45 މިލިއަން މީހުން ބަނޑަށްޖެހުމުގެ ތުންފަތްމަތީގައި: އދ.

ދުނިޔޭގެ 43 ގައުމެއްގައި ދިރިއުޅޭ 45 މީހުން ތިބީ ބަނޑަށްޖެހުމުގެ ތުންފަތްމަތީގައި ކަމަށް އދ. ކާބޯތަކެއްޗާ ބެހޭ ޖަމްއިއްޔާ، ވާލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ) އިން ބުނެފިއެވެ.

އެ ޖަމްއިއްޔާއިން މިއަދު ބުނި ގޮތުގައި މިއަހަރު ފެށުނުއިރު މިއަދަދު 42 މިލިއަނުގައި ހުރިކަމަށް ދެއްކި ނަމަވެސް، އަލުން ހެދި ދިރާސާއިން އެނގުނު ގޮތުގައި އަފްޣާނިސްތާނުގައި އެ ހާލަތުގައި ތިބި 3 މިލިއަން މީހުން އެބަތިއްބެވެ.

"އެތައް މިލިއަން ބަޔަކު މިތިބީ އަނޑި ނޭނގޭ ފުންމިން ނޭނގެޭ އަޑިގަނޑެއްގެ ކުރިމަތީގައި. ހަމަނުހެޖުންތަކާއި، މޫސުމަށް އަންނަ ބަދަލާއި، ކޮވިޑް-19 ގެ ސަބަބުން ބަނޑަށް ޖެހޭ މީހުންގެ އަދަދު މައްޗަށް ދާތަން އަހަރުމެންނަށް މި ފެންނަނީ." ޑަބްލިޔުއެފްޕީގެ އެގްޒެކަޓިވް ޑިރެކްޓަރ ޑޭވިޑް ބީޒްލީ ވިދާޅުވިއެވެ.

"އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ބަނޑަށްޖެހުމުގެ ތުންފަންމަތީގައި 45 މިލިއަން މީހުން އެބަތިބި." އަފްޣާނިސްތާނަށް ޑަބްލިޔުއެފްޕީގެ ވަފުދެއް ކުރި ދަތުރަށް ފަހު ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވިއެވެ. އެ ގައުމުގެ 23 މިލިއަން މީހުންނަށް ޑަބްލިޔުއެފްޕީން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

"ތެލުގެ އަގު ދަނީ މައްޗަށް. ކާބޯތަކެތީގެ އަގު އަތްނުފޯރާ ފަށަށް އަރައިފި. ގަސްކާނާގެ އަގު ކުރިއަށްވުރެ ބޮޑު. މި ހުރިހާ ކަމެއްގެ ސަބަބުން އާ މައްސަލަތައް ދަނީ އުފެދެމުން. އަފްޣާނިސްތާން މިހާރު އެ ފެންނަނީ މި މައްސަލަތައް." އޭނާ ވިދާޅުވިއެވެ.

ޑަބްލިޔުއެފްޕީން ބުނި ގޮތުގައި ބަނޑުހައިހޫނުކަމުން ދުނިޔެ ސަލާމަތްކުރުމަށް ކުރަން ޖެހޭ ހޭދަ މިއަހަރު ފެށުނުއިރު 6.6 ބިލިއަން އެމެރިކާ ޑޮލަރުކަަމަށް ލަފާކުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ 7 ބިލިއަން ޑޮލަރަށް އަރާފައެވެ. އެހެންނަމަވެސް، އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މިފަދަ ކަންކަމަށް ފައިސާ ހޭދަކުރަން ހުރި މަގުތައް ދަނީ ހަނިވަމުންނެވެ.

އެ ޖަމްއިއްޔާއިން ގައުމުތަކުގެ ރައްޔިތުން ބަނޑުހައިހޫނުކަމުގެ ނުރައްކަލަށް ހުށަހެޅިފައިވާ މިންވަރު ދެނެގަތުމަށް ހެދި ދިރާސާއިން ހާމަވި ގޮތުގައި 43 ގައުމެއްގެ ގިނަ އާއިލާތަކަށް ވަނީ ފުދޭ މިންވަރަަށްވުރެ މަދުން ކެއުމަށް މަޖުބޫރުވެފައެވެ. ނުވަތަ އެއް ވަގުތު ނުކައި ތިބުމަށެވެ. ބައެއް އާއިލާތަކަށް ލިބޭ މަދު އެތިކޮޅު ކުޑަކުދިނަށް ދީފައި ބޮޑެތި މީހުން ތިބެނީ ނުކައެވެ.

މިހާރުވެސް އެތައް ބަޔަކު ބަނޑަށް ޖެހިފައިވާ މަޑަގަސްކަރައިގައި އެތައް ބަޔަކު ދަނީ ގޮއްފުޅަނގި، ގަސްގަހުގެ ފަތް އަދި ކެކްޓަސް ފަދަ ތަކަތި ކެއުމަށް ބޭނުންކުރަމުންނެވެ.

އަފްޣާނިސްތާނާއި. ޔަމަނާއި، ސީރިޔާ (ސޫރިޔާ) ގައި ހަނގުރާމައިގެ ސަބަބުން އެތައް މިލިއަން ބަޔަކު ބަނޑަށްޖެހިފައި ވާއިރު، އިތިއޯޕިޔާ، ހައިޓީ، ސޯމާލިޔާ، އެންގޯލާ، ކެންޔާ އަދި ބުރުންޑީގައިވެސް ގިނަ ބަޔަކު ދުވަސް ހޭދަކުރަނީ ބަނޑުހައިހޫނުކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.