ބައްޝާރުގެ ސަރުކާރާ ގުޅުން އާލާކުރުން ހުއްޓާލަން ޖެހޭ: ޤަޠަރު

ޔޫއޭއީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ބިން ޒާޔިދު ދިމިޝްޤުގައި ބައްޝާރުލް އަސަދާ ބައްދަލުކުރައްވަނީ

ސީރިޔާ (ސޫރިޔާ) ގައި ވެރިކަންކުރަމުންދާ ބައްޝާރުލް އަސަދުގެ ސަރުކާރާ ގުޅުން އާލާކުރުމަށް ބައެއް ގައުމުތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލަން ޖެހޭކަަމަށް ޤަޠަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އާލްޘާނީ  ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޚާރިޖީ ވަޒީރު ޝައިޚް ޢަބްދުﷲ ބިން ޒާޔިދް އާލްނަހްޔާން ދާދި ފަހުން ސީރިޔާ ވެރިރަށް ދިމިޝްޤު (ޑަމަސްކަސް) އަށް ވަޑައިގެން ބައްޝާރުލް އަސަދާ ބައްދަލުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

"ގައުުމުތަކުން ސީރިޔާގައި އޮތް ވެރިކަމާ (އެކު ގުޅުން ގާއިމުކުރުމާ) ދިމާއަށް ދިއުމަށް ހިތްވަރު ނުލާނެކަމަށް އަހަރުމެން އުއްމީދުކުރަން." އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) އެންޓަނީ ބްލިންކެން އާއެކު ބޭއްވެވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު މުޙައްމަދު އާލްޘާނީ ވިދާޅުވިއެެެވެ. މި ނޫސްެެވެރިންގެ ބައްދަލުވުމުގައި ސެކްރެޓަރީ އޮފް ސްޓޭޓް ބްލިންކެން ވެސް ވަނީ ސީރިޔާއާ ގުޅުން އާލާކުރުމަށް ބައެއް ގައުމުތަކުން މަަސައްކަތްކުރަމުން ދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޔޫއޭއީގެ ޚާރިޖީ ވަޒީދު ދިމިޝްޤަށް ޒިޔާރަތްކުރައްވާފައިވާއިރު ބައެއް އަރަބި ގައުމުތަކުގެ އެއާލައިންތަކުން ދިމިޝްޤަށް ވައިގެ ދަތުރުތައް ފަށަން އުޅޭކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެެވެ. ދަތުރުތައް ފަށަށް އުޅޭކަމަށް އަޑުއަރާފައިވާ އެއާލަންތަކުގެ ތެރޭގައި ޖޯޑަން (އުރްދުން) ގައި ގައުމީ އެއާލައިން ރޮޔަލް ޖޯޑޭނިއަން، އޮމާންގެ ގައުމީ އެއާލައިން އޮމާން އެއާ، ޔޫއޭއީގެ ގައުމީ އެއާލައިން އިއްތިހާދު އެއާވޭޒް އަދި ބަހްރޭންގެ ގައުމީ އެއާލައިން ގަލްފް އެއާ ހިމެނެއެވެ. މީގެ ތެރޭން ބައެެއް އެއާލައިންތަކުގެ ވަފުދުތައް ދިމިޝްޤަށް ގޮސް ބައްޝާރުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކޮށްފައި ވެއެވެ.

ޤަޠަރުގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި ބައްޝާރުގެ ސަރުކާރުން ސީރިޔާއަށް ދިން ގެއްލުން ރަނގަޅުކޮށް ކަންކަން އިސްލާހުކުރުމަށް ހަގީގީ މަސައްކަތެއް ކުރާކަން ފެނިފައި ނުވާއިރު، އެ ސަރުކާރާމެދު ޤަޠަރުން ގެންގުޅޭ ސިޔާސަތަށް ބަދަލެއް ނާންނާނެއެވެ.

"ހަގީގީ މާނައިގައި ފިޔަވަޅުތަކެއް އަޅާތަން ނުފެންނަންޏާ، އަހަރުމެން ގަބޫލުކުރަނީ ސިޔާސަތު ބަދަލުކުރުމަކީ ތަންފީޒުކުރެވޭނޭ ޚިޔާރެއް ނޫންކަމުގައި." ޝައިޚް މުޙައްމަދު އާލްޘާނީ ވިދާޅުވިއެވެ.

2011 ވަނަ އަހަރު ސީރިޔާގައި ދާޚިލީ ހަނގުރާމަ ފެށުމާއެކު އަރަބް ލީގުން ސީރިޔާ އެކަހެރިކޮށް އެ ގައުމުތަކުން ބައްޝާރު ސަރުކާރާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލިއެވެ. މިއަދު، 10 އަހަރަށް ފަހު، އަދި ސީރިޔާގެ ބައި މިލިއަނެއްހާ ރައްޔިތުން ހަނގުރާމައިގެ ތެރޭގައި މަރުވެ ދިއުމަށްފަހު، ސީރިޔާގެ ބޮޑު ބައެއް ބައްޝާރުގެ ސަރުކާރުގެ ކޮންޓުރޯލުގެ ދަށަށް ގެނެސްފައިވާތީ، ބައެއް އަރަބި ގައުމުތަކުން ގަބޫލުކުރަނީ ބައްޝާރު ހަނގުރާމަ ކާމިޔާބުކޮށްފި ކަމުގައެވެ. އެހެންކަމުން، ގުޅުން އާލާކުރަން ޖެހޭ ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.