ޕެސިފިކް ކަނޑުގެ މެދުގައި ކަޅު ލޯވަޅެއް

ރެޑިޓަރުން، ނުވަތަ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްކަމުގައިވާ ރެޑިޓް ގައި ރަޖިސްޓަރީވެގެން ޙަރަކާތްތެރިވާ މީހުން ޤަބޫލުކުރާގޮތުގައި އެމީހުންނަކީ، ޢާންމު އެހެންމީހުންނަށްވުރެ ސިކުނޑި ރަނގަޅު، ޚާއްޞަ ބަޔެކެވެ. އެފަދަ މީހުންނަކީ އެހެން މީހުން ނުކުރާ ކަހަލަ ކަންކަން ކޮށް، އެކިކަންކަމާ ވާދަކޮށް، މޮޅުވާހަކަ ދައްކައި އެހެން މީހުންނަށް އެކަން އަންގައިދިނުމަށްޓަކައި ރެޑިޓް ޕްލެޓްފޯމް ބޭނުންކުރާ ބަޔެކެވެ. މިލިޔުމުގައި މިބަޔާންކުރަނީ އެފަދަ މީހަކު، ގޫގްލް މެޕާކުޅެމުންދަނިކޮށް، ޕެސިފިކް ކަނޑުގެމެދުން ޙައިރާންވާފަދަ، ކަޅު ހޯލެއް ފެނިގެން އެވާހަކަ ލިޔުނީ ކޮކްބްލޮކްސް އެވެ ކިޔާ މީހެކެވެ. ކޮކްބްލޮކްސް އަށް ފެނިގެން ސޯޝަލްމީޑިއާގައި ޕޯސްޓްކުރި މިލިޔުމުގައި، ކަނޑުމެދުގައި ލޯވަޅެއް އެޅިފައިވާގޮތަށް އެފެންނަ ފޮޓޯއަކީ، ގޫގްލް މެޕާ ކުޅެމުންދަނިކޮށް ޕެސިފިކް ކަނޑުގެ މެދުން އޭނާއަށް ފެނުނު ފޮޓޯއެވެ. އެއީ ކޮންއެއްޗެއްކަން އެއްވެސް މީހަކަށް ޔަޤީންކޮށްދޭކަށް ނޭނގުނެވެ. އެހެނަސް، އެފޮޓޯއާ ބެހޭގޮތުން އެކިމީހުން އެކި ޚިޔާލު ފައުޅުކޮށްފައި ވެއެވެ.

ގޫގްލް މެޕްގެ ސަބްރެޑިޓްގައި އޭނާ މިފޮޓޯ ޕޯސްޓްކޮށް " މިއީ ކޮން އެއްޗެއް " ބާއޭ ބުނެ ސުއާލުކޮށްފައި ވެއެވެ. ރަށެއްނޫން އެހެން އެއްޗެއް ސިފައެއް ނުކުރެވެއެވެ. ކޮކޮބްލޮކްސް ލިޔެފައި ވެއެވެ. ވަރަށްގިނަމީހުން، އޭނާގެ މިސުއާލަށް ޖަވާބުދީފައި ވެއެވެ. ހިތަށް އެރިހައި އެއްޗެއް ބުނެ ޖަވާބުދިންމީހުންނާއި، ޙަޤީޤަތުގައިވެސް ހީވާގޮތުން އެއީ ކޮން އެއްޗެއްކަން ބަޔާންކޮށް ޖަވާބުދީފައިވާ މީހުން، އޭގެތެރޭގައި ހިމެނެއެވެ.

"އަޞްލުވެސް، އެއީ ބިމުގައިވާ ހޯލެއް" އެކަކު ބުނެފައި ވެއެވެ. އޭނާ އެގޮތަށް ބުނެފައިވަނީ، ހިލޯ އާރތު ތިއަރީއަށް ޙަވާލާ ދީފައެވެ. އެތިއަރީގައި ބުނެފައިވަނީ، ބިމަކީ ރަނގަޅަށް ތަރުތީބުކުރެވިފައިވާ ހޮހަޅައެއް ކަމުގައެވެ. އަނެއްބަޔަކު، ކޮކްބްލޮކްގެ އަޞްލު ސުއާލަށް ޖަވާބުދެމުން، " ނޫން، އެހެންނެއްނޫން، އެއްގޮތަކަށްވެސް އެހެންނެއްނޫނެވެ".

އަނެއްބަޔަކު، ޤަބޫލުކުރެވޭކަހަލަ ޖަވާބުވެސް ދީފައިވެއެވެ. "އެއީ، ތިންފަރާތުން ފެންއޮތް ބިންކޮޅެކެވެ."

އަޞްލު ފޮޓޯގައި އެފެންނަ ފެނުމަށް، ޤަބޫލުކުރަން ފަސޭހަޖަވާބުވެސް ބައެއްމީހުން ދީފައި ވެއެވެ.

"އެއީ، ބައެއް ސަބަބާހުރެ، ސެންސަރުކުރެވިފައިވާ އެއްޗެއްކަމަށް ފެނެއެވެ." އެކަކު އެހެން ބުނާއިރު، "ފުރަތަމަ ބަލައިލުމުންވެސް އެއީ ސެންސަރުކޮށްފައިވާ އެއްޗެއްކަން އެނގެއެވެ." "ޤުދްރަތީގޮތުން އުފެދިފައިވާ، ތިލަ ރަށެއް ނުވަތަ އަތޮޅެއް އެހާ ކަޅުކުލައިގާ އޮތުމަކީ، ސިކުނޑި ޤަބޫލުކުރާކަމެއްނޫނެވެ." އެހެންމީހަކު ބުނެފައި ވެއެވެ.

ޢަޝްކަރީ މަރުކަޒު ފަދަ މުހިންމު ތަންތަނުގެ މަންޒަރު ފުސްކޮށް ބެހެއްޓުމަކީ ޢާންމުގޮތެއްގައި ގޫގްލް މެޕުން ކޮށްފައި ހުންނަ ކަމެކެވެ. އަދި، ޕެސިފިކް ކަނޑުގެ ރަށެއްގައި ޢަޝްކަރީ މަރުކަޒެއް އޮތްވާހަކަ މީހަކު ބުނާތީވެސް އަޑުއިވިފައެއް ނުވެއެވެ.

މި ލޯވަޅާބެހޭގޮތުން، ތަފާތު ޚިޔާލު ފައުޅުކުރެވިފައިވާއިރު، ޤުދްރަތީގޮތުން ވެދާނެކަމަށް ޤަބޫލުކުރެވޭ ޚިޔާލުވެސް ބައެއްމީހުން ފާޅުކޮށްފައި ވެއެވެ. އޭގެ ތެރޭގައި، އެއީ ބިމުއަޑިން ބަޔެއްގޮވުމާގުޅިގެން ފެންނަންއޮތް ހިލަގަނޑެއްކަމުގައިވެސް ބައެއްމީހުން ބުނެފައި ވެއެވެ. އެއީ ވޮސްޓޮކް އައިލޭންޑެވެ. މިރަށަކީ، ހަވާއީގެ ދެކުނުން އެތައް ސަތޭކަ މޭލެއްގެ ދުރުގައިވާ ރަށެކެވެ. އެރަށް ކަޅުކުލައިގާ އެފެންނަނީ، އެހައި އުހުން، ދުރުން ފެންނާތީއެވެ. އެހެންނަމަވެސް ކައިރިކޮށްލުމުން ތަންކޮޅެއް ސާފުކޮށް ފެނެއެވެ.

ކަޅުކުލައިގާ އެފެންނަނީ، އަޞްލު ވަރަށް ގަދަ ފެހި ކުލައެކެވެ. އެއީ ޕިސޯނިއާ ގަސްތަކުން އުފެދިފައިވާ ބޯ ގަސްތަކެކެވެ. އެހެން ރެޑިޓަރަކު ސާފުކޮށްދީފައި ވެއެވެ. މިއީ، ބިމުގެ އެތެރެ ތަރުތީބުކުރެވިފައިވާ މަގުން ހުޅުވޭ ދޮރެއްގެ ގޮތުގައި ބަލައިގެން އެހާ ޙައިރާންވާވަރުގެ އެއްޗެއްނޫނެވެ. އެއީ ރެޑިޓަރުން ފޫހިފިލުވަން، ދަންވަންދެން ރޭގަނޑު ހޭލައި ތިބެ ކުޅެން ކަމުހިނގައިދާނެ އެއްޗެކެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.