މަތިންދާބޯޓުގެ ފިޔަގަނޑުގައި އިންސާނުން ދަތުރުކޮށްފާނެ

މި ހޫނު މޫސުމުގައި، ޓީޔޫ ޑެލްފްޓްގެ ފްލައިން ވީ ޖެޓްލައިނަރ އުދުއްސައިފިއެވެ. މި ޒަމާނީ މަތިންދާ ބޯޓުގެ ފިޔަގަނޑުގައި ފަސިންޖަރުން އުފުލެއެވެ. މީގެ އިތުރަށް، ތެލުގެ ޚަރަދު 20 އިންސައްތައަށް ކުޑަވެއެވެ.

މިމަތިންދުއްވާ ބޯޓު އުފެއްދުމުގެ މަޝްރޫޢުގެ އެންމެ އިސްވެރިޔާ ޑރ. ރޮއެލޮފާއި އޭނާގެ ޓީމު، އުދުއްސާލީ 22.5 ކިލޯގްރާމްގެ އަދި 3 މީޓަރުގެ ފުޅާ މޮޑެލް އަކަށް ތައްޔާރުކުރި ނަމޫނާ ބޯޓެކެވެ. މި ބޯޓު އުދުއްސާލީ ޖަރުމަންވިލާތުގެ ޢަޝްކަރީ މަރުކަޒަކުންނެވެ. ބޯޓު އުދުއްސާލުމާ ހަމަޔަށް، މިމަސައްކަތް މިޓީމުން ކުރިޔަށްގެންދިޔައީ، އެއަރބަސް އުފެއްދުމުގައި ޝާމިލްވާ ޓީމަކާއެކުގައެވެ. ބެޓެރީ ކިރިޔާ ހުސްވާ ހުސްނުވާ ހިސާބަށްގޮސް ބިމަށް ޖެއްސުމާ ހަމަޔަށް އެތައް ޓެސްޓްތަކެއް ކުރުމަށްފަހުގައެވެ.

ޓީމުގެ މެންބަރުން އެންމެ ކަންބޮޑުވީ، ބޯޓު އުދުއްސާލުމަށް ބިމުން އުފުލައިލުމުގައި ދަތިތަކެއް ހުރެދާނެކަމަށްޓަކައެވެ. އެއީ ކުރީގެ މިންތަކުން ފާހަގަ ކުރެވުނުގޮތުގައި، ބޯޓު އެނބުރުމުގައި މައްސަލަތަކެއް ފާހަގަ ކުރެވިފައި ވާތީއެވެ. އެހެންނަމަވެސް، ޓީމުގެ ފަރާތުން އެކަން ޙައްލުކޮށްފައި ވެއެވެ. އެހެންނަމަވެސް، އެކަން ކަށަވަރުކުރުމަށްޓަކައި ބޯޓު އުދުއްސާލަން ޖެހެއެވެ. އަޖުމަބެލުމަށްޓަކައި އުދުއްސާލި އުދުހުން ވަރަށް ކާމިޔާބެވެ. އަޖުމަ ބެލުމަށް ބޯޓު ދުއްވާފައިވަނީ، ގަޑީޔަކު 80 ކިލޯމީޓަރުގެ ބާރުމިނުގައެވެ. އެހެނަސް އެއީ ހަމައެކަނި އަޖުމަބެލުމަށް ތައްޔާރުކުރެވުނު މޮޑެލެކެވެ. މިމޮޑެލްއަށް އުފެއްދޭ އަޞްލު ޖެޓަށް ވާނެގޮތް އޮތީ ނޭނގުމުގެ ތެރޭގައެވެ.

މިމޮޑެލްގެ މަސައްކަތްކުރުމުގެ ތެރޭގައި، ރިސާރޗްކުރި ޓީމަށް ފާހަގަކުރެވުނުގޮތުގައި، މަޢުލޫމާތު ފޮނުވުމަށްބޭނުންކުރާ ޓެލެމެޓްރީ އާއި ބޯޓުގެ މެދުން ގްރެވިޓީ ބަދަލުކުރަން ޖެހެއެވެ. ޓެލެމެޓްރީއަކީ، 19 ވަނަ ޤަރުނުގެ ތެރޭގައި ފުރަތަމަ ފަހަރަށް އުފެއްދި ސިސްޓަމެކެވެ. އެއީ، އޮޓޮމެޓިކުން ޑޭޓާ އުފައްދައި އެމަޢުލޫމާތު ފޮނުވުމަށް ބޭނުންކުރެވޭ އިލެކްޓްރޮނިކް ސިސްޓަމެކެވެ. މިސިސްޓަމް ބޭނުންކޮށްގެން އެހެން ތަންތަނަށް ޑޭޓާ ފޮނުވައިދިނުމުން އޭގެ ބޭނުންކުރެވޭނެއެވެ.

ޓީމަށް ދެން އޮތް މަސައްކަތަކީ، ބޯޓުދުއްވަމުންދާއިރު އެއްކުރެވޭ މަޢުލޫމާތުގެ މައްޗަށް، ބޯޓަށް ޚާއްޞަކުރެވޭ އެއަރޯ ޑައިނަމިކް ސޮފްޓްވެއަރ މޮޑެލެއް ތައްޔާރު ކުރުމުގެ މަސައްކަތެވެ. އޭގެ މާނަޔަކީ، ފްލައިޓް ސިމިޔުލޭޓަރ އެއްބޭނުންކޮށް، ފްލައިޓުން އެއްކުރެވުނު ޑޭޓާ ޓެސްޓްކޮށް އަދި ރިސާރޗްގެ ބޭނުމަށް، އަދި އިތުރަށް ތަރައްޤީކުރުމަށް ބޭނުންކުރުމެވެ.

ފްލައިން ވީ ގެ މޮޑެލް އުފެއްދިފައިވަނީ، ތެޔޮމަދުން ބޭނުންކޮށް، ދިގުދަތުރުތައް ކުރެވޭގޮތަށެވެ. ފަސިންޖަރުންތިބޭ ގޮނޑިތަކާއި މުދާ ރައްކާކުރާ ސަރަޙައްދާ އަދި ތެޔޮ ޓޭންކް ބެހެއްޓިފައިވަނީ ފިޔަގަނޑުގައެވެ. މަތިންދުއްވާ ބޯޓު އުފެއްދުމުގައި ވީ ޝޭޕް ތަޢާރުފްކޮށް، ބޯޓުގެ ނަން އެޝޭޕަށް ދެވިގެންނެވެ. ބޯޓު އުފެއްދުމުގައި ޙަރަކާތްތެރިވާ ރިސާރޗަރުން ބޭނުންކުރާ ކޮމްޕިއުޓަރ ހިސާބުތަކުން ދައްކާގޮތުގައި، މިހާރުގެ އެންމެ ޒަމާނީ މަތިންދާބޯޓާ އަޅާ ބަލާއިރު، 20 އިންސައްތަ ތެޔޮޚަރަދު ކުޑަވާ ގޮތަށެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.