
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. މި ހިނގާ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅަކީ ސްރީލަންކާގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް ނަމާލް ރާޖަޕަކްސަގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ނަމާލް ރާޖަޕަކްސައަކީ ސްރީލަންކާގެ މިނިސްޓަރ އޮފް ޑިވެލޮޕްމަންޓް ކޯޑިނޭޝަން އެންޑް މޮނިޓަރިންގ އަދި މިނިސްޓަރ އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓަރޕްރައިޒް ޑިވެލޮޕްމަންޓްވެސް މެއެވެ.
ރައީސް ނަޝީދުގެ ދަތުރުފުޅަކީ 5 ވަނަ ސްރީ ލަންކާ ޔޫތު ޕާލަމެންޓްގެ 2 ވަނަ ސެޝަންގައި ޝަރަފުވެރި މެހުމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ސެޝަނީ ސްރީ ލަންކާގެ ޒުވާނުންގެ ލީޑަރޝިޕް ހުނަރުތައް އަށަގެންނެވުމަށާއި އެ ހުނަރުތައް ދަސްކޮށްދިނުމުގެ މަގުސަދުގައި ނޭޝަނަލް ޔޫތު ސަރވިސަސް ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ސެޝަނެކެވެ.
ރައްޔިތުންގެ މަޖިލީހުގހެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުފުޅުގައި ރައީސް ނަޝީދު ސްރީ ލަންކާގެ އިސް ވެރިންނާއި އެ ގައުމުގެ އޮފިޝަލުންނާއި ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކާވެސް ބައްދަލު ކުރައްވާނެއެވެ.