އޯރަންޒޭބް ޢާލަމްގީރަކީ އިންޑިއާގެ މުސްލިމް ރަސްކަލެކެވެ. މި ރަސްގެފާނުގެ އަސްލު ނަންފުޅަކީ މުޙްޔިއްދީން މުޙައްމަދެވެ. މަޝްހޫރުވެފައި ވަނީ އޯރަންޒޭބްގެ ނަންފުޅުންނެވެ. އިސްލާމީ ހަމަތަކަށް ލޯބިކުރެއްވި ދީނީ ޙުކުމްތައް ދެމެހެއްޓެވި ރަސްކަލެއް ކަމަށް ބުނެވެއެވެ.
އެއް ދުވަހަކު އޯރަންޒޭބްގެ ދަރުބާރަށް ކުންދަން ބެހެރޫޕިޔާ އޭ ނަމަކަށް ކިޔާ މީހަކު އަތުވެއްޖެއެވެ. ބެހެރޫޕިޔާއޭ ކިޔަނީ ސިފަ ބަދަލުކޮށްގެން މީސްމީހުނަށް އޮޅުވާލައި މަކަރު ހަދައި އުޅޭ މީހުންނަށެވެ. ކުންދަން ރަސްގެފާނަށް ދަންނަވައިފިއެވެ. "ޢިއްޒަތްތެރި ރަސްގެފާނަކީ މިއުޒިކު ކުޅުމާއި ލަވަ ކިޔައި ނަށައި ހެދުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ގަބޫލުފުޅު ކުރައްވާ ރަސަކަލެއްކަން އަޅުގަނޑު ދަންނަމެވެ. އަޅުގަނޑަކީވެސް ފަންނުވެރިއަކީމެވެ. އަޅުގަނޑުގެ ފަންނަކީ ސިފަ ބަދަލުކޮށްގެން މީސްމީހުންނަށް އޮޅުވައިލައިގެން އުޅުމެވެ. އަޅުގަނޑުގެ ނަމަކީ ކުންދަން ބެހެރޫޕިޔާއެވެ. ޢިއްޒަތްތެރި ރަސްގެފާނަކީ ވަރަށް ވިސްނުންފުޅު ތޫނު ތަޖުރިބާކާރު ބޭފުޅެކެވެ. އެކަމަކުވެސް ފާހަގަ ނުކުރެއްވޭ ވަރަށް މޮޅަށް ސިފަ ބަދަލުކޮށްގެން އަޅުގަނޑު މަނިކުފާނަށް އޮޅުވާލައިފާނަމެވެ."
ރަސްގެފާނު ވިދާޅުވިއެވެ. "އަހަރެން މިއީ ތިޔަ ކަހަލަ ދުނިޔަވީ ސަކަރާތަކީ ބޭކާރު ކަންތައްތަކެއް ކަމަށް ދެކޭ މީހަކީމެވެ. އެހެންވީމާ ކަލޭ ތިޔަ ދައްކާ ވާހަކައަކީ އަހަރެންގެ ކުރިމަތީގައި މާކަ ބޮޑު އަގެއް ހުރި ވާހަކަތަކެއް ނޫނެވެ. އަހަރެންގެ ވަގުތު ނަގައިލާން ނޫޅޭށެވެ."
ކުންދަން ދެންނެވިއެވެ. "ތިޔަހެން ނުހައްދަވާށެވެ. މަނިކުފާނަކީ ޢިއްޒަތް ބޮޑުވެގެންވާ ވިސްނުންފުޅު ތޫނު ރަސްކަލެކެވެ. އަޅުގަނޑު ސިފަ ބަދަލުކޮށްގެން މަނިކުފާނުގެ ކުރިފުޅުމައްޗަށް އަންނާނަމެވެ. ކާކުކަން އެނގިވަޑައިގަނޭތޯ ބައްލަވާށެވެ."
ރަސްގެފާނު ވިދާޅުވިއެވެ. "އެންމެ ރަނގަޅެވެ. ކަލޭ ހިތާވާ ކަމެއް ކުރާށެވެ."
ކުންދަން ދެންނެވިއެވެ. "ޢިއްޒަތްތެރި ރަސްގެފާނަކީ ފުދުންތެރި ދީލަތި ރަސްކަލެކެވެ. މަނިކުފާނަށް އަޅުގަނޑު ވަކި މީހަކު އެނގިވަޑައިގެންފިނަމަ އަޅުގަނޑު މަނިކުފާނަށް ދެރީއެވެ. ވަކި މީހަކު އެނގިވަޑައިނުގެންފިނަމަ އަޅުގަނޑަށް ފަސް ސަތޭކަ ރުފިޔާ ދެއްވާން ވާނެއެވެ.] ފަސް ސަތޭކަ ރުފިޔާއަކީ އެ ދުވަސްވަރަށް ބަލާނަމަ ވަރަށް ގިނަ ފައިސާއެވެ.
ރަސްގެފާނު ވިދާޅުވިއެވެ. [އެންމެ ރަނގަޅެވެ. ފަސް ސަތޭކަ ރުފިޔާއަކީ އަހަންނަކަށް މާ ބޮޑު އެއްޗެއް ނޫނެވެ. އަހަންނަށް ކަލޭ ނޭނގުނިއްޔާ ފަސް ސަތޭކަ ރުފިޔާ ދޭނަމެވެ.]
ރަސްގެފާނު އެއްބަސްވެވަޑައިގަތީމާ ކުންދަން ގެއަށް އައިސް ފިކުރު ކުރާން ފަށަތްޕެވެ. ހިތަށް އެރިއެވެ. ހިތުގައި އޮތް ފޮނިކަމަކާ ގުޅިގެން މި އައުދެވުނީ ވަރަށް ބޮޑު ކަމެއް ބޮލުއަޅައިގެންނެވެ. ރަސްގެފާނަށް އެނގިވަޑައިނުގަންނަވާ ވަރުކުރަން ބަދަލުވާނީ ކޮން ސިފައަކަށް ހެއްޔެވެ؟
ރަށުތެރޭގައި ދެކެވޭ ވާހަކަތަކުން ކުންދަނަށް އެނގުނު ގޮތުގައި އެ ދުވަސްވަރަކީ ދެކުނު އިންޑިއާގެ މަރާޓީންނާއި ބްރަހުމަނުންގެ ރަސްކަން އޮންނަ ރަށްތަކަށް އޯރަންޒޭބް ޢާލަމްގީރް ޙަމަލާ ދެއްވަމުން ގެންދެވި ދުވަސްވަރެކެވެ. އެނގުނު ގޮތުގައި ކުރިއަށް އޮތް އަހަރުވެސް ކޮންމެވެސް ރަށަކަށް ހަމަލާ ދެއްވާން ރަސްގެފާނު ގެންދަވަނީ ތައްޔާރު ކުރައްވަމުންނެވެ.
ކުންދަން ބޮޑު އަޅުވެރި ދީންވެރިއެއްގެ ސިފައަށް ސިފަ ބަދަލުކޮށްގެން ބްރަހުމަނުންގެ ވެރިކަން ފެށޭ ސަހަރައްދީ އިމުގެ ކައިރިއަށް ހިނގައްޖެއެވެ. އޭނާގެ ތުނބުޅި ހުރީ ދިގުކޮށްފައެވެ. ލައިގެން ހުރީ ދަންނަބޭކަލެކޭ ހީވާ ކަހަލަ ޖުއްބާއެކެވެ. ކަރުގައި މިނާ ފައްޗެއް އޮތެވެ. އަތުގައި އޮތީ ތަސްބީހައެކެވެ. އެ ސަރަހައްދުގައި ގާއިމުވެ ހުރެގެން އަޅުކަންކޮށް މީސްމީހުނަށް ނަސޭހަތްދީ ހަދާން ފަށައިފިއެވެ. އިސާހިތަކު މި ދަންނަބޭކަލަކު މުޅި ހިސާބުގަނޑަށް މަޝްހޫރު ވެގެން ހިނގައްޖެއެވެ. މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި މި އޮންނަ ގޮތަށް އެއީ އާދަޔާ ޚިލާފު ބާރެއް ލިބިފައިވާ ވަލީވެރިއެއް ކަމަށް ގަބޫލުކުރާ މީހުންވެސް ގިނަވާން ފަށައިފިއެވެ. ދުރުދުރުން އޭނާގެ ގާތަށް އެކި ކަންކަމު މީހުން އަންނާން ފަށައިފިއެވެ. މި ގޮތުގައި އޭނާ އަހަރެއްހައި ދުވަސް ވޭތުކޮށްފިއެވެ.
އެއް އަހަރު ދުވަސް ފަހުން އޯރަންޒޭބް އެ ސަރަހައްދަށް ކުރައްވާ ޙަމަލާގެ ދަތުރުފުޅު ފަށްޓަވައިފިއެވެ. އެ ސަރަހައްދަށް ވަޑައިގެން ފުރަތަމަ ޙަމަލާ ދެއްވުމާއެކު ރަސްގެފާނުގެ ހިތްޕުޅުގައި ބާވަތެއްގެ ބިރުފުޅެއް އުފެދިއްޖެއެވެ. ސަބަބަކަށްވީ މަރާޓީން ކިއްލާ ބަންދުކޮށްގެން ތިބީމާ، އެ ކިއްލާގެ ދޮރާށްޓަށް ނުވަތަ ފާރަށް ގެއްލުމެއް ދެއްވައިގެން ކިއްލާގެ އެތެރެއަށް ވެދެވަޑައިގެންނެވޭ ގޮތް ނުވުމެވެ. މި ފަހަރު އެނބުރި ވަޑައިގަންނަވާން ޖެހިވަޑައިގަންނަވާނީ ނާކާމިޔާބީއާއެކުގައޭ ހިތްޕުޅަށް އެރީމާ ވަރަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެވަޑައިގެންފިއެވެ. ނާކާމިޔާބީއަކީ ރަސްކަމަށް އަރާ ވަރަށް ބޮޑު ހުތުރަކަށް ވާނެތީއާވެސް އެކުގައެވެ.
މި ކަމާ ފިކުރުފުޅު ބޮޑުވެފައި ހުންނަވަނިކޮށް ލަޝްކަރުގެ ބަޔަކު އައިސް ދެންނެވިއެވެ. "މިތާ ކައިރީގައި ވަރަށް އަޅުވެރި ދީންވެރި ދަންނަބޭކަލަކު އެބަ އުޅުއްވައެވެ. އޭނާގެ އަރިހަށް ވަޑައިގެން މަޝްރާ ކޮށްލެއްވުން ކިހިނެއް ވާނެތޯއެވެ؟ އޭނާގެ ދުޢާގައި ވަރަށް އަސަރު ހުންނަ ކަމަށް ބުނެވެއެވެ. އޭނާޔާ ވާހަކަފުޅު ދެއްކެވުމަށް ފަހު އޭނާގެ މަޝްވަރާގެ މަތީން ޙަމަލާ ދެއްވުން ރަނގަޅު ވާނެ ކަމަށް އަޅުގަނޑުމެން ދެކެމެވެ."
ރަސްގެފާނު އެ މީހުންގެ ވާހަކައަށް ތާއީދު ކުރައްވައި އެ ދަންނަބޭކަލަކާ ބައްދަލު ކުރައްވާން ވަޑައިގެންފިއެވެ. ދިމާވެގެން އުޅޭ މައްސަލައިގެ ވާހަކަ އެ ބޭކަލެއްގެ އަރިހު ވިދާޅުވެއްޖެއެވެ. ވިދާޅުވީވެސް އަޅުގަނޑުމެން މިހާރުވެސް ހަދާހެން އަމިއްލަފުޅު މައްސަލައަކީ މުޅި ދުނިޔެއާ ނުވަތަ އިސްލާމްދީނާ ގުޅުންހުރި ބޮޑު މައްސަލައެއް ކަމަށް ހައްދަވައިގެންނެވެ. "އިސްލާމީ އުއްމަތަށް ވަރަށް ބޮޑު މައްސަލައެއް ދިމާވެއްޖެއެެވެ. މާދަމާ މި ކިއްލާއަށް ޙަމަލާދޭން އަޅުގަނޑު ގަސްތު ކޮށްފީމެވެ. ކަލޭގެފާނު ވިދާޅުވަނީ ކީކޭތޯއެވެ؟"
ދަންނަކަލޭފާނު ވިދާޅުވިއެވެ. "އަޅުގަނޑަކީ އަޅުކަމާއިގެން އަވަދިނެތި އުޅޭ މީހަކީމެވެ. ތިޔަހަރަ ކަންތައްތަކަކީ އަޅުގަނޑަކަށް އެނގޭ ކަހަލަ ކަންތައްތަކެއް ނޫނެވެ. އެކަމަކު މާދަމާ ޙަމަލާ ނުދެއްވާށެވެ. މާދަމާ ނޫން އަނެއް ދުވަހުގެ މެންދުރު ނަމާދަށް ފަހު ޙަމަލާ ދެއްވާށެވެ."
ރަސްގެފާނު ކަންތައް ކުރެއްވީ އެ ދަންނަކަލޭފާނު ދެންނެވި ގޮތަށެވެ. ނަތީޖާއަކީ މާ ބޮޑު ބުރައަކާ ނުލައި ކިއްލާ ފަތަޙަވުމެވެ. ރަސްގެފާނު ހަނގުރާއިގެ ކަންތަކުން އަވަދިވެވަޑައިގެން އަނެއްކާވެސް ދަންނަކަލޭފާނު އަހިރަށް ވަޑައިގެންފިއެވެ. އޯރަންޒޭބަކީ ދީނަށް ލޯބިކުރައްވާ ބޭފުޅަކަށް ވީނަމަވެސް ތުރުކުރައްވައިގެން ހުންނެވި އަބާއަކީވެސް ވަރަށް އަގުބޮޑު އަބާއެކެވެ. އޭގައި ހުރީ ރަނުން ކިނާރި އަޅައި ޖަވާހިރު ޖަހައިފައެވެ. ރަސްގެފާނު އަބާކޮޅު ބާލުއްވައި ދަންނަކަލޭފާނަށް ފޯރުކޮށްލެއްވުމަށް ފަހު ވިދާޅުވިއެވެ. "އަޅުގަނޑަށް މި ލިބުނު ފަތަޙައަކީ ކަލޭގެފާނުގެ ދުޢާފުޅުގެ އަސަރެވެ."
ދަންނަކަލޭގެފާނު ވިދާޅުވިއެވެ. "ނޫނެކެވެ. އެއީ ހައްތަހާވެސް ﷲ ގެ ރަޙްމަތެވެ. އެކަލާނގެ ކުޅަދުންވަންތަކަމެވެ. އަޅުގަނޑަކީ އެކަލާނގެ އަޅަކީމެވެ."
ރަސްގެފާނު ވިދާޅުވިއެވެ. "ކޮށްދެއްވި ހެޔޮ ކަމުގެ ބަދަލުގައި ހަދިޔާއެއް އަރުވަން އަޅުގަނޑު ބޭނުމެވެ. ކަލޭގެފާނުގެ ދަރިދަރިކޮޅަށް ދާންދެން ހުރިހައި ކުށަކުން ބަރީއަ ކޮށްފީމެވެ. ދަރިދަރިކޮޅަށް ދާންދެން އުފަލާއި އަރާމުގައި އުޅުއްވޭވަރަށް މުދަލާއި ފައިސާ އަރުވާނަމެވެ. އަޅުގަނޑުގެ ވެރިކަން ހިނގާ ސަރަހައްދުން ބޭނުންފުޅު ތަނަކުން ބޭނުންފުޅު ވަރަކަށް ބިން އަރުވާނަމެވެ."
ދަންނަކަލޭފާނު މިއިން އެއްވެސް ކަމެއް ގަބޫލެއް ނުކުރެއްވިއެވެ. އަބާކޮޅަކުވެސް ނުހިއްޕެވިއެވެ. ވިދާޅުވިއެވެ. "ތިޔައިން އެއްވެސް އެއްޗެއް، އެއްވެސް ކަމެއް އަޅުގަނޑު ބޭނުމެއް ނޫނެވެ."
ރަސްގެފާނަށް އެންމެ ފަހުން ޖެހިވަޑައިގަތީ އެނބުރި ވަޑައިގަންނަވާށެވެ.
އެނބުރި ރަށަށް ވަޑައިގެން ވެރިކަމުގެ ކަންތައްތަކާއިގެން އުޅުއްވަނިކޮށް އެއްކަލަ ދަންނަކަލޭފާނު ރަސްގެފާނުގެ ދަރުބާރަށް ވަޑައިގެންފިއެވެ. ރަސްގެފާނު ތެދުވެވަޑައިގެން މަރުޙަބާ ވިދާޅުވުމަށް ފަހު ވިދާޅުވިއެވެ. "މިތަނަށް ވަޑައިގަތީ ކީއްކުރައްވަންތޯއެވެ؟ އަޅުގަނޑަށް އަންގަވައިލެއްވި ނަމަ އަޅުގަނޑު ކަލޭގެފާނުގެ އަރިހަށް އަތުވެއްޖައީމުހެވެ."
ދަންނަކަލޭފާނު ވިދާޅުވިއެވެ. "ނޫނެކެވެ. އެއީ މާ ރަނގަޅު ގޮތެއް ނޫނެވެ. މަނިކުފާނަކަށް އަޅުގަނޑު އެނގިވަޑައެއްނުގަތްތާއެވެ. އަޅުގަނޑަކީ ދަންނަބޭކަލަކީމެއް ނޫނެވެ. އަޅުގަނޑަކީ ކުންދަން ބެހެރޫޕިޔާއެވެ. ވަޢުދުވެވަޑައިގަތް ފަދައިން އަޅުގަނޑަށް ފަސް ސަތޭކަ ރުފިޔާ ދެއްވާށެވެ."
ރަސްގެފާނު ވިދާޅުވިއެވެ. "ފަސް ސަތޭކަ ރުފިޔާ ދިނުމަކީ އަހަންނަކަށް މާ ބޮޑު ކަމެއް ނޫނެވެ. އެކަމަކާ ދެކޮޅެއްވެސް ނުހަދާނަމެވެ. އެކަމަކު އަހަރެންގެ ސުވާލެއް އެބައޮތެވެ. ކަލޭ ބޭނުން ވަރަކަށް ފައިސާއާއި މުދަލާއި ބިން ދޭނަމޭ އަހަރެން ބުނީމެވެ. ކަލޭގެ ދަރިދަރިކޮޅަށް ދާންދެން އުފަލާއި އަރާމާއެކު އުޅެވޭވަރު ކޮށްދޭން އުޅުނީމެވެ. އެހުރިހައި މުދަލަކާއި ފައިސާއަކާއި ބިމަކަށް އިންކާރު ކުރުމަށް ފަހު އަހަރެންގެ ގާތަށް އެންމެ ފަސް ސަތޭކަ ރުފިޔާ ހޯދަން އައީ ކީއްވެގެންކަން ނިކަން ބުނެދީބަލާށެވެ."
ކުންދަން ދެންނެވިއެވެ. "މާތް ރަސްގެފާނެވެ. އެ ވަގުތު އަޅުގަނޑު ހުރީ ދީންވެރި އަޅުވެރިއެއްގެ ހެދުން އަޅައިގެން ދަންނަބޭކަލެއްގެ ސިފައަށް ސިފަ ބަދަލުކޮށްގެންނެވެ. އަޅުގަނޑު ހުރި ސިފައަކީ ތެދުވެރިންގެ ސިފައެކެވެ. އަޅުގަނޑަކީ ދޮގުވެރިއަކީމެވެ. އެހެންވީމާ ތެދުވެރިއެއްގެ ހެދުން އަޅައިގެން ހުރެ ދޮގާއި މަކަރުގެ ތެރެއަށް ވަނުމަކީ އެ ސިފައަށް ކުރެވޭ ބޭހުރުމަތަކަށް ވާނެއެވެ. އެ ހެދުމުގެ އަގު ވެއްޓޭ ކަމަކަށް ވާނެއެވެ. އެހެން ހަދަން އަޅުގަނޑަށް ނުކެރުނީއެވެ."
މި ހާދިސދާގެ ވާހަކަ އަޅުގަނޑު މި ލިޔުނީ ދަންނަވާން އުޅޭ ވަރަށް ކުޑަކުޑަ ވާހަކައަކަށް ތަން ހޯދުމުގެ ގޮތުންނެވެ. އަޅުގަނޑު މުޚާޠަބް ކުރަން ގަސްކުރުނީ އަޅުގަނޑުމެންގެ ދަންނަބޭކަލުންނާއެވެ. އިސްލާމް ދީނުގެ ޢިލްމު ލިބިވަޑައިގެން ތިއްބެވި ޢިލްމުވެރިންނާއެވެ. ޖެހިލުންވުމާއެކުވެސް ދަންނަވާން ބޭނުންވާ ވާހަކަތަކެއް ހުރީމައެވެ.
އަޅުގަނޑުމެންނަށް އިސްލާމް ދީން އެނގުނީ ﷲ އަންގަވައި ދެއްވީމައެވެ. އަންގަވައިދެއްވާން ﷲ މެދުވެރި ކުރެއްވީ މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއެވެ. އެކަލޭގެފާނާ ބެހޭ ގޮތުން ﷲ އަންގަވާފައި ވަނީ އެއީ ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައި ފޮނުއްވި ބޭކަލަކު ކަމުގައެވެ. މާނައަކީ އެކަލޭގެފާނުގެ ފިޔަވަޅުފުޅުގެ މަތީގައި ހިނގާ މީހާގެ ދިންނެވުން ކަށަވަރުވާނެއެވެ. ދެން ﷲ އަންގަވައިފައި ވަނީ އެކަލޭގެފާނަކީ އެންމެ މަތިވެރި އަޚްލާގީ ސިފަފުޅުތައް ލިބިވަޑައިގެން ހުންނެވި ކަލޭގެފާނު ކަމުގައެވެ.
އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ދަންނަބޭކަލުންނަކީ ކީރިތި ރަސޫލާގެ ހެދުންކޮޅު ތުރުކުރައްވައިގެން ތިއްބަވާ ބޭކަލުންނެވެ. އެހެންވީމާ އެ ހެދުންކޮޅުގެ ގަދަރު ހިފަހައްޓަވާން ވާނެއެވެ. ކީރިތި ރަސޫލާގެ އަބުރުފުޅު ދަމަހައްޓަވާން ވާނެއެވެ. ދީނުގެ އަގު އުފުއްލަވާން ވާނެއެވެ.
ކީރިތި ރަސޫލާގެ ފިޔަވަޅުފުޅުމަތީގައި ތިއްބަވާ ދަންނަބޭކަލުން މީސްމީހުންގެ އަބުރާ ބެހިވަޑައިގަތީމާ އެ ކުރެއްވެނީ ކޮން ކަހަލަ ކަމެއްތޯއެވެ؟ ކަނޑައެޅިގެން ބޮޑެތި ދޮގު ހައްދަވައި މީސްމީހުނާ ދިމާއަށް ކާފަރަށް ވަގަށް ގޮވައިލެއްވީމާ އެ ކުރެއްވެނީ ކިހައި ވަރެއްގެ ކަމެއްތޯއެވެ؟ ފިތުނަވެރި ވާހަކަތައް މުޖުތަމަޢަށް ނެރުއްވީމާ އެ އެޅުއްވެނީ ކޮން ކަހަލަ ފިޔަވަޅެއްތޯއެވެ؟
ކީރިތި ރަސޫލާގެ ސިޔަރަތު އަޅުގަނޑުމެންނަށް ވިދާޅުވެ ދެއްވަނީވެސް ތިޔަ ދަންނަބޭކަލުންނެވެ. އެކަލޭގެފާނުގެ މާތް އަޚްލާގުގެ ވާހަކަ ވިދާޅުވެ ދެއްވަނީވެސް ހަމަ ތިޔަ ބޭފުޅުންނެވެ. އެކަމަކު އެ މާތް އަޚްލާގާ ފުށުއަރާ ވާހަކަފުޅު ދައްކަވައި އެފަދަ ކަންތައް ކުރައްވަނީވެސް ހަމަ ތިޔަ ބޭފުޅުންނެވެ. އެ ހުރިހައި ވާހަކައަކީ ހަމައެކަނި އަޅުގަނޑުމެން ޢަމަލުކުރަން ހުންނަ ވާހަކަތަކެއް ބާވައޭ ބައެއް ފަހަރު ހިތަށް އަރައެވެ.
އިސްލާމް ދީން ކިޔަވައި ވިދާޅުވެގެން ކީރިތި ޤުރްއާނާއި މާތް ރަސޫލާގެ ސުންނަތުގެ އަލީގައި ހިންގަވާ ބައެއް ދަންނަބޭކަލުންގެ ކިބައިގައި ކުންދަން ބެހެރޫޕިޔާގެ ވިސްނުންވެސް ނުހުންނަތަން ފެނުމަކީ ވަރަށް ދެރަ ކަމެކެވެ. އެހެން ނުހައްދަވައި އަޅުގަނޑުމެން ކަހަލަ ނުދަންނަ މީހުން މަގަށް އެޅުއްވުމާއިގެން ކުރިއަށް ވަޑައިގަންނަވާށެވެ. ތިޔަ ތުރުކުރައްްވައިގެން ތިއްބެވި ހެދުންކޮޅުގެ އަގު އަމިއްލަފުޅު ސިޔާސީ ނުވަތަ އެހެންވެސް ބޭނުންފުޅަކަށްޓަކައި ވައްޓަވައިނުލައްވާށެވެ. އަޅުގަނޑުމެންނަށް ނަމޫނާ އަޚްލާގެއް ދައްކަވައި ދެއްވާށެވެ. ދަންނަބޭކަލުން ކަސިޔާރުވެގެން ދާ ދިއުމަކީ މުޅި ގައުމު ކަސިޔާރުވާން މެދުވެރިވެދާނޭ ކަމެއްކަން ދެނެވަޑައިގެން ތިއްބަވާށެވެ.
ތިޔަ ފަދަ އެއްވެސް ވާހަކައަކާއި ސަލަފުއްޞާލިޙުން ޢަމަލުކުރެއްވި ގޮތާއި ކުޑަކޮށްވެސް ގުޅުމެއް ނެތެވެ. ސަލަފުއްޞާލިޙުންގެ އެއްމެ ހެޔޮ ޤަރުނުގައި ކާފަރުންނަށް ކާފަރުންނޭ ވިދާޅުވެފައި އެބަހުއްޓެވެ. . ޢާލަމްގީރާއި ކުންދަން އާއި ބަހައްޓާށެވެ. ސަލަފުއްޞާލިޙުން އުޅުއްވި ގޮތް އަހަރުމެންނަށް ފުދެއެވެ
ކުރުތާ ލައިގެން ތުނބުޅި ބެހެއޓިއަސް އަދި ހުދު ތާކިހާ އެޅިއަސް އެއީ ހަމަ މަކަރުވެރިއެކެވެ. ކުންދަން އަދިވެސް މިމީހުންނާ ބަލއި ހަބޭހަށް ރަނަގަޅެވެ