
އަލަށް ދަނޑު ހެއްދުމަށް ބޭނުންވާ މީހުންނަށް ބިންދޫކުރަން ނިންމަވައި ބިން ބޭނުންވާ މީހުން އެކަމަށް އެދުމުގެ ފުރުސަތު އައްޑޫ ސިޓީކައުންސިލުން ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީކައުންސިލުން ވިދާޅުވެފައިވަނީ އަލަން ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން އެމީހަކު ނިސްބަތްވާ އަވަށެއްގެ އޮފީހަށް އީމޭއިލް ކުރަމުންގެންދިއުމަށެވެ.
"އަލަށް ދަނޑުހެއްދުމަށާއި އޮޅު ހެއްދުމަށް ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. ދަނޑުހެއްދުމަށާއި އޮޅުހެއްދުމަށް ބިން ބޭނުންވާ ފަރާތްތަކުން 2020 މާރިޗު 30 ވާ ހޯމަ ދުވަހުން ފެށިގެން އެއަވަށެއްގެ އަވަށު އޮފީހަށް މެއިލް ކުރައްވަމުން ގެންދެވުން އެދެމެވެ." ސިޓީކައުންސިލުން ކުރައްވާފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވެއެވެ.
މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީގެ ފުޑް ސެކިއުރިޓީ ޔަޤީންކުރުމައްޓަކައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމަށް ބޭނުންވާ ކަމަށް ވެސް އެ އިޢުލާނުގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން މިހާރުވެސް ދަނޑުވެރިކަމަށާއި އޮޅު ހެއްދުމަށް ބިންތައް ދޫކުރެވިފައިވާ ފަރާތްތަކުން ގޮވާންކުރުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ސިޓީކައުންސިލުން ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ކައުންސިލުން ފޯރުކޮށްދެއްވާނެ ކަމަށް ވެސް އެ އިޢުލާނުގައިވެއެވެ. އަދި ސަރުކާރުގެ އިދާރާތަކުން ދަނޑުވެރިންނަށް ދެވޭ އެހީތައް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.