ޤަޠަރާއި، މިސްރުން ޣައްޒާއަށް ތެލާއި، އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދެނީ

މޭ މަހުގެ އުދުވާނުގައި ޣައްޒާގެ ގެތަކެއް ބިމާ ހަމަވެފައި

އިސްރާއީލުން ހިސާރުކޮށްފައިވާ ޣައްޒާއަށް ތެލާއި، އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމުގައި ޤަޠަރާއި މިސްރުން ސޮއިކޮށްފައިވާ ކަމަށް ޤަޠަރުގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ނޯވޭގެ ވެރިރަށް އޮސްލޯގައި ކުރިއަށް ދިޔަ ފަލަސްޠީނަށް އެހީވާ ބައިނަލްއަގުވާމީ ފަރާތްތައް ހިމެނޭ އެޑް ހޮކް ލިއޭޒަން ކޮމިޓީ (އޭއެޗްއެލްސީ) ގެ ބައްދަލުވުމަށް ފަހު މިކަން ހާމަކުރެއްވީ ޤަޠަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ސުލްޠާން ބިން ސަޢުދު އަލްމުރައިޚީއެވެ.

2007 އިން ފެށިގެން އިސްރާއީލުން ވަނީ ޣައްޒާ ހިސާރުކޮށްފައެެވެ. އެންމެ އަސާސީ ކަންކަމަށް ބޭނުންވާ ސާމާނުވެސް ޣައްޒާއަށް ވެއްދެނީ އިސްރާއީލުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭން ލާފައެވެ.

ޤަޠަރާއި، މިސްރުގެ އެއްބަސްވުމުގެ ވާހަކަ ހާމަކޮށްފައި މިވަނީ ފާއިތުވި މޭ މަހު އިސްރާލުން ޣައްޒާއަށް ދިން 11 ދުވަހުގެ އުދުވާނީ ހަމަލާއަށް ފަހު، ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތް ފެށިފައިވާ ދަނޑިވަޅެއްގައެވެ. ޣައްޒާގައި ވެރިކަން ކުރާ އިސްްލާމިކް ރެސިސްޓެންސް މޫވްމަންޓް (ހަމާސް) ގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ރަހުމްކުޑަ އުދުވާނުގައި 2200 ގެ މުޅިން ހަލާކުވެފައިވާއިރު، 37 ހާސް ގެއަށް ވަނީ ގެއްލުން ލިބިފައެެވެ.

މި އުދުވާނުގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކާއި، ރޮކެޓު ހަމަލާތަކުގައި ފަލަސްޠީނުގެ 253 މީހުން ޝަހީދުވެފައިވާއިރު، ޣައްޒާއިން އިސްރާއީލަށް ދިން ރޮކެޓު ހަމަލާތަކުގައި އިސްރާއީލުގެ 13 މީހަކު ވަނީ މަރުވެފައެވެ.

މިސްރު މެދުވެރިވެގެން މޭ 21 ވަނަ ދުވަހު އެކުލަވާލި ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގައި ޙަމާސްއިން އެންމެ ބޮޑަށް އެދިފައި އޮތް ކަމަކީ ޣައްޒާގައި ހަލާކުވެފައިވާ ތަންތަން އަލުން ބިނާކުރުމަށް ބޭނުންވާ ތަކެތި ޙަމާސްގެ ސަރުކާރާ ހަވާލުކުރުމެވެ. އެހެންނަމަވެސް، އެ ތަކެތި އިސްރާއީލަށް ހަމަލާދިނުމަށްޓަކައި ހަތިޔާރު އުފައްދަން ބޭނުންކުރާ ކަމަށް ބުނެ އިސްރާއީލުން ދަނީ އިމާރާތްކުރާ ތަކެތި އެތެރެކުރުން ވަރަށް ބޮޑަށް ހިފަހައްޓަމުންނެވެ.

ޙަމާސްއިން ބުނެފައިވާ ގޮތުގައި 11 ދުވަހު އުދުވާނުގައި ހަލާކުވެފައިވާ އިމާރާތްތަކާއި، އަސާސީ ޚިދުމަތްތައް އަލުން ބިނާކުރުމަށް 479 މިލިއަން އެމެރިކާ ޑޮަލަރު ބޭނުންވާނެއެވެ. ޤަޠަރާއި މިސްރުން ވަނީ ޣައްޒާ ބިނާކުރުމަށް 500 މިލިއަން ޑޮލަރު ދޭނެކަމަށް ވައުދުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.