ސިއެރާ ލިއޯންގައި ތެޔޮ ޓޭންކަރެއް ގޮވައި މަދުވެގެން 99 މީހުން މަރުވެއްޖެ

ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ސިއެރާ ލިއޯންގައި ހިނގި އެކްސިޑެންޓެއްގައި ތެޔޮ ޓޭންކަރުގައި ރޯވެ ގޮވުމުގެ ސަބަބުން މަދުވެގެން 99 މީހުން މަރުވެއްޖެއެެވެ. ވެރިރަށް ފްރީޓައުންގެ އިރުން އޮންނަ ވެލިންގްޓަން އަވަށުގެ ޗިއޮތުރާމް ސުޕަމާކެޓާއި ދިމާއަށް މި އެކްސިޑެންޓު ހިނގާފައި ވަނީ ހުކުރު ދުވަހުގެރޭ 10 (ރާއްޖޭ ގަޑިން ހުކުރު ދުވަހުގެރޭ ދަންވަރު 3) ޖެހިއިރުއެވެ.

ލޮޮރީގައި ތެޔޮ ޓޭންކަރު ޖެހުމާއެކު، އެއީ ތެޔޮ ފައިބަން ފެށިއެވެ. އަދި ފޭބި ތެލުގައި ރޯވެ ފެތުރިގެން ދިޔަ އަލިފާންގަނޑުގައި، ކާރޫބާރޫ ބޮޑު ހަތަރު އަނގޮޅިން ދަތުރުކުރި އުޅަނދުތަކާއި، ޓޭންކަރު ކައިރިއަށް ޖަމާވި މީހުން އަލިފާންގަނޑުގައި އަނދައިގެން ދިޔައެވެ. މީސް މީޑިޔާގައި އާއްމުވެފައިވާ މަންޒަރުތަކުން ޓޭންކަރުގެ ވަށައިގެން އަދާފައިވާ މީހުންގެ ހަށިތައް ފެންނަން ހުއްޓެވެ.

ޑެޕިއުޓީ ހެލްތު މިނިސްޓަރު އަމަރާ ޖަންބާއީ ވިދާޅުވި ގޮތުގައި މިއަދުގެ ހަވީރާއި ހަމައަށް މަރުވި މީހުންގެ އަދަދު 99 އަށް އަރާފައި ވާއިރު، އަނިޔާވި 100 އަށްވުރެ ގިނަ މީހުންނަށް ދަނީ ފްރީޓައުންގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގައި ފަރުވާދެމުންނެވެ.

ފްރީޓައުންގެ މޭޔަރު ޔޯން އަކީ-ސޯޔާ އޭނާގެ ފޭސްބުކް ސަފުހާގައި ލިޔުއްވާފައި ވާގޮތުގައި މަރުވި މީހުންގެ ތެރޭގައި ތެޔޮ ޓޭންކަރުން ފައިބަން ފެށި ތެޔޮ ނަގަން ޖަމާވި މީހުންވެސް ހިމެނެއެވެ. އަދި ޚަބަރު ލިބޭ ގޮތުތައި އަނދައިގެން މަަރުވި މީހުންގެ ތެރޭގައި އެ ހިސާބުން ދަތުރުކުރި ބަހެއްގައި ތިބި މީހުން ހިމެނޭއިރު، ކައިރީގައި ހުރި ބައެއް ފިހާރަކުގައިވެސް ވަނީ ރޯވެފައެވެ.

މޭޔަރު އިތުރަށް ވިދާޅުވި ގޮތުގައި އެކްސިޑެންޓުގައި ލިބުނު މާއްދީ ގެއްލުމުގެ ތަފްސީލު އަދި ނޭނގެއެވެ. އަދި ޑެޕިއުޓީ މޭޔަރާއި، ފުލުހުން ދަނީ ޑިޒާސްޓާ މެނޭޖްމަންޓްގެ އޮޮފިޝަލުންނަށް އެހީތެރިވަމުންެނެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުގައި، އެކްސިޑެންޓު ހިނގި ސަރަހައްދުން މީހުން ދުރުކުރަން މިއަދު ހެނދުނު ފުލުހުންނާއި ސިފައިން މަސައްކަތްކުރަމުން ދިޔައިރުވެސް ގޮވާފައިވާ ޓޭންކަރުން ކޮންމެވެސް ވަރަކަށް ތެޔޮ ބޭރުވަމުން ދިޔައެވެ.

ސިއެރާ ލިއޯންގެ ރައީސު ޖޫލިއަސް މާޑާ ވިދާޅުވީ "އަލިފާނުގެ ހިތާމަވެރި ހާދިސާއާއި، ބިރުވެރި ގޮތަކަށް ފުރަނަތަކެއް ގެއްލިދިއުމުގެ ސަބަބުން ފުން ހިތާމައެއް" ލިބިވަޑައިގެންފައިވާ ކަމުގައެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ހާދިސާގެ ޝިކާރައަކަށްވި މީހުން އާއިލާތަކަށް އެހީވުމަށް ކުރެވުން އޮތް ހުރިހާ ކަމެއް ސަރުކާރުން ކުރާނެއެވެ.

އެފްރިކާގައި ތެޔޮ ޓެންކަރުގެ ހާދިސާތައް ދޭތެރެ ދޭތެރޭން ހިނގައި ގިނަ ބަޔަކު މަރުވެފައި ވެއެވެ. 2019 ވަނަ އަަަހަރު ޓެންޒޭނިޔާގައި ތެޔޮ ޓޭންކަރެއް ގޮވައި 85 މީހުން މަރުވެފައި ވާއިރު، 2018 ވަނަ އަހަރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހިނގި އެފަދަ ހާދިސާއެއްގައި 50 މީހުން މަރުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.