ރާއްޖޭގެ ދަނޑުވެރިކަމުގެ މުސްތަޤްބަލް: ކޮންޓްރެކްޓް ފާރމިންގ

ރާއްޖޭގައި ޒަމާނުއްސުރެ، ދަނޑުވެރިކަން ކުރަމުންއަންނަނީ ބިންބޭނުންކޮށްގެން ދަނޑުބިމުގައެވެ. ރަށްރަށުގެ އާބާދީ އިތުރުވަމުންގޮސް، ބައެއް ރަށްރަށުން ދަނޑުބިން ދޫކުރާނެބިމެއް ނެތެވެ. އަމްދުން ކުދި  ރަށްރަށުގައެވެ. ދަނޑުބިން ދޫކުރާނެ ބިން އޮންނަ ރަށްރަށުގައިވެސް، ބިމުގައި ދަނޑުހެއްދުން ވެފައި އޮންނަނީ ވަރަށްބޮޑު ތަކުލީފަކަށެވެ. ބިންގަނޑުގައި ކާނާއެއް ނުހުރެއެވެ. ފެންފަށަލަ އޮންނަނީ ލޮނުވެފައެވެ. އޮށް އިންދާނީވެސް، އޮށް އިންދާ ވަޅަށް  ކާނާއާ ބޭސް އަލާފައެވެ. ގަސް ހެދެންފެށީމާ އިތުރަށް ކާނާއާއި ބޭސް އަޅަން ޖެހެއެވެ. މާހަރުކުރަން ބޭހާއި ކާނާ އަޅަން ޖެހެއެވެ. މޭވާ އެޅީމަ އެމޭވާއެއް ހަރުކުރުމަށް އިތުރު ކާނާއާއި ބޭސް އަޅަން ޖެހެއެވެ. ބައްޔެއް ޖެހިއްޖެނަމަ އެއްދުވަހު އަޅާ ކެމިކަލުން އެބައްޔެއް ރަނގަޅު ނުވެއްޖެނަމަ އިތުރު އެހެން ކެމިކަލެއް ބޭނުން ކުރާނެއެވެ. ބޭސްޖަހާފަ، އަނެއްދުވަހުގޮސް ބަލައިލާއިރު، ރަނގަޅުނުވެހުރިއްޔާ، ކުރީދުވަހު ފެންލިޓަރަކަށް ދެސަމުސާ ބޭސްއެޅިއްޔާ، އެ ދުވަހު ހަތަރު ސަމުސާ ބޭސް އަޅައިގެން  ބޭސްޖަހާނެއެވެ. މިއީ ގިނަ ދަނޑުވެރިންގެ ޙާލަތެވެ. ޚާއްޞަކޮށް، ދަނޑުހައްދާ ބިދޭސީންގެ ޢަމަލުތައް ހުންނަ ގޮތެވެ.

ކާނާއާއި ބޭސް ބޭނުންކުރެވޭގޮތުން، އުފައްދާތަކެތި ކެއުމަށް އެކަށީގެންނެއްނުވެ ހިނގައިދާނެ

ދަނޑުހައްދާހިތްވާ އަދި އެކަމަށް ބޭނުންވާ މީހުންނަށް ދަނޑުހައްދާނެ ބިމެއް ނުލިބެއެވެ. ކުރީއްސުރެ ދަނޑު ހައްދަމުން އަންނަ މީހުން، ވަކިހަމައެއްނެތި، އެމީހަކަށް ކޮށުނުވަރަކަށް ވާކޮށައިގެން ދަނޑު ހައްދަމުން އެބަގެންދެއެވެ. ރަށުކައުންސިލްގައި އެބިން  ރަޖިސްޓަރީ ކުރެވިފައި ނެތަސް އެންމެ ރަނގަޅެވެ. އަދި ރަށުކައުންސިލުން ހުއްދަ ނުދިނަސް ވަކިބަޔަކަށް އެންމެ ރަނގަޅެވެ.

ދަނޑު ހައްދަން ބޭނުންވާ ދަނޑުވެރިންގެ މެދުގައި ހަމަހަމަ އުޞޫލަކުން އެއްވަރަކަށް ދަނޑުބިން ދޫކުރުމުގައި ރަށު ކައުންސިލަށް ހުރަސްތަކެއް ކުރިމަތިވެއެވެ. ކައުންސިލްގެ ހުއްދަނެތި ނަމަވެސް، ކުރިން ދެންނެވިގޮތަށް އަމިއްލަ އަމިއްލަޔަށް ޒަމާނުއްސުރެ ވާކޮށައިގެން ދަނޑުހައްދާމީހުންގެ ދަނޑާ ކުޅެލުމަކީ، ކައުންސިލަށް އެހައި ފަސޭހަ ކަމެއްނޫނެވެ. މިހާރު އެވަނީ، ކކޮންމެ ރަށެއްގައިވެސް ލޭންޑް ޔޫޒް ޕްލޭނެއް ހަދަން ޤާނޫނީގޮތުން މަޖުބޫރުވެފައެވެ. ގިނަރަށްރަށުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވެ ދިޔައިރުވެސް އެކަމެއް ނުކުރެވުނެވެ. މިހާރުވަނީ، ލޭންޑް ޔޫޒް ޕްލޭން ހެދުމަށް ޤާނޫނުގައި ދީފައިވާ މުއްދަތު،  މިއަންނަ ނޮވެމްބަރމަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ 97 އިންސައްތަޔަކީ، ކަނޑެވެ. ބިން އޮންނަނީ އެންމެ 3 އިންސައްތައެވެ. މި 3 އިންސައްތައިގެ ތެރެއިން، މީހުންދިރިއުޅެން އަދި ދިރިއުޅުމާގުޅިފައިވާ އެހެންކަންކަމަށް ބިންނަގާފައި، އަދި އިޤްތިޞާދީ ޙަރަކާތްތައް ހިންގާ ރަށްރަށުގެ ބިން، އޭގެތެރެޔަށްލީމާ، ދަނޑުވެރިކަން ކުރުމަށްޓަކައި ބިމުގެ ސަރަޙައްދުން އެންމެ އިންސައްތައެއްވެސް ނޯންނާނެއެވެ. މިހެން ދެންނެވިޔަސް އާބާދީ ކުޑަ ބިންބޮޑެތި ބައެއް ރަށްރަށުގައި ދަނޑުގޮވާންކުރާނެބިން އެބައޮތެވެ. މިސާލަކަށް ދަންނަވާނަމަ، ހައްދުންމަތީގެ ބައެއް ރަށްރަށުގައި ދަނޑުގޮވާންކުރާނެ ބިން އެބައޮތެވެ. ޚާއްޞަކޮށް ގަމާއި ފޮނަދޫގައެވެ. އެހެންނަމަވެސް، އެސަރަޙައްދުގައިވެސް ދަނޑުވެރިކަންކުރުމުގައި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ދަނޑުވެރިކަންކުރަން ބޭނުންވާ އެންމެންނަކަށް ބިމެއް ނުލިބެއެވެ. ރަށު ކައުންސިލުން ދަނޑުބިން ދޫކުރަނީ ދިވެހިންނަށެވެ. ދިވެހިން، އެބިން ކުއްޔަށްދެނީ ބަންގްލަދޭޝް މީހުންނަށެވެ. އެފަދަ ދަނޑުތަކުގައި ހައްދާ ހުރިހާ އެއްޗެއް ހައްދާ ވިއްކުމުގެ ހުރިހާ ކޮންޓްރޯލެއް ގެންގުޅެނީ ބަންގަލަދޭޝް މީހުންނެވެ. ދަނޑުހެއްދުމަށްޓަކައި ގަހަށް ނުކުޅަދާނަވާވަރަށް ބޭހާއި ކެމިކަލް އަޅައެވެ. އެބައިމީހުން ހަދާ ނުހަދާއެއް، ހައްދާވަރެއް އަދި ލިބޭ އެއްޗެއް ކައުންސިލަށް ނުބެލެހެއްޓޭއިރު، ޚުދު ދިވެހި ދަނޑުވެރިޔާއަކަށްވެސް ނޭނގެއެވެ. މިފަދަ މަޢުލޫމާތަކީ، ރަށްފުށުގެ އިޤްތިޞާދު ރާވައި ބަށްޓަންކުރުމުގައި، އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި، އެއްކޮށް ރިކޯޑްކޮށްފައި ބަހައްޓަން ޖެހޭ އެއްޗެކެވެ.

އިހުޒަމާނުގައި ދަނޑުވެރިކަން ކޮށްއުޅުނުގޮތަށް، އެކަން ނުކުރެވޭކަމަށް ގިނަބަޔަކު އެއްބަސްވެއެވެ. އަދި މިހާރު ދަނޑުވެރިކަން ކުރެވެން އޮތީ ކެމިކަލް ބޭސް ޖަހައިގެން ގެރިގުއިފަދަ ބޭރުން ގެންނަ ގަސްކާނާ އަޅައިގެންކަންވެސް ޤަބޫލުކުރެއެވެ. އެހެންނަމަވެސް، އަދިވެސް ދަނޑުވެރިން ރަނގަޅުކަމަށް ޤަބޫލުނުކުރާ ކަންތައްތަކެއް އެބަހުއްޓެވެ. ދެގަސްދޭތެރޭ ބަހައްޓަންޖެހޭ ދުރުމިން ބަހައްޓަން އެއްބަސްނުވާ ބަޔަކު އެބައުޅެއެވެ. ބޭހާއި ކާނާ އެއީ ކޮން އެއްޗެއްކަން ދަނެގެން، އިންސާނުން ގަޑިންގަޑިޔަށް ބޭސްކާގޮތަށް، ގަހަށްވެސް ކާނާއާއި ބޭސް ދޭންޖެހޭނީ ވަކިގޮތަކަށްކަން ޤަބޫލުކުރަން އުނދަގޫ ބަޔަކުވެސް އެބައުޅެއެވެ. އެއްދުވަހު އެއްސަމުސާ އަޅާފައި އަނެއްދުވަހު ގޮސްބަލައިލާއިރު ރަނގަޅުނުވެ ހުރިއްޔާ، ރަނގަޅުވާން ވަގުތުނުދީ، ހަމައެދުވަހު ތިންހަތަރު ސަމުސާބޭސް އަޅައިގެން ގަހަށް ބޭސްޖަހާމީހުންވެސް އެބައުޅެއެވެ. އަދި ރައްޓެއްސަކު ބުނީތީ ވަކި ބޭހެއް ހޯދައިގެން އެބޭސްދިންދިނީނުން ގަސްމަރުވާގޮތްވެސް އެބަދިމާވެއެވެ. މިހުރިހާކަމެއްވެސް މިހާރު ހިނގަމުން އެބަދެއެވެ. ރަށްރަށުގައި ބަންގަލަދޭޝްމީހުން ހައްދާތަކެތި މާލެފޮނުވައި ގޮޅިގޮޅިއަށް ވިއްކައި ހެދުމުގައި ޤާއިމްކޮށްފައި އޮންނަ ނެޓްވޯކެއް، ބަރާބަރަށް ހިނގައެވެ. ދަނޑުގައި ހައްދާތަކެތި ފިޔަވައި ކާއްޓާއި ބަނބުކެޔު، ފަތްކޭލާއި ކަށީކެޔޮފަދަ ތަކެތިވެސް މިބީދައިން އެބަގެނެއެވެ.

ގަހަށް ބޭނުންވާ ކާނާއާއި ބޭހާއި ފެނަކީ، ވަކިވަރަކަށް ދޭންޖެހޭ އެއްޗެކެވެ. އެއީ، ދަންނަމީހުންކުރެން އަހައިގެން ދަސްކޮށްގެން ކުރަންޖެހޭ ކަމެކެވެ. އެކަންއެގޮތަށް ނުކުރެވޭނަމަ، ގަސް ހައްދަން ޖެހޭނީ ގަދަކަމުންނެވެ. ވަކިގޮތެއް ނުބަލައި ކާނާއާއި ބޭސް އަޅައިގެން، އިންސާނުން ކާން ކަމުނުދާވަރުވެސް ވެދާނެއެވެ.

ރަށްރަށުގައި ހައްދާ ތަކެތީގެ ހިސާބަކީ، ރަށުފެންވަރުގައި ރަށްރަށުގެ އިޤްތިޞާދު ރާވައި ބަށްޓަންކުރުމަށް ވަރަށް މުހިންމު މަޢުލޫމާތެއް

ދަނޑުވެރިކަމަކީ ގުޤްރަތީ ނިޒާމެކެވެ. ބިމުގައި ކާނާ ހުރެއެވެ. މުލުގެ ޒަރީޢާއިން ގަސް ހިފަހައްޓާނެ ބާރު ފަސްގަނޑުގައި ހުރެއެވެ. ގަހަށް ބޭނުންވާ ފެން ވާރޭގެ ގޮތުގައި  ލިބެއެވެ. އިހުޒަމާނުގައި ރާއްޖޭގައި ދަނޑުވެރިކަންކުރީ ޤުދްރަތީ މިނިޒާމާ ޙަވާލުކޮށްގެންނެވެ. ބިމަކަށް އިތުރު ބޭހާއި ކެމިކަލެއް އަދިކާނާއެއް ނާޅާނެއެވެ. ފެނެއް ނުޖަހާނެއެވެ. ގަހަށް ބޭނުންވާ ކާނާއާއި ފެނާ ހުރިހާ އެއްޗެއް ލިބިގެން ގަސްހެދި، ގޮވާން އަޅަނީ ޤުދްރަތީ ނިޒާމުގެ ތެރެއިންނެވެ. އެހެންނަމަވެސް، މިހާރު މިކުޅެވެނީ ޤުދްރަތީ އެ ނިޒާމާއެވެ. ގަސްހައްދާނީ ކެމިކަލްބޭހާއި ކާނާއާއި ފެން އަޅައިގެން ގަދަކަމުންނެވެ. އިހުޒަމާނުގައިވެސް ބަރަބޯވެސް އަދި ކަރާވެސް ހެއްދިއެވެ. ޒުވާރިއާއި ބިންބިއާ ދޮނަޅަ،  ކުދިފިޔާ،  ބަށި އަދި މިރުސްވެސް ހެއްދިއެވެ. ޤުދްރަތީ ނިޒާމުގެ ތެރެއިންނެވެ. ގަދަކަމުންނެއްނޫނެވެ. އެހެންނަމަވެސް، މިހާރު، އެޙަލަތުމިވަނީ ބަދަލުވެފައެވެ. ބައެއްމީހުންނަށް ބިދޭސީއަކާނުލާ ދަނޑުހެއްދޭކަމަކަށް ނުވެއެވެ. ބިދޭސީން ދަނޑުގައި ހައްދާނެ އެއްޗެއް ހައްދާފައި، ވިއްކާނެގޮތަކަށް، ވިއްކާނެ އަގަކަށް ވިއްކާފައި، ކޮންމެ މަހަކުވެސް ކުޑަލާރިކޮޅެއް ލިބެނިކޮށް، ދަނޑުގެ ވެރިފަރާތަށް، ދިވެހިންނަށް އެންމެ ރަނގަޅުކަހަލައެވެ. މިކަންކަމާގުޅިގެން ރަށަށް އަދި ރަށުގެ އިޤްތިޞާދަށް ލިބިދާނެ ގެއްލުމެއްގެ މައްޗަށް ޚިޔާލުކޮށްލައި އެކަމާ ވިސްނާލާކަށް ބޭނުމެއް ނުވެއެވެ.

އިހުޒަމާނުގައި ރާއްޖޭގައި ގިނަ ޢަދަދަކަށް ބިންބި ހައްދައި އުޅުނެވެ.

ރުކަކުން ކާއްޓެއް އަޅާލަދޭނެ، ގަހަކުން ބަނބުކޭލެއް ކަނޑާލަދޭނެ ދިވެއްސަކު ނުވެއެވެ. މިހިސާބަށް ކަންދިއުމުން، ބިދޭސީންގެ ވާހަކަ ދައްކަން އެހާ ފަސޭހައެއްނޫނެވެ. ގަހުގައި އަޅާ ކެޔޮގަނޑުގެ ބޯށި ދިއްކޮށްލާ ހިސާބުން ބިދޭސީން އައިސް އެކެޔޮގަނޑު އެބަ ބުކްކޮށްލައެވެ. ބަނބުކެޔޮ ގަހުގައި ތޮޅިއަޅާހިސާބުން، ބިދޭސީން އައިސް ގަހުގައި އަޅާނެ ބަނބުކެޔޮ ބުކް ކުރެއެވެ. އަދި އެތަކެތި ހެޔޮއަގުގައި ގަނެ، ބޮޑުއަގުގައި ވިއްކާ އެދުވަހުން އެދުވަހަށް އެފައިސާ ރާއްޖެއިންބޭރަށް ފޮނުވާކަން ނޭނގޭމީހަކު ނޫޅެއެވެ. އަމިއްލަ އަތުން އަމިއްލަ އިޤްތިޞާދު ހަލާކުކުރަން ފަސްނުޖެހޭ ބަޔެއްގެ ތެރެޔަށް ބިދޭސީން އައިސްވަނީމަ ވާނެ ހުރިހާކަމެއް މިރާއްޖޭގައި މިހާރު ވަމުން، ހިނގަމުން އެބަދެއެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ މުސްތަޤްބަލަށް ވިސްނައިގެން އިޞްލާޙުކުރަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. މިޞިނާޢަތު ތަރައްޤީކޮށް ކޮޅަށްޖެހުމަށްޓަކައި އަދާކުރަންޖެހޭ ފަރުދީ ޒިންމާތަކެއްވެސް އެބަހުއްޓެވެ. އަދި ކައުންސިލްތަކުން އަދާކުރަންޖެހޭ، ޤާނޫނީ މަސްއޫލިއްޔަތުތަކެއްވެސް އެބަހުއްޓެވެ. ކެރިގެން ކުރިމަތިލައިގެން ހަމަޔަކަށް އަޅުވައި، ރަނގަޅުކުރަންޖެހޭ އެތައްކަމެއް އެބަހުއްޓެވެ. ދަނޑުވެރިކަންކުރުމަށް ބޭނުންވާ ދިވެހިންނަށް، ސަރުކާރުންނާއި މާލީ އަދި އިޤްތިޞާދީ ދާއިރާތަކުން ފަހިކޮށްދޭންޖެހޭ ފުރުޞަތުތަކެއްވެސް އެބަހުއްޓެވެ. ފަސޭހަގޮތަކަށް ދަނޑުވެރިޔާއާ ހަމަޔަށް ފޯރަންޖެހޭ އެހީތަކެއް އެބަހުއްޓެވެ.

ކޮންޓްރެކްޓް ފާރމިންގ

ކޮންޓްރެކްޓް ފާރމިންގއަކީ، ރާއްޖޭގައި ވިޔަފާރި އުޞޫލުން، ދަނޑުވެރިންނަށް ދާއިމީ ގޮތެއްގައި ދަނޑުވެރިކަން ކުރުންމަތީ ދެމިތިބެ، ޞިނާޢަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްޤީވެދާނެކަމުގެ އުއްމީދު އޮތް ކޮންސެޕްޓެކެވެ. ނުވަތަ ދަނޑުވެރިކަމުގެ ބާވަތެކެވެ. އެގްރޯނެޝަނަލް ކޯޕަރޭޝަން، އެގްރޯނެޓަކީ، ކޮންޓްރެކްޓް ފާރމިންގ ނުވަތަ މިބާވަތުގެ ދަނޑުވެރިކަން ރާއްޖޭގައި ތަރައްޤީކޮށް، ޞިނާޢަތެއްގެ ގޮތުގައި ދަނޑުވެރިކަން ޒަމާނީކޮށް، ތަރައްޤީކޮށް، ޒުވާން ޢިލްމީ ޤާބިލް އަދި މުރާލި، ހީވާގި ފުދުންތެރި ދަނޑުވެރިންތަކަކާއެކު މިޞިނާޢަތު  ކޮޅަށްޖެހުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް، ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. ކޮންޓްރެކްޓް ފާރމިންގއަކީ، ރާއްޖޭގައި އަލަށް ތަޢާރުފްކުރެވޭ ދަނޑުވެރިކަމުގެ ބާވަތެކެވެ. އެހެންކަމުން، ދުނިޔޭގެ އެހެން ޤައުމުތަކުގައި ކޮންޓްރެކްޓް ފާރމިންގގެ ދަނޑުވެރިކަން ތަރައްޤީވެ ކުރިއަރައިގޮސްވާ ގޮތުގެ ތާރީޚަށް ބަލައިލުމަކީ ވަރަށް މުހިންމު ކަމެކެވެ.  ދުނިޔޭގެ ތާރީޚަށް ބަލާއިރު، ކޮންޓްރެކްޓް ފާރމިންގއަކީ، އިހުޒަމާނުއްސުރެ ކުރެވެމުން އައި ދަނޑުވެރިކަމުގެ ބާވަތެކެވެ. އެއީ ދަނޑުވެރިންނާއި ދަނޑުވެރިންހައްދާތަކެތި ގަންނަ ފަރާތާދެމެދު، ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުން ކުރެވޭ ދަނޑުވެރިކަމެކެވެ. ވިޔަފާރި އުޞޫލުން އާމްދަނީއެއް ހޯދަން ދަނޑުވެރިކަންކުރަން ބޭނުންވާ މީހުންނޫނީ ކޮންޓްރެކްޓް ފާރމިންގގައި ބައިވެރިވުމުގެ ބޭނުމެއް ނޯވެއެވެ. އެއީ ރޯދަޔަށް ކަރާ ހައްދާގޮތަށް، މޫސުމީ ދަނޑުވެރިކަމެއް ކުރާ އުޞޫލުން ކުރެވޭ ކަމެއްނޫނެވެ. ކޮންޓްރެކްޓް ފާރމިންގ އަކީ، ދާއިމީގޮތެއްގައި ކުރެވެންޖެހޭ ދަނޑުވެރިކަމެކެވެ.

ލިޔެވިފައިވާ ތާރީޚަށް ބަލާއިރު، ކޮންޓްރެކްޓް ފާރމިންގ ގެ މޮޑެލްގެ ދަށުން، އެންމެ ފުރަތަމަ މިފަދަ ދަނޑުވެރިކަމެއް ފެށުނީ، ޖަޕާނުގެ އަޅުވެތިކަމުގެ ދަށުގައި ޓައިވާން އޮތް ދުވަސްވަރެއްކަމުގައި 18 ވަނަ ޤަރުނުގެ ތެރޭގައެވެ. އެއީ ހަކުރު އުފެއްދުމަށްބޭނުންކުރާ އުއްދަނޑި ހެއްދުމުގައި ތައިވާނުގެ ދަނޑުވެރިންނާއެކު ޖަޕާނުން ހެދި، ދަނޑުވެރިކަމުގެ އެއްބަސްވުމެއްގެ ސިފައިގައެވެ. އަދި އޭގެފަހުން، އެމެރިކާއިން މެދުތެރޭ އެމެރިކާގެ ޤައުމުތަކުގެ މެދުގައި ފަތްކެޔޮ އުފެއްދުމަށް  20 ވަނަ ޤަރުނުގެ ތެރޭގައި އެކުލަވައިލި އެއްބަސްވުމެއް ތާރީޚުން ފެންނަން އެބައޮތެވެ.

ދަނޑުވެރިކަމުގެ މިމޮޑެލްއަކީ ކާމިޔާބު މޮޑެލް އަކަށްވާތީ، އަދިއޭގެ ފައިދާ އެއްބަސްވުމުގައި ޙިއްޞާވާފަރާތްތަކަށް ބޮޑުކަމުން، ކޮންޓްރެކްޓް ފާރމިންގގެ ދަނޑުވެރިކަމުގެ މޮޑެލްއަށް ތަފާތުބަދަލުތައް އަންނަމުން ދިޔައެވެ. އަދި 1930 އާ 1940 އާދެމެދު ވޭތުވެގޮސްފައިވާ 10 އަހަރުގެ ތެރޭގައި، ކޮންޓްރެކްޓް ފާރމިންގގެ ޙަރަކާތްތައް އިތުރަށް ފުޅާވަމުން ގޮސްފައި ވެއެވެ. ޚާއްޞަކޮށް، އުތުރު އެމެރިކާގެ ސަރަޙައްދުގައި، ދަޅުގައި ތަރުކާރީގެ ބާވަތްތައް ބަންދުކުރަން ފެށިހިސާބު، ތާރީޚުގައި ލިޔެވިފައި އެބަހުއްޓެވެ. އަދި  ޔޫރަޕްގެ ހުޅަނގު ސަރަޙައްދުގައި ސީޑް ނުވަތަ އޮށް ނުވަތަ މުޑުވަކުގެ ވިޔަފާރި ފުޅާވަމުންދާން  ފެށިހިސާބުވެސް ކޮންޓްރެކްޓް ފާރމިންގގެ ތާރީޚުން ފެންނަން އެބައޮތެވެ. 1878 ގައި އުތުރު އެމެރިކާގެ ޤައުމުތަކާ ޖަޕާނާދެމެދު، ކާބޯތަކެތި ގަނެވިއްކުމާބެހޭ އެއްބަސްވުމެއް އެކުލަވައިލެވިފައި ވެއެވެ. މިއީ ރަސްމީ ސިފައެއްގައި ކޮންޓްރެކްޓް ފާރމިންގެ ތާރީޚު ދަތުރުކުރާ އެންމެ ދުރު ހިސާބެވެ. އޭގެފަހުން، ކޮންޓްރެކްޓް ފާރމިންގގެ އުޞޫލުތަކަށް އެކިކަހަލަ ބަދަލުތައް ގެނެވުނު ނަމަވެސް، މިހާތަނަށްވެސް ދަނޑުވެރިކަމުގައި އެމޮޑެލް ދެމިއެބައޮތެވެ. ޚާއްޞަކޮށް އެފްރިކާއާއި ދެކުނުއޭޝިއާ އަދި ލެޓިން އެމެރިކާގެ ޤައުމުތަކުގައި ކޮންޓްރެކްޓް ފާރމިންގގެ މޮޑެލް، ކާމިޔާބުކަމާއެކު ހިންގަމުން އެބަދެއެވެ.

ތިން ޤަރުނުވަންދެން، އެކިކަހަލަ ބަދަލުތަކާއެކު، ކޮންޓްރެކްޓް ފާރމިންގ ގެ މޮޑެލް ދުނިޔޭގައި ކާމިޔާބުކަމާއެކު ކުރިޔަށްގޮސްފައިވާ އިރު، އަވަށްޓެރި ޤައުމުތަކުގައި، ޚާއްޞަކޮށް އިންޑިއާގައި މިމޮޑެލްއަކީ ވަރަށް ކުރީއްސުރެ ފަށައި، ކާމިޔާބު ކަމާއެކު ހިނގަމުން އަންނަ ދަނޑުވެރިކަމުގެ މޮޑެލެކެވެ. މިމޮޑެލް ބޮޑަށް ޚާއްޞަވަނީ، ތަރައްޤީވަމުން އަންނަ ޤައުމުތަކަށެވެ. ވަކިން ޚާއްޞަކޮށް، ދަނޑުވެރިކަމުގައި މީހުން ދެމިތިބެވޭނެގޮތަކަށް، އަދި ދެމެހެއްޓެނިވި މަސައްކަތަކުން، މެދުނުކެނޑި އާމްދަނީލިބިލިބި ހުންނަ ޞިނާޢަތެއް އުފެއްދުމުގައި، އެފްރިކާއާއި އޭޝިއާ އަދި ލެޓިން އެމެރިކާގެ ޤައުމުތަކުގައި، ކޮންޓްރެކްޓް ފާރމިންގގެ މިމޮޑެލް ވަރަށް ކާމިޔާބުކަމާއެކު މަސައްކަތްކުރަމުން އެބަގެންދެއެވެ.

ދަނޑުވެރިކަމުގައި ކޮންޓްރެކްޓް ފާރމިންގ ގެ މޮޑެލް ބޭނުންކުރަންޖެހެނީ، ޒުވާން ދަނޑުވެރިން ދަނޑުވެރިންގެ ގޮތުގައި ދަނޑުގައި މަސައްކަތް ކުރަންތިބޭނެގޮތް ހޯދައި، ތަމްރީނުދީ އެހީތެރިވެދީ، ދަނޑުވެރިންގެ އަތްމަތި ތަނަވަސްކަން ކޮށްދީގެން، ދަނޑުވެރިކަމުގެ ޞިނާޢަތު ކުރިއަރުވައި ތަރައްޤީ ކުރުމަށެވެ. މިއީ ކޮންޓްރެކްޓް ފާރމިންގގެ މައިގަނޑު އަސާސެވެ.

ކޮންޓްރެކްޓް ފާރމިންގގެ މޮޑެލް ރާއްޖެޔަށް ތަޢާރުފްވެގެން މިދިޔައީ އާ ކޮންސެޕްޓަކަށް ކަމަށްވެދާނެއެވެ. މިކޮންސެޕްޓް ރާއްޖޭގައި ތަޢާރުފއ ކުރުމުގެ ބޭނުމަކީ، ދާއިމީގޮތެއްގައި، ދަނޑުވެރިން ދަނޑުބިމުގައި ތިބެ، ދަނޑުވެރިކަންކޮށް، ދާއިމީ އާމްދަނީއެއް ލިބޭގޮތަށް ތަރުތީބުކުރެވި ދަނޑުވެރިކަމުގެ ޞިނާޢަތު ކޮޅަށް ޖެހުމެވެ. މިބާވަތުގެ ދަނޑުވެރިކަމަކީ، ދަނޑުވެރިޔާއާއި، ދަނޑުގައި ހައްދާ ތަކެތި ގަންނަ ފަރާތާދެމެދު އެއްބަސްވުމެއް ހެދިގެން ކުރެވޭ ދަނޑުވެރިކަމެކެވެ. ރާއްޖޭގައި އެގްރޯނެޓުން ތަޢާރުފްކުރާ ކޮންޓްރެކްޓް ފާރމިންގގެ ކޮންސެޕްޓްގެ ދަށުން، ދަނޑަށް ވަންނަމީހަކީ ދަނޑުވެރިޔަކަށްވާކަށް ނުޖެހެއެވެ. ދަނޑުވެރިކަންކުރާހިތުން ދަނޑަށްވަންނަ ކޮންމެ މީހަކީ، ދަނޑުވެރިޔަކަށް ހަދާނެއެވެ. މިކޮންސެޕްޓެ ދަށުން ދަނޑުވެރިޔާ ކުރަންޖެހޭހާވެސް ކަމަކީ، އެގްރޯނެޓުން ތަމްރީނުދީ ކިޔައިދޭގޮތަށް ދަނޑު ހެއްދުމެވެ. އޮށް އިންދުމާހިސާބުން ފެށިގެން، އެއްޗެތި ކަނޑާ ހިސާބަށް އެގްރޯނެޓުން ދަނޑު ބަލަހައްޓައިދޭނެއެވެ. އަދި ދަނޑުހައްދަން ބޭނުންވާ އޮށް ނުވަތަ މުޑުވަކާއި ބޭހާ އަދި ގަސްކާނާ، ބާޒާރުގައި ލިބެންހުންނަ އަގަށްވުރެ ހެޔޮއަގުގައި ފޯރުކޮށއދޭނެއެވެ.  ދަނޑުވެރިޔާއަށް ބޭނުންވާ ތަމްރީންދީ، ހައްދާތަކެތި ދަނޑުން ކަނޑާތަނުން، ކިތަންމެ ގިނަ ޢަދަދެއްކަމަށްވިޔަސް އެގްރޯނެޓުން އެތަކެއްޗާ ޙަވާލުވެ، ދެފަރާތުން އެއްބަސްވެފަ އޮންނަ އަގު ދަނޑުވެރިޔާއަށް ދޭނެއެވެ. އެގްރޯނެޓްގެ ދަނޑުވެރިން ދަނޑުގައި އިންދަންވާނީ އެގްރޯނެޓުން ދޭ އޮށް ނުވަތަ މުޑުވަކެވެ. ދަނޑު ހައްދަންޖެހޭނީ އެގްރޯނެޓުން މަޢުލޫމާތުދޭ ގޮތަށެވެ. ބޭސްޖަހައި ކާނާ އަޅަންވާނީ އެގްރޯނެޓްގެ އެގްރޮނޮމިސްޓުން ލަފާދޭ ގޮތެއްގެ މަތިންނެވެ. މިކަން މިގޮތަށް ކުރަންޖެހެނީ، ހައްދާ ތަކެތީގެ ފެންވަރު ރަނގަޅުކޮށް ކެމިކަލް މަދުކޮށް، ދުޅަހެޔޮ އަދި ރަހަމީރުތަކެތި އުފެއްދުމަށްޓަކައެވެ. ދަނޑުވެރިޔާ އާ އެގްރޯނެޓާ ދެމެދު ވެވޭ އެއްބަސްވުމަކީ ދެއަހަރުދުވަހަށް ސޮއިކުރެވޭ އެއްބަސްވުމެކެވެ. އެގްރޯނެޓުން ދަނޑުވެރިޔާއާ ހަމަޔަށް ދާނީ، މާރކެޓްގެ ޔަޤީންކަމާއި އަގުގެ ކަށަވަރުކަމާއެކުގައެވެ. ދަނޑުވެރިން ކިތަންމެ ގިނަޢަދަދަކަށް ހެއްދިނަމަވެސް އެގްރޯނެޓުން އެތަކެތި ގަންނާނެއެވެ. ރާއްޖޭގެ ދަނޑުވެރިކަމުގެ ޞިނާޢަތުގެ މުސްތަޤްބަލް ބިނާވެގެންވަނީ އެގްރޯނެޓްގެ ކާމިޔާބީގެ މައްޗަށެވެ. އަދި ކޮންޓްރެކްޓް ފާރމިންގގެ އުޞޫލުތަކުގެ މައްޗަށެވެ.

ކަރަޔާއި ބަށްޓަކީ ރާއްޖޭގައި ގިނަޢަދަދަކަށް ހައްދާ ދެބާވަތެއް

ރާއްޖޭގެ ދަނޑުވެރިކަމުގެ މުސްތަޤްބަލް

ސައިންޓިސްޓުން ބުރަވާގޮތުގައި، 2050 އާ ހިސާބަށް    ދުނިޔެދަތުރުކުރާއިރު، ދުނިޔޭގައި 9.5 ބިލިއަން މީހުން ދިރިއުޅޭނެއެވެ. މިނިސްބަތުން، ރާއްޖޭގައިވެސް އާބާދީ އިތުރުވަމުންދާނެއެވެ. އާބާދީއަށް ބޭނުންވާ ކާނާގެ ރައްކައުތެރިކަން ކަށަވަރުކުރުމަކީ ވަރަށްބޮޑު ގޮންޖެހުމަކަށްވާނެއެވެ. ރާއްޖެއިން ބޭރުން މިތަކެތި އަބަދު އިމްޕޯޓް ކުރުމަކީ، އިޤްތިޞާދީގޮތުން އިތުރު ގޮންޖެހުންތައް ކުރިމަތިވާނެ ޙާލަތެކެވެ. މިއަދު މިކަމަށް ވިސްނައި، ހަރުދަނާ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ، މުސްތަޤްބަލްގައި ނުއުފެއްލޭފަދަ ތަކުލީފެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ޚާއްޞަކޮށް، ރާއްޖެފަދަ، ހުރިހާ އެއްޗެއް އިމްޕޯޓް ކުރާ ޤައުމަކަށް މިތަކުލީފު އެތައް ގުނަޔަކަށް ބޮޑުވާނެއެވެ.

ސައިންޓިސްޓުން ހާމަކުރާގޮތުގައި، މިވޭތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ދަނޑުބިމުގެ ތިންބައިކުޅަ އެއްބައި ގެއްލިއްޖެއެވެ. އިޤްތިޞާދީ މަސައްކަތާއި ދިރިއުޅުމަށް ބޭނުންވާ ބިންތައް މީގެތެރޭގައި ހިމެނެއެވެ. ރާއްޖެފަދަ ބިންކުޑަ ޤައުމަކަށް ނިސްބަތުން މިގެއްލުން އެތައްގުނަޔަކަށް އިތުރުވާނެއެވެ. ކުރިޔަށްއޮތް 40 އަހަރުދުވަހުގެ ތެރޭގައި، މިޙާލަތުގެ ނާޒުކުކަން ބޮޑުވާނެއެވެ. އިޤްތިޞާދީ މަސައްކަތާއި އިޖްތިމާޢީ ކަންކަމާ އަދި ގޯތިގެދޮރު ބިނާކުރުމަށް ބިންހުސްކޮށްފައި، ދަނޑުގޮވާންކުރުމަށް އިތުރު ބިންކޮޅެއް ނެތުމަކީވެސް އެކަށީގެންވާ ކަމެކެވެ. ގިނަބަޔަކު ބުރަވާގޮތުގައި މިކަމަށް އޮތް ޙައްލަކީ، ވަރޓިކަލް ފާރމިންގއެވެ. ނުވަތަ ވެލާއި ގަސް މައްޗަށްހެއްދުމެވެ. ތަން އޮންނަނީ މަތީގައެވެ. ވަރޓިކަލް ފާރމނިންގއަކީ، ބަރިބަރިއަށް މައްޗަށް ހެއްދުމަށް ކިޔާނަމެކެވެ.

ވަރޓިކަލް ފާރމިންގ (އެކިބާވަތްތައް މައްޗަށް ހެއްދުން)

(ކަނާތްފަރާތުގައި) ގްރޯލައިޓް ބޭނުންކޮށްގެން ހައްދާ ގަސްތަކެއް. (މެދުގައި) ގްރޯލައިޑް (ލެޑް). (ވާތްފަރާތުގައި) ގްރޯލައިޓް ބޭނުންކޮށްގެން ހައްދާ ފަތް

ވަރޓިކަލް ފާރމިންގއަކީ، ކުރިންވެސް ދެންނެވި ފަދައިން ގަހާއި ވެޔޮ މައްޗަށް ހެއްދުމެވެ. މިއީ ބިމާނުލައި ކުރެވޭ ދަނޑުވެރިކަމުގެ ބާވަތެކެވެ. ގްރޯލައިޓް ބޭނުންކޮށްގެން، ބޮޑުސަރަޙައްދެއްގައިވެސް ގަސްހެއްދިދާނެއެވެ.

ވަރޓިކަލް ފާރމިންގގައި ހައްދަނީ ހަމައެކަނި ފަތެއްނޫނެވެ. ކަރަޔާއި ބަރަބޯ އަދި ޓޮމާޓޯއާއި މެލަންފަދަ ތަކެތިވެސް ހެއްދެއެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ޙާލަތަށްބަލާއިރުވެސް، ދަނޑުވެރިކަމުގެ މުސްތަޤްބަލް އޮތީ ބިމާނުލައި ކުރެވޭ ދަނޑުވެރިކަމެއް ތަރައްޤީވެގެން ދިއުމުގައެވެ. ކޮޅަށް ހައްދާ ވަރޓިކަލް ފާރމިންގ ތަރައްޤީ ކުރުމުގައެވެ. މިހާރުވެސް ވަރަށް އާދައިގެ ގޮތަކަށް، ބައެއް ރަށްރަށުގައި، ކަރަޔާއި ބަރަބޯ އަދި ބަޓަރނަޓް ކޮޅަށް ނުވަތަ ސީދަލަށް އެބަހައްދައެވެ. އެކަމަކު، އެއީ އަދި ވަރޓިކަލް ފާރމިންގއެއް ނޫނެވެ. ރާއްޖޭގެ ބައެއް ރަށްރަށުގައި ހިއްކިތަނުން ދަނޑުބިން ދޫކުރެވިފައި އެބަހުއްޓެވެ. އެތަންތަނުގައި، ބިންބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަކީ، ދަނޑުވެރިންނަށް ކުރިމަތިވެފައި އޮތް ވަރަށްބޮޑު ތަކުލީފެކެވެ. ފެންލޮނުވުމުގެ އިތުރަށް، ކާނާގިނައިންހުންނަ ކަޅުފަހެއް އެތަންތަނަކު ނުހުރެއެވެ. ވަޅުކޮނެފައި ގަސް އިންދުމުގެ ކުރިން ކަޅުފަސް އަޅަންޖެހެއެވެ. ކޮންނަ ވަޅު ސީދަލަށް ކޮނުނަސް ފަސް ހަރުލާވަރަށް ބިންގަނޑު އޮންނަނީ ހަރުކޮށެވެ. އެއީ ކިސަޑު ގިނަވުމުގެ ސަބަބުންނެވެ. ކޮންނަ ފަހަށްވުރެ ގިނައީ އަކިރިއާއި ގަލެވެ. މިފަދަ ތަނެއްގައި އިންދާ ގަހުގެ މޫ ދަތުރުކުރާނެ ޖާގައެއް ނުލިބޭނެއެވެ. މޫތައް ހުންނާނީ ގޮށްޖެހި ވަޅުތެރޭ ތާށިވެފައެވެ. ކަޅުފަސް ހުންނަ ދަނޑުބިންތަކުގެ ފަހުގައި ގަހަށް ބޭނުންވާ ކާނާއެއް ނުހުރެއެވެ. ގަސްކާނާގެ ގޮތުގައި ގެރިގުއި އެޅުމުން، އިމްޕޯރޓްކުރެވޭ ފަނިފަކުސައާއި ޖަރާސީމު ބިންގަނޑުގައި އަށަގަނެއެވެ. އޯގަނިކް ގަސްކާނާ ބޭނުންކުރަނީ ވަރަށް މަދުބަޔެކެވެ. ގަސްކާނާގެ ގޮތުގައި އިމްޕޯރޓް ކުރެވޭ ކައުޑަންގް ނުވަތަ ގެރިގުއި  އެއީ ޙައްލެއްނޫނެވެ. އޯގަނިކް  ނުވަތަ ޤުދްރަތީ ގަސްކާނާއަކީ ދަނޑުގޮވާންކުރުމަށް ބޭނުންކުރަން އޮތް އެންމެ ރަނގަޅު ގަސްކާނާއެވެ. އޯގަނިކް ގަސްކާނާ ނުވަތަ ކޮމްޕޯސްޓް ހެދުމަކީ އެހައި އުދަގޫކަމެއްނޫނެވެ. އަދި ބޮނބިކުނޑި ނުވަތަ ކޮކޯޕީޓް އުފެއްދުމަކީވެސް އުނދަގޫކަމެއްނޫނެވެ. ދަނޑުވެރިންނަށް ބޭނުންވަނީ ވަޞީލަތްތައް ލިބުމެވެ. ކޮންމެ ފަރާތަކުންނަމަވެސް، އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އޮޓޯޕޮޓް (ފަރޓިގޭޝަން ސިސްޓަމް)

އޮޓޯޕޮޓްގައި ގަސްހެއްދުމަކީ، ބިމުންއަރާ ބަލިތައް މަދުވެފައި ފެނުގެ ޒަރީޢާއިން ކާނާއާއި ބޭސްދެވޭ، އަދި ރަނގަޅުތަކެތި އުފެއްދޭ ނިޒާމެއް

ކޮންޓްރޯލް ކުރެވިފައި އޮންނަ ތިމާވެށްޓެއްގައި، އޮޓޯޕޮޓްގައި ހައްދާ ބާވަތްތަކުގެ ފެންވަރު ރަނގަޅުވާނެއެވެ. މިއީ ފަރޓިގޭޝަން ސިސްޓަމެއްގެ ތެރެއިން، ގަހަށް ބޭނުންވާ ކާނާއާއި ބޭސް ދެވޭ ނިޒާމެކެވެ. ހަންބުރީގައި އެންމެ އާދައިގެ ގޮތަށް ގަސްހައްދަމުންދާ ބީދައިން، މިއީ، ބިމާނުލައި ގަސްހެއްދުމުގައި ބޭނުންކުރެވޭ އެއް ނިޒާމެވެ. އަވިނެޓް ދަމައިގެން މަތިހިޔާކުރެވިދާނެއެވެ. ރާއްޖެފަދަ، ބިމުގައި ކާނާ ނުހުންނަ  ތަންތަނުގައި، ގެރިގުއި އަޅައިގެން ބިމުގައި އިތުރު ޖަރާސީމާއި ފަނިފަކުސަ ނުއުފައްދައި، ދަނޑުވެރިކަން ކުރެވިދާނެ ރަނގަޅު ގޮތެކެވެ. ގެރިގުއި ބޭނުންކުރަންޖެހެނީ، ބޭނުންކުރުމުގެ ކުރިން 3 ދުވަހު އަވީގައި ބަހައްޓައި އޭގައި ހިމެނޭ ފަނިފަކުސަ އާއި ޖަރާސީމު ނައްތައިލުމަށްފަހުގައެވެ. ނުވަތަ، އަވިނުދޭނަމަ، ޓިނުގަނޑެއްފަދަ އެއްޗެއްގެ މަތީ ގެރިގުއި ބަހައްޓައި، ދަށުން އަންދައިގެންނެވެ. މިކަންމިގޮތަށް ނުކުރެވޭނަމަ، އިމްޕޯޓް ކުރެވޭ ގެރިގުއިގެ ޒަރީޢާއިން، ރާއްޖޭގެ ފަސްގަނޑުގައި ނެތް ފަނިފަކުސަ އާއި ޖަރާސީމު އުފެދުމަށް މަގުފަހިވާނެއެވެ. އެހެންނަމަވެސް، މިކަން މިގޮތަށް ކުރަނީވެސް މަދު ބަޔެކެވެ. ލިބިދާނެ ގެއްލުމަކަށް ވިސްނައެއް ނުލެވެއެވެ.

އެއަރޮޕޯނިކްސް (ވެއްޔާއި ފެނާނުލައި ގަސްހެއްދުން)

މިއީ، ޓެކްނޮލޮޖީ ބޭނުންކޮށްގެންކުރެވޭ ދަނޑުވެރިކަމުގެ ފަހުގެއީޖާދެކެވެ. އެއްވެސްމިންވަރަކަށް ވެއްޔެއް ބޭނުމެއް ނުކުރެ ވޭނެއެވެ. ފެން ބޭނުންކުރެވޭނީ އާވީގެގޮތުގައި ނުވަތަ ސްޕްރޭކޮށްގެންނެވެ. މިނިޒާމުގައިވެސްގަހަށް ބޭނުންވާ އައްޔާއި ކާނާ ދެވޭނެއެވެ. މިފަދަ ކޮންމެ ދަނޑުވެރިކަމަކީވެސް،  ވިޔަފާރި އުޞޫލުން ރަނގަޅު އާމްދަނީއެއް ހޯދުމަށްކުރެވޭ ދަނޑުވެރިކަމެކެވެ. މޫސުމީ ދަނޑުވެރިކަމެއްގެ ގޮތުގައި، ރޯދަޔަށް ކަރާ ހައްދާގޮތަށް މިކަންކޮށްގެން ފައިދާއެއް ނުލިބޭނެއެވެ. މިހާރުވެސް، ބޭރުގެ އެކި ޖަމްޢިއްޔާ ޖަމާޢަތްތަކާއި އެކުވެރި ޤައުމުތަކުގެ އެހީގައި، ރާއްޖޭގެ އެކި ރަށްރަށުގައި އެކި ސައިޒްގެ ހައިޑްރޮޕޯނިކްސް ސިސްޓަމްތައް ބެހެއްޓިފައި އެބަހުއްޓެވެ. އެތަންތަނަށް ދިރުމެއްލިބޭގޮތަށް ދަނޑުވެރިކަމަށް މަގުފަހި ކުރެވިފައެއްނެތެވެ. އެއްޗެއް ހައްދައިފިއްޔާ ނުވިއްކެއެވެ. ރާއްޖޭގެ ދަނޑުވެރިކަން ޞިނާޢަތެއްގެގޮތުގައި ތަރައްޤީވެ ކުރިއަރައިދާނީ، ވިޔަފާރި އުޞޫލުން އާމްދަނީ ހޯދަން ދަނޑުވެރިކަންކުރާނެ ޒުވާން ޖީލެއް އުފައްދައިގެންނެވެ. ޒަމާނީ ޓެކްނޮލޮޖީއަށް އެކުދިން އަހުލުވެރިކުރުވައި، އެކުދިންނަށް ރަށުގައި ތިބެގެން ދާއިމީގޮތެއްގައި އާމްދަނީލިބޭނެ މަގުފަހިކޮށްދީގެންނެވެ.  މިއީ ކުރެވެން ނެތްކަމެއްނޫނެވެ.

ވެއްޔާ ނުލައި ހައިޑްރޮޕޯނިކްސްގައި ( ފެނުގައި ) ހައްދާފައިވާ ކަރަޔާއި ބަރަބޯ އަދި އަލުވި

ރާއްޖޭގެ ދަނޑުވެރިކަމުގެ ފަހިމުސްތަޤްބަލެއް އެބައޮތެވެ. ބޭނުންވަނީ، ދަނޑުވެރިންނާއި ސަރުކާރާގުޅިގެން ދަނޑުވެރިކަމުގެ ޞިނާޢަތު ތަރައްޤީކޮށް، ރާއްޖޭގެ އިޤްތިޞާދުގައި ދަނޑުވެރިކަމުގެ ދައުރުފުޅާވެގެން ދިއުމެވެ. އެގްރޯނެޓްގެ ޚިދުމަތް ފުޅާވެ، ދަނޑުވެރިކަން ކުރާނެ، ޓެކްނޮލޮޖީއަށް ފަރިތަ ޒުވާނުންތަކެއް އުފެދި، މިޞިނާޢަތު ތަރައްޤީވެގެން ދިއުމެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.