އެންޖެލާ މާކެލްއަށްފަހު ޖަރުމަނުގެ ޗާންސެލާކަން އޮލާފް ޝުލްޒްއަށް

އެންޖެލާ މާކެލްއަށް ފަހު ޖަރުމަނުގެ ޗާންސެލާކަމަށް ވަޑައިގަންނަވާ އޮލާފް ޝުލްޒް

ޖަރުމަނުގައި ދާދި ފަހުން ބޭއްވި އާއްމު އިންތިޚާބަށް ކޯލިޝަން މަޝްވަރާތައް ކުރަމުން އައި ތިން ޕާޓީން ކޯލިޝަން އެއްބަސްވުމެއް އެކުލަވާލައި ޗާންސެލާކަމަށް އެ ކޯލިޝަނުގެ ކެންޑިޑޭޓަކީ އޮލާފް ޝުލްޒް ކަމަށް އިއްޔެ އިއުލާންކޮށްފިއެވެ.

މެދު-ކަނާތުފިޔައިގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސްޑީޕީ) ގެ ލީޑަރު ޝުލްޒް ޗާންސެލާކަމާ ހަވާލުވެވަޑައިގަތުުމާއެކު އެންޖެލާ މާކެލްގެ 16 އަހަރުވީ ވެރިކަން ނިމުމަކަށް އަންނާނެއެވެ.

ފާއިތުވި ސެޕްޓެންބަރު މަހުގެ 26 ވަނަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގައި މާކެލްގެ ކްރިސްޓިއަން ޑިމޮކްރެޓިކް ޔުނިއަން (ސީޑީޔޫ) އަށް އަޣުލަބިއްޔަތު ގެއްލުމާއެކު އެންމެ ބޮޑު އިދިކޮޅު ޕާޓީ އެސްޑީޕީން ވަނީ ކޯލިޝަން މަޝްވަރާތައް ފަށާފައެވެ. މި މަޝްވަރާތައް ކާމިޔާބުވެ ސީޑީޔޫއާއި، ތިމާވެށި ހިމާޔަތްކުރުމަށް މަސަައްކަތްކުރާ ޕާޓީ، ދަ ގްރީންސްއާއި، ފްރީ ޑިމޮކްރެޓްސް (އެފްޑީޕީ) ގުޅިގެން އެކުލަވާލި ކޯލިޝަން އެއްބަސްވުން އިއްޔެ ވަނީ ހާމަކޮށްފައެވެ.

ގާނޫންހަދާ މަޖިލީހުގައި މި ތިން ޕާޓީ ތަމްސީލުކުރާ މެންބަރުން ކޯލިޝަން އެއްބަސްވުުމުގައި ސޮއިކޮށް ވެރިކަމާ ހަވާލުވުން ވެގެންދާނީ ޖަރުމަނުގައި ގިނަ ދުވަސްތަކަކަށްފަހު މިހާ ގިނަ ޕާޓީ ހިމެނޭ ކޯލިޝަނަކުން ވެރިކަންކުރާ ފުރަތަމަ ފަހަރަށެވެ. އެންޖެލާ މާކެލްގެ ސީޑީޔޫއިން ވެރިކަންކުރަމުން އައީ ކުޑަ ޕާޓީއެއެް ކަމުގައިވާ ސޯޝަލް ޑިމޮކްރެޓްސް (އެސްޑީޕީ) އާއެކު އެކުލަވާލައިވާ ދެ ޕާޓީ ހިމެނޭ ކޯލިޝަނެއްގެ ތެރޭންނެވެ.

މިއީ 1950ގެ އަަަހަރުތަކަށް ފަހު ތިން ޕާޓީ ހިމެނޭ ކޯލިޝަނަކުން ވެރިކަންކުރާ ފުރަތަމަ ފަހަރަށް ވެގެންދާއިރު، މެދު-ވާތުފިޔަައިގެ މި ކޯލިޝަނުގެ ވެރިކަމުގައި ޖަރުމަނުން ޔޫރަޕާ އަދި ދުނިޔެއާއެކު ބާއްވާ ގުޅުންތަކާމެދު ގެންގުޅޭ ސިޔާސަތު މެދު-ކަނާތުފިޔައިގެ ސީޑީޔޫ ކޯލިޝަނުން ގެންގުޅުނު ސިޔާސަތާ ތަފާތުވުމުގެ ފުރުސަތު އެބައޮތެެވެ.

މި ކޯލިޝަނުގެ ވެރިކަމުގައި އެންމެ ބޮޑު ބަދަލެއް އަަންނާނެކަމަށް ބެލެވިފައި ވަނީ އިގުތިސާދީ ސިޔާސަތަށެވެ. ކޯލިޝަނުގެ އެއް ބައިވެރިއަކީ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ގްރީން ޕާޓީކަމަށް ވާތީ، އާ ކޯލިޝަނުން އެކުލަވައިލި 177 ސަފުހާގެ އެއްބަސްވުމުގައި ވާގޮތުން އާ ސަރުކާރުގެ ސިޔާސަތަކަށް ވާނީ ޖަރުމަނުގެ އިގުތިސާދު ފެހި އިގުތިސާދަކަށް ބަދަލުކޮށް، ޑިޖިޓަލްކޮށް، މާލީ ސިޔާސަތު ހަރުދަނާކުރުމެެވެ.

އިއްޔެ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޗާންސެލާކަމުގެ ކެންޑިޑޭޓް، އުމުރުފުޅުން 63 އަހަރުގެ ޝުލްޒް ވިދާޅުވީ އޭނާގެ ސަރުކާރުގެ އެންމެ މުހިއްމު އެއް މަސައްކަތަަކަށް ވާނީ ކޮވިޑް-19 ގެ ވަބާއާ ހަނގުރާމަކުރުމެެވެ. އަދި އޭނާ ވިދާޅުވިގޮތުގައި ހޮސްޕިޓަލްތަކާއި، ކެއާހޯމްތަކާއި، އިސް ސަފުގައި މަަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންނަށް ބޯނަސްެގެ ގޮތުގައި އެއް ބިލިއަން ޔޫރޯ އާ ސަރުކާރުން ޚަރަދުކުރާނެއެވެ.   

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.