ކޮވިޑް-19 އާއި ދެކޮޅަށް ބޭނުންކުރުމަށް އިންޑިޔާގެ ބާރަތު ބަޔޯޓެކް އިންޓަނޭޝަނަލް ލިމިޓެޑުން އުފެއްދި 'ކޮވެކްސިން' ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން އިއްޔެ ބުނެފިއެެވެ. ޑަބްލިޔުއެޗްއޯއިން މިހާރު ވަނީ އެ ޖަމްއިއްޔާގެ އެމަޖެންސީ ޔޫޒް ލިސްޓިންގ (އީޔޫއެލް) ގައި އެ ވެކްސިން ހިމަނާފައެވެ. މި ލިސްޓުގައި ހިމެނުމާއެކު ދުނިޔޭގެ ގައުމުތަކުން އެ ވެކްސިން ބަލައިގަތުމަށް މަގުފަހިވެގެން ދާނެއެވެ.
އިއްޔެ ޑަބްލިޔުއެޗްއޯއިން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި އެ ޖަމްއިއްޔާގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ނިންމާފައި ވަނީ 'ކޮވެކްސިން'ގެ ނަމުގައި ހަދާފައިވާ ވެކްސިނުން ލިބޭ ފައިދާ އެއިން ލިބޭ ގެެއްލުމަށްވުރެ މާ ބޮޑުވެފައި، ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންކުރާ ވެކްސިންގައި ހުންނަންެޖެހޭ ކަމަށް ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެެތޭކަމުގައެވެ.
ޑަބްލިޔުއެޗްއޯގެ ސްޓްރެޓީޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާޓްސް އޮން އިމިއުނައިޒޭޝަންއިން ލަފާދީފައި ވަނީ ކޮވެކްސިންގެ ދެ ޑޯޒް ޖެހުމަށާއި، ދެ ޑޯޒްގެ ދެމެދަށް މަދުވެގެން 4 ހަފުތާ ދޫކުުރުމަށެވެ. އަަދި 18 އަހަރުން މަތީގެ މީހުންނަށް އެ ވެކްސިން ބޭނުންކުރުމަށެވެ. ވެކްސިން އުފެއްދި ކުންފުނިންވެސް އިރުޝާދުދީފައި ވަނީ މިގޮތަށެވެ.
އެ ޖަމްއިއްޔާއިން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ވެކްސިންޖަހާތާ 14 ނުވަތަ އެއަށްވުރެ ގިނަ ދުވަސް ފަހުން ކޮވެކްސިންއިން އަސަރުކުރާ މިންވަރު %78 އަށް އަރައެވެ. އަދި އެ ވެކްސިން ރައްކާކުރަން ޖެހޭ ގޮތް ޚަރަދުކުޑަވެފައި ފަސޭހަވުމުން އެ ވެކްސިނަކީ ފަގީރު ގައުމުތަކުގައި ބޭނުންކުރަން ވަރަށް އެކަށޭނަ ވެކްސިނެކެވެ.
އިންޑިޔާގައި އެގައުމުގެ ސީމަރް އިންސްޓިޓިއުޓުން އުފައްދައި ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ބޭނުންކުރަމުންދާ 'ކޮވިޝީލްޑް' ވެކްސިންއަކީ އިންޑިޔާގެ އަމިއްލަ އުފެއްދުމެއް ނޫނެވެ. އެއީ، އިނގިރޭސިވިލާތުގެ އާސްޓްރާޒެނެކާއާއި ގުޅިގެން އިންޑިޔާގައި އުފައްދާ ވެކްސިނަށް ދީފައިވާ ނަމެކެވެ.