
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީއަށް ކުރެއްވި 4 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގު ނިންމަވާލައްވައި މިރޭ މާލެ ވަޑައިގަންނަވާފައި ވާއިރު މިދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ ފުވައްމުލަކު ސިޓީއަށެވެ. އެއަށްފަހު ދެން އެމަނިކުފާނު ވަޑައިގެންނެވީ އައްޑޫ ސިޓީއަށެވެ.
އެމަނިކުފާނުގެ މިދަތުރުފުޅުގައި ދެ ސިޓީގެ ވެސް ސިޓީކައުންސިލާ ބައްދަލުކުރައްވައި ކައުންސިލަރުން ފާހަގަކުރެއްވިކަންކަމާ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އެމަނިކުފާނުގެ މިދަތުރުފުޅުގައި މި ދެ ސިޓީގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރެއްވުމާއި މި ދެ ސިޓީގައި ކުރިޔަށްދާ ސަރުކާރުގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުމާއި ދެ ސިޓީގެ ކަމާގުޅުންހުރި އެކިއެކި ފަރާތްތަކާއެކު ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި މުހިންމު އެކިއެކި އިވެންޓްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާފައިވެއެވެ. އެގޮތުން ފުވައްމުލަކު ސިޓީގައި، މަސްޖިދުލް ހުދާގެ ބިނާކުރުމުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވުމާއި އައްޑޫސިޓީގެ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) ގައި ސަރވިސް އެކްސެލަންސް ޕްރޮގްރާމް ފަށްޓަވައިދެއްވުން ފާހަގަކޮށްލެއެވެ. ހަމައެހެންމެ އެމަނިކުފާނު ވަނީ މި ދެ ސިޓީގައި ވެސް ރަސްމީގޮތުން ޙިފްޡު ކޮމެޓީ އިފްތިތާހު ކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މި ދެ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގެންނެވިއެވެ.