ސްރީލަންކާއަށް ބޭނުންވާ މުދަލުގެ އަސާސީ ބާވަތްތައް އެތެރެކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާއިރު، ފާއިތުވި ޑިސެންބަރު މަހުގެ ތެރޭގައި ކާބޯތަކެތީގެ އަގު %22.1 އުފުލިފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.
ބޯހިމެނުމާ ތަފާސް ހިސާބާ ބެހޭ އިދާރާ، ސެންސަން އެންޑް ސްޓެޓިސްޓިކްސް ޑިޕާޓްމަންޓުން މިއަދު ހާމަކުރި ގޮތުގައި 2013 ވަނަ އަހަރު ކޮލޮމްބޯ ޕްރައިސް އިންޑެކްސް ތައާރަފުކުރި ފަހުން ފާއިތުވި ޑިސެންބަރު ބަހަކީ އިންފްލޭޝަން އެންމެ މައްޗަށް ދިޔަ މައްސަރެވެ.
ފާއިތުވި ނޮވެންބަރު މަހު ކާބޯތަކެތީގެ އަގު އުފުލިފައި ވަނީ %175. އެވެ.
ސްރީލަންކާގެ ސެންޓްރަލް ބޭންކުން ނެރުނު ބަޔާނެއްގައި ވާގޮތުން ތަކެތީގެ އަގު އުފުލުމަށް ދިމާވާ ސަބަބުތައް ގުޅަފައި ވަނީ ގަންނަ ފަރާތްތަކާއި ހަމައަށް މެދުނުކެނޑި ތަކެތި ފޯރުކޮށްދިނުމަށް އެޅޭ ހުރަސްތަކާއެވެ.
އާއަހަރުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުއްވަމުން ރައީސު ގޮތާބޭ ރާޖަޕަކްސަ ވަނީ ބޭރު ފައިސާއަށް ޖެހިފައިވާ އިގުތިސާދަށް މިފެށު އަހަރު ދިރުން ގެނެވޭނެކަމަށް އުއްމީދުކުރައްވާފައެވެ. އެހެންނަމަވެސް، ބޭރު ފައިސާގެ ދަތިކަމަށް ހޯއްދަވާނެ ހައްލެއް އޭނާ ވިދާޅުނުވެއެވެ.
"ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށާއި، ކުރިމަތިވެފައިވާ ހުރަސްތަކުން އަރައިގަނެ، އިގުތިސާދު ވަރުގަދަކުރުމަށް އާއަހަރު ފުރުސަތު ލިބޭނެ ކަމުގު ޔަގީންކަން އަހަރެންނަށް އެބައޮތް." ރައީސު ރާޖަޕަކްސަގެ އާއަހަރުގެ ޚިޠާބުގައި ވެއެވެ.
ސްރީލަންކާއަށް އެގައުމުގެ 26 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ލިބިފައިވުމާ މެދު މިހާރު ސުވާލުއުފެދިފައި ވުމުގެ ސަބަބުން ބައިނަލް އަގުވާމީ ރޭޓިންގް އެޖެންސީތަކުން ވަނީ އެގައުމުގެ ރޭޓިންގް ދަށްކޮށްފައެވެ.
މިއަދު ކާބޯތަކެތީގެ އަގުތައް އުފުލިފައިވާ މިންވަރު ސަރުކާރުން ހާމަކުރިއިރު، ސަރުކާރުން އިއްޔެ ވަނީ ކާނާގެ އެންމެ އަސާސީ އެއް ބާވަތްކަމުގަވާ ހިކިކިރުގެ އަގު %12.5 ބޮޑުކޮށްފައެވެ. ބޭރު ފައިސާ މަދުވެ މުދާ އެތެރެކުރުން ކޮންޓުރޯލުކުރުމާ ގުޅިގެން ސުޕަމާކެޓްތަކުން ވަނީ ހިކިކިރާއި، ހަކުރާއި، މުގު އަދި އެހެނިހެން އަސާސީ ބާވަތްތައް ވިއްކުން ކޮންޓުރޯލުކޮށްފައެވެ.
ރައީސު ގޮތާބޭ ރާޖަޕަކްސަ 2019 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު، ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވުގައި 7.5 ބިލިއަން އެމެރިކާ ޑޮލަރު ހުރި ނަމަވެސް މިހާރު އެ އަދަދު ވަނީ 1.58 ބިލިއަނަށް ތިރިވެފައެވެ.