ފަލަސްޠީނަށް 480 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ޤަޠަރުން ނިންމައިފި

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާގައި ފުނޑުފުނޑުވެފައިވާ އިމާރާތެއްގެ ކައިރީގައި ފަލަސްޠީނު މީހަކު އިށީނދެލައިގެން

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ދިރިއުޅެމުންދާ ފަލަސްޠީނު ރައްޔިތުންނަށް އެހީގެ ގޮތުގައި 480 މިލިއަން އެމެރިކާ ޑޮލަރު ދޭން ޤަޠަރުން ނިންމައިފިއެވެ.

ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލްޘާނީގެ މިނިންމެވުމަށް ފަލަސްޠީނުން ވަނީ ޝުކުރުވެރިކަމާއެކު މަރުހަބާކިޔާފައެވެ. ފަލަސްޠީނު ރައީސު މަޙްމޫދު ޢައްބާސް ވިދާޅުވީ ފަލަސްޠީނު ރައްޔިތުން އުފުލަމުންދާ ވޭން މި އެހީގެ ސަބަބުން ލުއިވެގެންދާނެ ކަމުގައެވެ. ޣައްޒާގައި ވެރިކަންކުރާ ޙަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ރައީސު އިސްމާޢީލް ހަނިއްޔާ ވިދާޅުވީ މިއެހީއަކީ ފަލަސްޠީނު ރައްޔިތުން އަޅުވެތިކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމުގައެވެ.

ޤަޠަރުގެ ނިންމުން އައިސްފައި މިވަނީ 2014 ވަނަ އަހަރަށް ފަހު އިސްރާއީލުން ޣައްޒާއަށް ދިން އެންމެ ވަރުގަދަ ހަމަލާތަކަށް ފަހު ދެފަރާތުގެ މެދުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައި ވަނިކޮށެވެ. މިއެއްބަސްވުން ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރީ މިސްރާއި އދ. ގެ މަންދޫބުންނެވެ.

ޤަޠަރުގެ ޚާރިޖީ ވުޒާރާއިން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައި ވާގޮތުން މި އެހީގެ ތެރެއިން 300 މިލިއަން ޑޮލަރު ދޭނީ ރާމަﷲ ގައި ހުންނަ ފަލަސްޠީނުގެ މަރުކަޒީ އިދާރާއަށެވެ. އެއީ ތައުލީމާއި ސިއްހަތާގުޅޭ މަޝްރޫއުތަކަށެވެ. ބާކީ 180 މިލިއަން ޑޮލަރު ދޭނީ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ހިފާފައިވާ ބިންތަކުގައި އދ. އިން ހިންގާ ޕްރޮގްރާމްތަކަށް ދެވޭ އިންސާނީ އެހީއެއްގެ ގޮތުގައެވެ.

ޤަޠަރަކީ އަބަދުވެސް ދީލަތިކަމާއެކު ފަލަސްޠީނަށް އެހީވަމުން އަންނަ ގައުމެކެވެ. ފާއިތުވި ޖަނަވަރީ މަހުވެސް ޤަޠަރުން ވަނީ ޣައްޒާގެ ޕޯސްޓު އޮފީސްތައް މެދުވެރިކޮށް 94 ހާސް އާއިލާއަކަށް އެހީ ފޯރުކޮށްދީފައެވެ. އަދި ފާއިތުވި އެޕްރީލް މަހު ޤަޠަރުން ވަނީ މަސްނޫއީ އަތާއި ފައި ޖަހައިދޭ ހޮސްޕިޓަލެއް ޣައްޒާގައި ހުޅުވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.