ތަމްރީނު ފުރުސަތުތަކެއް ހޯދައި ދިނުމަށް އެމްއެމްސީން އިންޑިއަން ހައި ކޮމިޝަނާއެކު މަޝްވަރާކޮށްފި

ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، އިންޑިއާގެ ތަޢުލީމީ ޚިދުމަތްދޭ މުއައްސަސާތައް މެދުވެރިކޮށް ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތަކެއް ހޯދައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި އިންޑިއަން ހައިކޮމިޝަނާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތަކުގައި އެމްއެމްސީގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ، ކައުންސިލްގެ ރައީސް ސަހުބާން ފަހުމީ،  ކައުންސިލްގެ މެންބަރު އަލީ ހުސެއިން، މެންބަރު އިބްރާހިމް ފައުޒީ، މެންބަރު މުހައްމަދު ޝަފާއު ހަސަން  އަދި ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ސަމީރެވެ. އިންޑިއަން ހައި ކޮމިޝަނުގެ ފަރާތުން ހައިކޮމިޝަނަރު ހިޒް އެކްސެލެންސީ މިސްޓަރ މުނޫ މަހާވަރާއި ޑެޕިއުޓީ ހައި ކޮމިޝަނަރު މިސްޓަރ ރޯހިތު ރިތިޝްގެ އިތުރުން ހައިކޮމިޝަންގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.

މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ އިންޑިއާ އަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، އިންޑިއާގެ ތައުލީމީ ޚިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ދިވެހިރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފެއްޓުމަށާއި، އަދި މި ދާއިރާގެ ތަމްރީނު ޕްރޮގްރާމްތަކެއް އޮންލައިންކޮށް ހިންގުމަށެވެ. މީގެ އިތުރުން، ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.

ދިވެހި ރާއްޖޭގައި ހުންނަވާ އިންޑިއަން ހައި ކޮމިޝަނަރު ހިޒް އެކްސެލެންސީ މިސްޓަރ މުނޫ މަހާވަރު ވަނީ ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން މޯލްޑިވްސް މީޑިއާ ކައުންސިލަށް ދެއްވާފައެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލާއި އިންޑިއާގެ ޕްރެސް ކައުންސިލްއާއި ގުޅުން ބަދަހިކޮށްދެއްވާ، މިދާއިރާއަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށްވެސް އިންޑިއަން ހައި ކޮމިޝަނަރު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.