ޓެކްސީ ޚިދުމަތްދޭ އުޞޫލަށް ބަދަލުގެނެސް އެއްގަމު ދަތުރުފަތުރާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް މަޖިލީހަށް ފޮނުވަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޓެކްސީ ޚިދުމަތްދިނުމުގެ އުޞޫލަށް ބަދަލުގެނެސް ޕްރައިވެޓް ހަޔަރގެ ޚިދުމަތް ދެވޭގޮތަށް، އެއްގަމު ދަތުރުފަތުރާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް އެކުލަވާލައި މަޖިލީހަށް ފޮނުވުމަށް ރައީސުލްޖުމްހުރިއްޔާގެ އޮފީހަށް ފޮނުއްވައިފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ރައީސް އޮފީހަށް ފޮނުވި އެއްގަމު ދަތުރުފަތުރާބެހޭ ޤާނޫނަށް އިޞްލާޙުގެނައުމުގެ ބިލްގައި، ހުށަހަޅައިފައި އިތުރު އިޞްލާޙުތަކުގެތެރޭގައި އިންޖީނުލީ އެއްގަމު އުޅަނދުން ނެގޭ ފީތަކާބެހޭ ތާވަލް އިޞްލާޙުކުރުމާއި ޤާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމްކުރުމާއި ތިމާވެށްޓާ ރައްޓެހިކޮށް ފަރުމާކޮށްފައިހުންނަ ބައިސްކަލް ރަޖިސްޓްރީ ކުރަންނުޖެހޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. ސަރުކާރުން ޤަބޫލުކުރާ އެހެން ޤައުމެއްގެ ލައިސަންސް އޮންނަ ފަރާތްތަކަށް އިތުރު އިމްތިޙާނަކާ ނުލައި ލައިސަންސް ދެވޭނެ އުޞޫލެއް ކަނޑައެޅުންވެސް، ޤާނޫނަށް ގެންނަ އިޞްލާޙުތަކުގެ ތެރޭގައި ހިމެނެއެވެ.

ރައްކާތެރިނޫން ގޮތުގައި މުދަލާއީ މީހުން އުފުލުން ހުއްޓުވުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައްވެސް ބިލުގައި ވަނީ ހިމަނުއްވައިފައެވެ. މީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ އުޅަނދުތަކާއި ޤަވާއިދާ ޚިލާފަށް ޕާރކްކޮށްފައި ހުންނަ އުޅަނދުތަކާމެދު ޢަމަލުކުރެވޭނެ އިޖްރާތުތައްވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ. ކަނޑައަޅައިފައިވާ ދުވެއްޔަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވާ ޙާލަތްތަކާއި އެނޫންވެސް ބައެއް ޙާލަތްތަކުގައި އެފަދަ އުޅަނދުތައް ވަކި މުއްދަތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ އުޞޫލެއްވެސް ބިލުގައި ވަނީ ކަނޑައަޅައިފައި ކަމަށް އޭޖީ އޮފީހުން ވަނީ ހާމަކުރައްވައިފައެވެ.

އޭޖީ އޮފީހުން ވިދާޅުވީ މިބިލް ހުށަހެޅުމުގެ ބޭނުމަކީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ނިޒާމުގައި ދުއްވާ އުޅަނދުތައް ދުއްވުމުގައާއި ގެންގުޅުމުގައި ހިނގަމުންދާ ނުރައްކާތެރި، ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވުން ކަމަށެވެ. އަދި މަގުތަކަކީ ރައްކާތެރި ތަންތަންކަމުގައި ހެދުމަށް ޓަކައި ޤާނޫނަށް ގެންނަން ޖެހޭ އިޞްލާޙުތައް ގެނައުން ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.