އޮސްޓްރޭލިއާއަކީ ކަރަންޓު އުފެއްދުމުގައި ބޮޑު ބާރަކަށް ވެދާނެ

އޮސްޓްރޭލިއާގެ އައްސޭރިފަށުގައި ބެހެއްޓިފައިވާ މިފަދަ 20 ސެޓުން ދެލިއަންދައިގެން އޮސްޓްރޭލިއާގައި އުފައްދާވަރަށްވުރެ ގިނައިން ކަރަންޓް އުފެއްދޭ

ކަނޑުމެދުގައި ހަރުކުރެވިގެން ކަރަންޓް އުފައްދާ ވިންޑް ފާރމްތައް، އޮސްޓްރޭލިއާގެ ކޮންމެ ދިމާލަކުންވެސް މިހާރަކަށް އައިސް ފެންނާނެއެވެ. އެހެންނަމަވެސް، ޒަމާނީ ޓެކްނޮލޮޖީ ވަނީ އޮސްޓްރޭލިއާއިން ހަނދާން ނައްތާލާފައެވެ. ހަމައެކަނި، ވައިން ކަރަންޓް އުފައްދަން، އައްސޭރިފަށުގައި، ކަނޑުގައި ބަހައްޓާފައި ހުންނަ ވިންޑް ފާރމްތައް ނުލައެވެ. އަލަށް ހޯދުނު ހޯދުންތަކުން ސާބިތުވާގޮތުގައި، ކަނޑުގައި ހަރުކުރެވިގެން ކަރަންޓް އުފައްދާ ވިންޑް ފާރމް ތަކުން، ކަރަންޓް އުފެއްދުމުގެ އިތުރަށް، ވަޒީފާގެ ފުރުޞަތުވެސް އިތުރުވެގެން އެބަ ދެއެވެ. ވައިން ކަރަންޓް އުފެއްދުމުގެ ވިޔަފާރި ފުޅައުވެގެންގޮސްފައިވަނީ، އޮސްޓްރޭލިއާގެ ދެކުނު ސަރަޙައްދުގައެވެ.

ކަނޑުގައި ޤާއިމްކުރާ ވައިން އަނބުރައިން ކަރަންޓް އުފައްދާ 10 ވިންޑް ފާރމް ތަރައްޤީކުރުމަށް އޮސްޓްރޭލިއާއިން އަންނަނީ މަސައްކަތްކުރަމުންނެވެ. މިމަސައްކަތް ނިމޭއިރު، ދެލިއަންދައިގެން އުފައްދާ ކަރަންޓަށްވުރެ ގިނަ ޢަދަދަކަށް ވިންޑް ފާރމުން އޮސްޓްރޭލިއާގައި ކަރަންޓް އުފައްދާނެއެވެ. މިއީ އޮސްޓްރޭލިއާގެ ކަރަންޓް އުފެއްދުމުގެ ނިޒާމަށް ގެނެވޭ ކާމިޔާބު އިންޤިލާބެކެވެ. އަދި މިއީ، ޤުދުރަތީ ނިޒާމު ބޭނުންކޮށްގެން ކަރަންޓް އުފެއްދުމުގެ ޞިނާޢަތުގައި ބޮޑުބާރަކަށްވާން ، އޮސްޓްރޭލިއާއަށް ލިބޭނެ ފަހި ފުރުޞަތެކެވެ.

މިއީ، ދިވެހިރާއްޖޭގައިވެސް ނުކުރެވޭނެ ކަމެއްނޫނެވެ. ރާއްޖޭގެ ބޮޑެތި އަދި ދިގު، ތިލަ ފަޅާއި ފަރުތަކުގައި، އޮސްޓްރޭލިއާގެ ކަނޑުގެ އައްސޭރިފަށުގައި ޤާއިމްކުރާ ނިޒާމުތައް، މާފަސޭހައިން ބެހެއްޓިދާނެ ފުރުޞަތު ވަރަށް ބޮޑެވެ. އޮސްޓްރޭލިއާގެ ކަނޑުގެ އައްސޭރިފަށުގައި، ވިންޑް ފާރމް ތައް އެ ޤާއިމްކުރެވެނީ މާ ފުން ސަރަޙައްދެއްގައެވެ. އޮސްޓްރޭލިއާއަށްވުރެ މާ ޚަރަދުކުޑަކޮށް، ރާއްޖޭގައި އެކަން ކުރެވިދާނެއެވެ. ރާއްޖެއިން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވުން ކުޑަކުރުމަށް، ރާއްޖޭގައިވެސް މިފަދަ މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ. ތިލަދުންމަތީ އުތުރުބުރީގެ އުލިގަމުގެ އުތުރުކޮޅު ތުނޑީގައި، ރައީސް މައުމޫނުގެ ވެރިކަމުގައި، ބޭރުގެ ޖަމާޢަތެއްގެ އެހީގައި، ވައިން ކަރަންޓް އުފެއްދުމުގެ ނިޒާމެއް ޤާއިމްކުރެވިފައި ވެއެވެ. މިނިޒާމް މިހާރު ހުރީ ވީރާނާވެ ހަލާކުވެފައެވެ. އޭގެ ބުރަފަތިތައް ނުއެނބުރޭވަރަށް ހަލާކުވެފައެވެ.

ބްރެޒީލްގެ އައްސޭރިފަށުގައި ޤާއިމްކޮށްފައިވާ ނިޒާމެއް

ކަނޑުގެ އައްސޭރިފަށް ނުވަތަ ތިލަ ސަރަޙައްދު ބޭނުންކޮށްގެން، ވައިން ކަރަންޓް އުފެއްދުމުގެ ޞިނާޢަތަކީ ދުނިޔޭގައި ވަރަށް ބާރަށް ކުރިއަރަމުން އަންނަ ޞިނާޢަތެކެވެ. ވައިން ކަރަންޓް އުފެއްދުމުގެ ނިޒާމް އެތައް ގުނަޔަކަށް އިތުރުކުރުމަށް، އިނގިރޭސިވިލާތުން ވަނީ އަމާޒު ހިފާފައެވެ. އިނގިރޭސިވިލާތުން  އަމާޒުހިފާފައިވާ ގޮތުން،2030  ގެ ނިޔަލަށް،  40 ގިގަވޮޓުގެ ކަރަންޓް އުފައްދާނެއެވެ.  އެއީ އިނގިރޭސި ވިލާތުގައި، މީހުން ދިރިއުޅޭ ހުރިހައި ގެޔަކަށް ފުދި އިތުރުވާނެ ވަރުގެ ޢަދަދެކެވެ. މީގެ އިތުރަށް، ދުނިޔޭގެ އެހެން ބައެއް ސަރަޙައްދުތަކުގައިވެސް ވައިން ކަރަންޓް އުފެއްދުމުގެ ނިޒާޟު އަންނަނީ ޤާއިމް ކުރަމުންނެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވެނީ، ޔޫރަޕިއަން ޔުނިއަންގައި ޤާއިމްކުރާ 60 ގިގަވޮޓްގެ ނިޒާމާއި، އެމެރިކާގައި ތަރައްޤީކުރާ 30 ގިގަވޮޓާއި ދެކުނު ކޮރެއާގައި ތަރައްޤީކުރުމަށް އަމާޒުހިފާފައިވާ 12 ގިގަވޮޓާއި ޖަޕާންގައި ޤާއިމްކުރަން ނިންމާފައިވާ 10 ގިގަވޮޓްގެ ނިޒާމެވެ. ކަނޑުގެ ސަރަޙައްދުގެ ނަޞީބުލިބިފައިވާ އެހެން ޤައުމުތަކުންވެސް މިކަމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

ވައިން ކަރަންޓް އުފެއްދުމުގައި އެންމެ ކުރީގައި ދުނިޔޭގައި އުޅެނީ ދެކުނު އެމެރިކާގެ ޤައުމުތަކެވެ. އޭގެ ތެރެއިންވެސް އެންމެ ކުރީސަފުގައި އުޅެނީ، ބްރެޒީލެވެ. އެހެންނަމަވެސް، އެޤައުމުގައިވެސް ވައިން ކަރަންޓް އެފެއްދެނީ، ކަރަންޓް އުފައްދާ މިންވަރުގެ އެންމެ 8 އިންސައްތައެވެ. ދެވަނަޔަށް ޗިލީއެވެ. ޗިލީގައި އުފެއްދެނީ އެންމެ 1.8 ގިގަވޮޓެވެ. އެހެންނަމަވެސް، ޗިލީއަކީ 44 ގިގަވޮޓްގެ ކަރަންޓް ވައިން އުފެއްދުމުގެ ޤާބިލްކަން ހޯދިދާނެ ޤައުމެކެވެ. ޗިލީއަކީ ތެޔޮ އިމްޕޯރޓް ކުރާ ޤައުމެކެވެ. އެހެންކަމުން، ޗިލީގައި އުފައްދާ ކަރަންޓްގެ ބޮޑުބައެއް ވައިން އުފެއްދުމަށް އަންނަނީ ސަމާލުކަމެއް ދެމުންނެވެ. ވައިންކަރަންޓް އުފެއްދުމާބެހޭ ޤާނޫނެއްވެސް، ޗިލީގެ ރައްޔިތުންގެ މަޖިލީހުން މިހާރުވަނީ ފާސްކޮށްފައެވެ. މިޤާނޫނުގެ ދަށުން، 200 މެގަވޮޓްގެ ކަރަންޓް، 2025 ގެ ނިޔަލަށް އުފައްދަން ޖެހެއެވެ.

އުރުގުއޭއަކީ، ތެލާނުލައި ކަރަންޓް އުފެއްދުމުގައި އެސަރަޙައްދުގެ އެންމެ ކާމިޔާބު ޤައުމެވެ. ޤައުމަށް ބޭނުންވާ ކަރަންޓްގެ 60 އިންސައްތަ އުފައްދަނީ ތެޔޮ ބޭނުންނުކޮށެވެ. އޭގެތެރޭގައި، ހައިޑްރޯ ޕަވަރ، ސޯލާ، ވިންޑް އަދި ބަޔޯފިއުލް ހިމެނެއެވެ. އުރުގުއޭގައި، އެޤައުމަށް ބޭނުންވާ ވަރަށްވުރެ ގިނައިން ކަރަންޓް އުފެއްދެއެވެ. ޤައުމުގެ އާބާދީ ދިރިއުޅޭ 99 އިންސައްތަ ގޭގެޔަށް، ތެލާނުލައި ކަރަންޓް އުފައްދާ ފޯރުކޮށްދޭ ހޮޅިއާއި ނަރުވަނީ ލެވިފައެވެ. އަދި ޤައުމުގައި ބޭނުންކޮށްފައި އިތުރުވާ ކަރަންޓް، އަވަށްޓެރި ބްރެޒީލާއި އާޖެންޓީނާއަށް ވިއްކައެވެ. މިދެޤައުމަށް ކަރަންޓް ވިއްކައިގެން 2020 ވަނައަހަރު އުރުގުއޭއިން 85 މިލިއަން ޑޮލަރު ހޯދާފައި ވެއެވެ.

އާޖެންޓީނާއަކީ، އެޤައުމުގެ އިޤްތިޞާދީ ސަރަޙައްދުގެ 75 އިންސައްތައަށް ގަދަވައި ޖެހޭ ޤައުމެކެވެ. އެހެންކަމުން، ތެލާނުލައި ކަރަންޓް އުފެއްދުމަށް، އެސަރަޙައްދުގައި އެންމެ ފުރުޞަތު ބޮޑު ޤައުމަކީ އާޖެންޓީނާއެވެ. މިވަގުތު، ވައިގެ ނިޒާމު ބޭނުންކޮށްގެން އާޖެންޓީނާގައި އުފެއްދެނީ 722 މެގަވޮޓްގެ ކަރަންޓެވެ. އެއީ ޤައުމަށް ބޭނުންވާ ކަރަންޓްގެ 18 އިންސައްތައިގެ މިންވަރެކެވެ. ދެން އޮތީ ޕެރޫއެވެ. ޕެރޫއަކީވެސް، ވައިން ކަރަންޓް އުފެއްދުމުގެ ފުރުޞަތުބޮޑު ޤައުމެކެވެ. 22 ގިގަވޮޓްގެ ކަރަންޓް އުފެއްދުމުގެ ޤާބިލްކަން ޕެރޫއަށް ލިބިގެން ވެއެވެ. އެހެންނަމަވެސް ޤައުމުގައި ޤާއިމްކުރެވިފައިވާ، ވައިން ކަރަންޓް އުފެއްދުމުގެ ދެ ނިޒާމް ބޭނުންކޮށްގެން އުފެއްދެނީ ހަމައެކަނި 239 މެގަވޮޓްގެ ކަރަންޓެވެ.

އޮސްޓްރޭލިއާގެ ކަނޑުގެ އައްސޭރިފަށުގައި ވައިން ކަރަންޓް އުފައްދާ ނިޒާމް ބަހައްޓަންޖެހޭ ސަރަޙައްދު ވަރަށް ފުނެވެ. އެހެންކަމުން ކަނޑުގެ އަޑީގައި އެތަކެތި ކޮޅަށް ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ބޮޑުވެފައި ޚަރަދުވެސް އެހައި ބޮޑެވެ. އެހެންކަމުން، އެއްގަމުގައިވެސް މިފަދަ ނިޒާމް ބަހައްޓައި އިރުގެ އަލިން ކަރަންޓް އުފައްދާ ނިޒާމްވެސް އޮސްޓްރޭލިއާއިން އަންނަނީ ޤާއިމް ކުރަމުންނެވެ. އެހެންނަމަވެސް، ކަރަންޓް އުފެއްދުމަށް ރޭވިފައިވާ ރޭވުމުގައި ކަނޑުގައި، ވައިބޭނުންކޮށްގެން ކަރަންޓް އުފައްދާ ނިޒާމަށް އޮސްޓްރޭލިއާއިން މާބޮޑަށް ސަމާލުކަން ދީފައިވާކަމަށް ޤަބޫލުކުރަން ޖެހެއެވެ. އެހެންނަމަވެސް، އަލަށް ތަރައްޤިކުރެވެމުން އަންނަ މިނިޒާމަށް ގެނެވޭ ބަދަލުން ކުރިއެރުންތައް ލިބެމުންވެސް އެބަދެއެވެ. މީގެ ބޮޑެތި ނިޒާމުތައް އުފައްދައި ހަރުކުރުން އޭގެތެރޭގައި ހިމެނެއެވެ. މިކަމާގުޅިގެން އިޤްތިޞާދީގޮތުން ކުރަންޖެހޭ ހޭދަ ކުޑަވެފައި، މަދު ނިޒާމަކުން ގިނަ ޢަދަދެއްގެ ކަރަންޓް އުފެއްދިގެން ދެއެވެ. އަދި އެފަދަ ނިޒާމު އުފެއްދުމަށް ކުރަންޖެހޭ ޚަރަދުގެ ބޮޑުބައެއްވެސް ސަލާމަތް ކުރެވެއެވެ. މީގެ އިތުރަށް، ކަނޑުގައި މަތީގައި ބަހައްޓައިގެން ކަރަންޓް އުފައްދާ މިފަދަ ނިޒާމްވެސް ތަރައްޤީކުރަމުން އެބަގެންދެއެވެ. ކިތަންމެ ފުން ކަނޑެއްގައި ނުވަތަ ސަރަޙައްދެއްގައިވެސް، ކަނދުފައްޗެއްގައި އެފަދަ އެއްޗެއް ކޮޅަށް ބެހެއްޓުންފަދަ ގޮތަކަށް  އެފަދަ ނިޒާމު އެބަ ތަރައްޤީކުރެވެއެވެ.

ދިހަޔަކަށްވުރެ ގިނަ، މިފަދަ ނިޒާމް ތަރައްޤިކުރުމަށް އޮސްޓްރޭލިއާއިން ވަނީ ނިންމާފައެވެ. އެންމެ ފާހަގަކޮށްލެވޭ އަދި ޒަމާނީ ނިޒާމް ތަރައްޤީ ކުރެވެނީ ވިކްޓޯރިއާގެ ގިޕްސްލޭންޑްގައެވެ. އަދި ހުޅަނގުން ޓެސްމޭނިއާ އާއި ވިކްޓޯރިއާގައިވެސް މިފަދަ ނިޒާމް ޤާއިމް  ކުރުމަށްވަނީ ރާވައި ނިންމާފައެވެ. އެހެންކަމުން، މިހާރު ރޭވިފައިވާ މަޝްރޫޢުތައް ނިމޭއިރު، އޮސްޓްރޭލިއާއަކީ، ކަރަންޓް އުފެއްދުމުގައި، ދުނިޔޭގެ ބޮޑުބާރަކަށް ވެގެންދާނެއެވެ. އެކި ސަރަޙައްދުތަކުގައި ތަރައްޤީކުރެވޭ ނިޒާމުން 2233 ގިގަވޮޓްގެ ކަރަންޓް އުފެއްދޭނެއެވެ. އެއީ މުޅި އޮސްޓްރޭލިއާއަށް ބޭނުންކޮށްފައި އިތުރުވާނެ ޢަދަދެކެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.