ރަޝިޔާގެ ބޯޓުދެލި ނަގާ މައިނެއްގައި ހިނގި ހާދިސާގައި މަރުވި މީހުންގެ އަދަދު 52 އަށް

މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތެރިވާ މީހުން އިއްޔެ ގޮަވައި މައިން ކައިރީގައި ހަރަކާތްތެރިވަނީ

ރަޝިޔާގެ ސައިބީރިޔާގައި ބޯޓުދެލި (ކޯލް) ނަގާ މައިނެއްގައި ހިނގި ހާދިސާގައި މަރުވި މީހުންގެ އަދަދު 52 އަށް އަަރައިފިއެެވެ.

މައިންެ ތެރޭގައި މީތޭން ގޭސް ގޮވައި އަލިފާން ރޯވިތާ ގިނައިރުތަކެއް ނުވެ، ސަލާމަތްކުރުމުގެ މަސައްކަތްކުރާ މީހުން ވަނީ 14 މީހެއްގެ ހަށިގަނޑު ނަގާފައެވެ. އެހެންނަމަވެސް، މައިން ތެރޭގައި މީތޭން ގޭހާއި، އަލިފާނުގެ ސަބަބުން އުފެދުނު ކާބަންޑައި އޮކްސައިޑް ގިނަވުމުގެ ސަބަބުން އިތުރު 38 މީހެއްގެ ހަށިގަނޑު ނެެގިފައި ނުވެއެވެ.

ސަލާމަތްކުރުމުގެ މަސައްކަތްކުރާ މީހުންގެ އެހީގައި 239 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.

ސައިބީރިޔާގެ ކެމެރޯވޯ ސަރަހައްދުގެ ބެލޯވޯ އަށަވަށުގެ ކައިރީގައި ހުންނަ ލިސްޓިވްޔަޒްނާޔާ މައިންގައި އިއްޔެ ހެނދުނުގެ ވަގުތެއްގައި މީތޭން ގޭސް އިތުރުވެ ގޮވުމާއެކު އަލިފާން ރޯވިއިރު އެ މައިން ތެރޭގައި 285 މީހުން ތިއްބެވެ. މައިންގައި މަސައްކަތްކުރާ މީހުންގެ ތެރޭން މަރުވީ 46 މީހުންނެވެ. އޭގެ އިތުރަށް ސަލާމަތްކުރުމުގެ މަސައްކަތްކުރި މީހުންގެ ތެރޭން 6 މީހަކު ވަނީ މަރުވެފައެވެ.

ރަޝިޔާގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ޑްމިޓްރީ ޑެމެޝިން ވިދާޅުވިގޮތުގައި ބޮޑަށް ލަފާކުރެވެނީ މީތޭން ގޭސް މައިންތެރޭގައި އިތުރުވެފައި ވަނިކޮށް ކޮންމެވެސް ގޮތަކުން އެެރި އަލިފާން ކަންޏަކުން އެގޭހުގައި ރޯވެ ގޮވީކަމަށެވެ. މައިންތަކުން ބޯޓުދެލި ނަގާއިރު މީތޭން ގޭސް ބޭރުވިޔަސް، އެ ގޭހުގައި ރޯވުމަކީ ނާދިރު ކަމެކެވެ. އެހެންނަމަވެސް، މައިންތަކުގައި ހިނގާ ހާދިސާތަކުގެ ތެރޭން އެންމެ ގިނަ މީހުން މަރުވަނީ މީތޭން ގޭހުގައި ރޯވެ ގޮވުމުގެ ހާދިސާތަކުގައެެވެ.

އިއްޔެ ސައިިބީރިޔާގެ ލިސްޓިވްޔަޒްނާޔާ މައިންގައި ހިނގި މައިންގައި ރޯވުމުގެ ހާދިސާއަކީ ރަޝިޔާގައި ހިނގި މިފަދަ ފުރަތަމަ ހާދިސާއެއް ނޫނެވެ. 2004 ވަނަ އަހަރު އެ މައިންގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 13 މީހުން މަރުވެފައި ވެއެވެ. 2007 ވަނަ އަހަރު ކެމެރޯވޯ ސަރަހައްދުގެ އުލްޔަނޮވްސްކާޔާ މައިންގައި މީތޭން ގޭހުގައި ރޯވެ ގޮވުމުގެ ސަބަބުން 110 މީހުން މަރުވެފައި ވެއެވެ. 2010 ވަނަ ރަސްޕަޑްސްކާޔާ މައިންގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 91 މީހުން މަރުވެ 100 މީހުންނަށް އަނިޔާވެފައި ވެއެެެވެ.

2016 ވަނަ އަހަރު ރަޝީޔާގެ އުތުރު ސަރަހައްދުގެ ބޯޓުދެލި މައިނެއްގައި ގޮވުންތަކެެއް ގޮަވައި 36 މީހުން މަރުުވުމާ ގުޅިގެން ރަޝިޔާ ސަރުކާރުން އެ ގައުމުގެ މައިންތަކުގެ ސަލާމަތީ ކަންކަން ހުރިގޮތް ބެލުމަށް ސާވޭއެއް ކުރިއެވެ. އަދި އެ ސާވޭއަށް ފަހު 20 މައިނެއް (ރަޝިޔާގެ މައިންތަކުގެ %34) ގެ ސަލާމަތީ ކަންކަން ރަނގަޅު ނޫންކަމަށް ނިންމިއެެވެ. ބުނެވޭަ ގޮތުގައި އިއްޔެ ގޮވި މައިން ވަނީ ސަލަމަތީ ކަންކަން ރަނގަޅު ނޫންކަމަށް ނިންމި މައިންތަކުގެ ތެރޭގައި ހިމެނިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.