ރޯދަމަހު އެމްޕީއެލް އިން މުދާ ކްލިއަރެންސް ވަގުތުތަކަށް ބަދަލު ގެންނަނީ

ކުރިއަށް އޮތް ރޯދަމަހާއި ދިމާކޮށް އެމްޕީއެލް އިން މުދާ ކްލިއަރެންސް ވަގުތުތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޕީއެލް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއީއޯ ޝާހިދު ޢަލީ ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް ރޯދަމަހު ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު އިތުރުކަމަށެވެ. އަދި ތަކެތީގެ އަގު ހިފެހެއްޓުމަށް ވީހާވެސް އަވަހަށް ބޯޓުތަކުން މުދާ ހުސްކުރުމަށް ކޮންމެއަހަރަކު ވެސް އެކުންފުނިން އަމާޒުހިފާ ކަމަށެވެ.

އެގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 16:00ށް އަދި ރޭގަނޑު 9:00 އިން ދަންވަރު 1:30 އާހަމައަށް ބޯޓް ކްލިއަރ ކުރުމުގެ މަސައްކަތް ކުރާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

" ރޯދަމަހާއި ދިމާކޮށް މައިގަނޑު ގޮތެއްގައި އެންމެ ގިނައިން އެތެރެކުރަނީ ޕެރިޝަބަލް ކާބޯތަކެތި. އެހެންވެ ލޯޑްކުރުމުގައި އިތުރަށް އަވަސްވާނެ ގޮތަކަށް ވަނީ ރޭވިފަ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މުދާ ހިފައިގެން ބޯޓު ބަނދަރުކުރާ ވަގުތު، މުދާ އަންލޯޑް ކުރުމަށް ލޮރީ ފަދަ ވެހިކަލްތައް މުދާ ހުސްކުރުމަށް ތައްޔާރަށް ބޭއްވުމުގެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާކަމަށެވެ.

އެމްޕީއެލް އިން ބުނީ ރޯދައަށް މުދާ ހިފައިގެން އައި ދެ ބޯޓަކުން މުދާ ބޭލުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާކަމަށާއި ބަނދަރުގައި ދެބޯޓެއް އެބައޮތް ކަމަށެވެ. އަދި މި ހަފްތާގެ ތެރޭ އިތުރު ދެ ބޯޓެއް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.