
ރާއްޖޭގައި ޔޫޓިލިޓީގެ ހިދުމަތް ދެމުން އަންނަ އެންމެ ބޮޑު ކުންފުނި ފެނަކަ ކޯޕަރޭޝަންއިން ކ. ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތްތަކާ ހަވާލުވެއްޖެއެވެ.
ކ. ހުރާގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތް މިހާތަނަށް ދެމުން އައީ ހުރާގެ ކައުންސިލުގެ ބެލުމުގެ ދަށުން އެ ކައުންސިލުންނެވެ. މިކަމަށްޓަކައި ކ.ހުރާގައި މިއަދު ބޭއްވި ޚާއްސަ ރަސްމިޔާތުގައި ކ. ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތާ ފެނަކައިން ހަވާލުވުމުގެ އެއްބަސްވުމުގައި ހުރާ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ހުރާ ކައުންސިލުގެ ރައީސް ޢީސާ އަޙްމަދެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ.
މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާއެވެ.