އެމްޑަބްލިޔޫއެސްސީން އދ. ކުނބުރުދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ ޢަމަލީ މަސައްކަތް އިފްތިތާހު ކޮށްފިއެވެ. މި މަޝްރޫއުގެ މަސައްކަތް އިފްތިތާހުކޮށްދެއްވާފައި ވަނީ، ކުނބުރުދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމްޑަބްލިޔޫއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހާއި، އެމްޑަބްލިޔޫއެސްސީގެ ބޯޑު މެންބަރު އިބްރާހީމް އަންވަރާއި، ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރާއި ކުނބުރުދޫ ކައުންސިލުގެ ރައީސް މުޙައްމަދު ޢަޒްމީއެވެ.
މި ރަސްމިއްޔާތުގައި އެމްޑަބްލިޔޫއެސްސީގެ މެނޭޖްމެންޓުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މަޝްރޫޢުގައި ހިމެނޭ ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ކުނބުރުދުއަށް ފޮނުވައި، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ތެރޭގައި ކުނބުރުދޫގައި 2.75 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށް ދޭނެއެވެ.
މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ތެރޭގައި ކުނބުރުދޫގައި 2.30 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމުކުރުމާއި، 374 މީޓަރުގެ ޕަންޕިންގ ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި،2 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓްފޯލް ގާއިމުކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން މިމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކުނބުރުދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިޔޫއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަގަކީ 45.12 މިލިއަން ދިވެހި ރުފިޔާއެވެ.