ސްރީލަންކާގެ ރައީސުކަމަށް ގޮތާބޭ ރާޖަޕަކްސާ ހޮވިވަޑައިގަތުމާ ގުޅިގެން އަނެއްކާވެސް އެގައުމުގައި ރާޖަޕަކްސާގެ އާއިލާގެ ބާރުގަދަވެގެންދާނެ ކަމަށް މި ވަނީ ބެލެވިފައެވެ. ސަރުކާރުގެ ބާރުގަދަ ހުރިހާ މަގާމަކާއެކު މިފަހަރު އެއާއިލާ ބާރުވެރިކަން ހޯދާނީ މަހިންދަ ރާޖަޕަކްސާގެ ރައީސުކަމުގެ ދައުރަށްވުރެ ވެސް ބޮޑަށް ކަމަށް ދަނީ ވާހަކަ ދެކެވެމުންނެވެ.
މި ވާހަކަތަކަށް އިތުރު ބާރެއް ލިބިގެން ދިޔައީ ބޮޑުވަޒީރުކަމަށް ކުރީގެ ރައީސު މަހިންދަ ރާޖަޕަކްސާ އައްޔަންކުރެއްވުމަށް ރައީސު ގޮތާބޭ މިއަދު ނިންމެވުމުންނެވެ. ދައުލުތު އެނެމް މަތީ ވެރިޔާ (ރައީސު) ގެ ބާރާއި، ސަރުކާރުގެ އެންމެ މަތީ ވެރިޔާ (ބޮޑުވަޒީރު) ގެ ބާރު މިހާރު މިވަނީ ދެބެއިންނަށް ލިބިވަޑައިގެންފައެވެ.
ރާޖަޕަކްސާ އާއިލާއަށް ވެރިކަމުގެ ބާރުތައް އަނެކާވެސް ފިރުކިގެން މި ދިޔައީ ސްރިލަންކާގެ ބައިބޯ ސިންގަޅައިން އެހެން ހުރިހާ ކަމަކަށް ވުރެ ސަލާމަތީ ކަންކަމަށް އިސްކަން ދިނުމުންނެވެ. ސްރީލަންކާގައި ދިގުމުއްދަތަކަށް ދެމިގެން ދިޔަ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި މަހިންދައާއި ގޮތާބޭ އަދާކުރެއްވި ދައުރު ސިންގަޅައިން ބަލައިގަތީއެވެ. އަދި ފާއިތުވި އެޕްރީލް މަހު އެގައުމުގައި ދިން ފަދަ ބޮން ގޮއްވުމުގެ ހަމަލަކެއް މި ބޭފުޅުންގެ ވެރިކަމެއްގައި ނުދެވޭނޭ ކަމަށް ސިންގަޅައިންނަށް ގަބޫލުކުރެވޭތީއެވެ.
ދެބެއިންނާ ހިސާބުން ވެރިކަމުގެ ބާރުތައް ނިމެން ނެތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ތިންވަނައަށް އަންނަ ނަންފުޅަކީ މަހިންދަ އަދި ގޮތާބޭގެވެސް ބޭބޭފުޅު ޗަމަލްގެ ނަންފުޅެވެ. އޭނާ ވަނީ 2005 ވަނަ އަހަރުން 2010 ވަނަ އަހަރަށް ސްރީލަންކާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސުކަން ކުރައްވާފައެވެ. އޭނާއަކީ 1989 އަހަރުން ފެށިގެން ގާނޫނުހަދާ މަޖިލީހުގެ މެންބަރުކަން ކުރައްވާ ބޭފުޅެކެވެ. ސްރީލަންކާގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އަންނަ އަހަރު އިންތިޚާބުކުރެވޭ ގާނޫނެ ހަދާ މަޖިލީހުގެ ރައީސަކަށް ވެވަޑައިގަންނަވާނީ އުމުރުފުޅުން 77 އަހަރުގެ ޗަމަލް ރާޖަޕަކްސާއެވެ.
މަހިންދަ ރާޖަޕަކްސާ ރައީސުކަން ކުރެއްވި އިރު އޭނާގެ އެޑްވައިޒެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބަސިލް ރާޖަޕަކްސާއަކީވެސް ނުފޫޒު ގަދަ ބޭފުޅެކެވެ. މަހިންދަ ރާޖަޕަކްސާ ދާދިފަހުން އުފެއްދެވި ސިޔާސީ ޕާޓީ ސްރީލަންކާ ޕޮދުޖަނާ ޕެރުމޫނާ (އެސްއެލްޕީޕީ) ގެ ޚަޒާންދާރެވެ. އިދިކޮޅު ގުރޫޕްތަކުގެ ގިނަ ބަޔަކު އެސްއެލްޕީޕީ ކޮޅަށް އަނބުރާލުމުގައި އޭނާ އިސް ދައުރެއް އަދާކުރައްވާފައިވާ ކަމަށް ވެއެވެ.
އިންޑިޔާގެ ބޮޑުވަޒީރު މޯދީގެ ވެރިކަން ދެމެހެއްޓީ ހިންދޫ ގައުމިއްޔަތު ކަމުގައި ވާނަމަ، ރާޖަޕަކްސާ އާއިލާ ދެވަނަ ފަރަހަށް ވެރިކަމަށް ގެނައީ ސިންގަޅަ ގައުމިއްޔަތެވެ. ސިންގަޅައިންގެ ގިނަ ބަޔަކަށް ގަބޫލުކުރެވެނީ އެމީހުންގެ ބާރު ސްރީލަންކާގައި ކުޑަވިޔަ ނުދީ ހިފެހެއްޓޭނީ ރާޖަޕަކްސާގެ އާއިލާއަށް ކަމުގައެވެ. އެ އާއިލާއިން ކެންޕޭންކުރީވެސް އެ ޝިއާރުގެ ދަށުންނެވެ. ނަތީޖާ ނުކުތީ އެ އާއިލާއިން ބޭނުންވި ގޮތަށެވެ.
ރާޖަޕަކްސާ އާއިލާ ކުރިއަށްވުރެ ބާރުވެރިކަން އިތުރުކޮށް އަލުން ވެރިކަމަށް އައުމުން އެންމެ ބޮޑަށް ކަންބޮޑުވާނީ އިންޑިޔާއާއި ތަމަޅައިންނެވެ. މަހިންދަ ރާޖަޕަކްސާގެ ވެރިކަމުގައި ޗައިނާއާއެކު ގާތް ގުޅުމެއް ބާއްވަވައި، ޗައިނާގެ ބޮޑެތި ލޯނުތަކުގެ އެހީގައި ސްރީލަންކާގައި ބިޔަ މަޝްރޫއުތަކެއް ހިންގަވާފައި ވެއެވެ. ގޮތާބޭގެ ރައީސުކަމުގެ ދައުރުގައި ވެސް ޗައިނާގެ ނުފޫޒު ސްރީލަންކާގައި ގަދަވުމަކީ އިންޑިޔާ ކަންބޮޑުވާ ކަމެކެވެ.
އިންޑިޔާގެ އެންމެ ދެކުނުގެ ސްޓޭޓް ޓެމިލް ނާޑުގައި ތިބީ ސްރީލަންކާގެ އުތުރާއި އިރުމަތީގައި ތިބި ތަމަޅައިންގެ އަޚުންނެވެ. ސްރީލަންކާގެ ތަމަޅައިންނާ މެދު ގޮތާބޭ އަމަލުކުރެއްވި ގޮތް އެމީހުންނަށް ހަނދާން ނައްތާލެވޭ ވަރު އަދި ނުވާކަމަށް ތަމަޅައިންގެ ގިނަ ބަޔަކު ދެކެއެވެ. ސްރީލަންކާ އާމެދު އިންޑިޔާއިން ގެންގުޅޭ ސިޔާސަތު ބައްޓަން ކުރުމުގައި އަބަދުވެސް ޓެމިލްނާޑު ސްޓޭޓުގެ ނުފޫޒު ވަރަށް ގަދައެވެ. އެހެންކަމުން، ތަމަޅައިން ނުރުހޭ ރައީސަކާއެކު އޮމާން ގުޅުމެއް ބޭއްވުން އިންޑިޔާއަށް އުނދަގޫ ވާނެއެވެ.
ތަމަޅައިން ރާޖަޕަކްސާ އާއިލާއާމެދު ނުރުހޭ މިންވަރު މިފަހަރުގެ ރިޔާސީ އިންތިޚާބުން ވަނީ ހާމަވެގެން ގޮސްފައެވެ. ތަމަޅައިންގެ އަޣުލަބިއްޔު އޮތް ޕްރޮވިންސުތަކުން ގޮތާބޭއަށް ވޯޓު ލިބިވަޑައިގަތީ %10 އާ %15 އާ ދެމެދުގެ އަދަދަކަށެވެ. އޭނާއާ ދެކޮޅު ކެންޑިޑޭޓު ސަޖިތު ޕްރެމަދާސާ ދެކެ ތަމަޅައިން މާ ލޯބިވާތީއެއް ނޫނެވެ. ގޮތާބޭއަށް ތަމަޅައިން ނަފުރަތުކުރާ މިންވަރު ބޮޑުކަމުންނެވެ.
މި ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގެ ރިޔާސީ އިންތިޚާބާއެކު ރިޔާސީ ދައުރު ނިންމަވާލެއްވި ރައީސު މައިތުރިޕާލާ ސިރިސޭނާގެ ދައުރުގައި ސިޔާސީ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުޅާ ދާއިރާއެއްގައި ލިބިފައި އޮތް ނަމަވެސް، އޭނާ ފާހަގަކުރެވިފައި ވަނީ ސިޔާސީ ގޮތުން ބަލިކަށި ރައީސެއްގެ ގޮތުގައެވެ. އެހެންކަމުން ސްރީލަންކާގެ ރައްޔިތުން ބޭނުންވެފައި ތިބީ ސިޔާސީ ގޮތުން ވަރުގަދަ ފަރާތެއް ވެރިކަމަށް އައުމަށެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ސަޖިތު ޕްރެމަދާސާއަކީ ކުރީގެ ރައިސެއް ކަމުގައިވާ، އަދި ތަމަޅައިންގެ ހަމަލާއެއްގައި އަވަހާރަވި ރަނަސިންހަ ޕްރެމަދާސާގެ ދަރިކަލުންނަށް ވިޔަސް އޭނާއަކީ ސިޔާސީ ގޮތުން ނުފޫޒުގަދަ ބޭފުޅެއް ނޫނެވެ. އެހެންކަމުން ސިޔާސީ އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށްވުރެ ބޮޑަށް ސްރީލަންކާގެ ރައްޔިތުން ބޭނުންވީ ބާރުގަދަ ބަޔަކު ގައުމު ހިންގުމާ ހަވާލުވުމެވެ. ރާޖަޕަކްސާ އާއިލާގެ ނަސީބަކަށްވީ ރައްޔިތުންގެ މި ނިންމުމެވެ.
ސްރީލަންކާގައި މިހާރު އެންމެ ނުފޫޒުގަދަ ސީޔާސީ އާއިލާ ކަމުގައިވާ ރާޖަޕަކްސާ އާއިލާގެ ބޭފުޅުންގެ ތެރެއިން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަނީ މި ދެންނެވި ހަތަރު ބޭފުޅުން އެކަންޏެއް ނޫނެވެ. ޗަމަލް ރާޖަޕަކްސާގެ ދަރިކަލުން ޝަޝީންދްރަ ރާޖަޕަކްސާއަކީ އުވާ ޕްރޮވިންސުގެ ކުރީގެ ޗީފް މިނިސްޓަރެވެ. އަދި މިހާރުވެސް އުވާގެ ޕްރޮވިންޝަލް ކައުސިލްގެ މެންބަރެކެވެ. މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމަލް ރާޖަޕަކްސާއަކީ މަހިންދާގެ ރައީސުކަމުގެ ދައުރުގައި އޭނާގެ އެޑްވައިޒަކެވެ. އަދި މިހާރު ސްރީލަންކާގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރެކެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ރާޖަޕަކްސާ އާއިލާއަށް ބޮޑުތި ތުހުމަތުތަކެއް ކުރި ނަމަވެސް، ސްރީލަންކާގެ ރައްޔިތުންނަށް މުހިއްމީ އެގައުމުގެ ސަލާމަތްތެރިކަމާ، ގައުމުގެ ކުރިއެރުމާ، ތަރައްގީއެވެ. ރައްޔިތުންގެ ނިންމުމަކީ އެއީއެވެ. ރާޖަޕަކްސާ އާއިލާ މިއަދު ވެރިކަމަށް އައީ އެ ނިންމުމުގެ ސަބަބުންނެވެ.