަގުހެޔޮކޮށް ބޯހިޔާވަހިކަން ލިބޭނެ ފުރުސަތުތައް ހޯދައިދިނުމަކީ އެންމެބޮޑު މަސްއޫލިއްޔަތު ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މޯލްޑިވްސް ފްލޯޓިންގ ސިޓީ މަޝްރޫއުގެ ޕާޓްނަރެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެ، އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި މޭޔަރ ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ކިތަންމެ ކުޑަ ނަމަވެސް ހައްލެއް ލިބޭ ކަމެއްގައި ކައުންސިލުން އަބަދު ވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

ބިލިއަނެއްހާ ޑޮލަރު ޚަރަދުކޮށްގެން ހަދަން ނިންމާފައިވާ މޯލްޑިވްސް ފްލޯޓިންގ ސިޓީ މަޝްރޫއުގެ ޕާޓްނަރ އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ. ފްލޯޓިންގ ސިޓީ މަޝްރޫއު ހިންގާ ޑަޗް ޑޮކްލޭންޑް އިންޓަރނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޕައުލް ވެން ޑީ ކޭމްޕްއެވެ.

މި އެއްބަސްވުމުގެދަށުން ޑަޗް ޑޮކްލޭންޑް އިންޓަރނޭޝަނަލްގެ ފަރާތުން ބޭނުންވާ ފަންނީ އެހީތެރިކަން މާލޭ ސިޓީ ކައުންސިލުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފްލޯޓިންގ ސިޓީން ކުލި ނެގޭނެ އުސޫލު ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާއިރު، މި މަޝްރޫއުގެ ދަށުން 5000 ފްލޯޓިންގ ގެ އެޅުމަށް ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ބައިސަން ކުންފުންޏާ މިހާރުވަނީ ހަވާލުކޮށްފައެވެ.

މި ފްލޯޓިންގ ސިޓީ އެޅުމަށް ނިންމާފައިވަނީ މާލެ އަތޮޅު އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއްގައެވެ. އެ ފަޅު މިހާރު ވަނީ ޑަޗް ޑޮކްލޭންޑަށް ދީފައެވެ.

ފެން މަތީގައި ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ހަދާ މި ފްލޯޓިންގ ސިޓީ ހަދަން ސަރުކާރުން ނިންމާފައިވަނީ މިދިޔަ އަހަރުގެ މާރޗު މަހުގެ 14 ވަނަ ދުވަހުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.