ލެބެނާން ކަނުއަނދިރީގައި

ލެބެނާންގެ އައްޒަހްރާނީ އިންޖީނުގެ

ތެޔޮ ނުލިބުމުގެ ސަބަބުން ލެބެނާން (ލުބްނާން) ގެ އެންމެ ބޮޑު ދެ އިންޖީނުގެ ހުއްޓުމަކަށް އައުމާ ގުޅިގެން އެ ގައުމުގެ ރައްޔިތުން ފާއިތުވި ދެ ރޭ ހޭދަކުރީ ކަނުއަނދިރީގައެވެ.

ލެބްނާނުގެ މަސްދަރަކުން ހާމަކުރި ގޮތުގައި މި ހާލަތު އެތައް ދުވަހަކަށް ދެމިގެން ދިއުން އެކަށީގެން ވެއެވެ.

ތެޔޮ ނުލިބުމުގެ ސަބަބުން އައްޒަހްރާނީއާއި ދޭރް ޢައްމާރުގައި ހުންނަ އިންޖީނުގެތައް ހުއްޓުމަކަށް އައުމުގެ ސަބަބުން ކަރަންޓު އުފެއްދޭ މިންވަރު ވަނީ 200 މެގަވޯޓަށް ވުރެ ދަށްވެފައެވެ.

"ލެބަނާނުގެ ކަރަންޓު ވިއުގަ ވަނީ މިއަދު މެންދުރު މަސައްކަތްކުރުން ހުއްޓިފައި. އެ ވިއުގަ އަންނަ ހޯމަ ދުވަހުގެ ކުރިން ނުވަތަ އެތައް ދުވަހެން ފަހުން ނޫނީ މަސައްކަތް ކުރާނެހެން ހީނުވޭ." ސްކައި ނިއުސްވާ ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވިއެވެ.

ލެބެނާނަށް މިހާރު ކުރިމަތިވެފައިވާ ދަތި ހާލަކީ 1850 ގެ އަހަރުތަކަށް ފަހު އެގައުމަށް ދިމާވީ އެންމެ ދަތި ހާލެވެ. ގައުމުގައި ހަކަތަ އުފައްދަން ބޭނުންވާ ތެޔޮ އެތެރެކުރަން މަސައްކަތްކުރާއިރު، އެކަންވެސް އެެދެވޭ ގޮތެއްގައި ނުކުރެވެއެެވެ. އިލެކްޓިރިސިޓީ ޑު ލިބާން (އީޑީއެލް) އިން ބުނި ގޮތުގައި އިރާގު ސަރުކާރާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މި މަހުގެ ފަހުކޮޅު ތެޔޮ ޝިޕްމަންޓެއް ލިބޭނެކަމަށް އުއްމީދުކުރެވެއެވެ.

ސަރުކާރުގެ ކުންފުނީގެ އިންޖީނުގެތައް ހުއްޓުމަކަށް އައިސްފައި ވާއިރު، ތެޔޮ ލިބުން ދަތިވުމުގެ ސަބަބުން އަމިއްލަ ފަރާތްތަކުގެ ޖެނެރޭޓަރުތައް ވެސް ހިންގުމަށް ވަނީ ދަތިވެފައެވެ.

އީޑީއެލްއިން ބުނިގޮތުގައި މިހާރު ހާލަތު ހުރި ގޮތުން އެކި ސަރަހައްދުތަކަށް ދައުރުވާ އުސޫލުން ކަރަންޓު ދޫކުރަމުން ދާއިރު، ބައެެއް ސަރަހައްދުތަކަށް ދުވާލަކު ގަޑިއެއްހާއިރަށް ކަރަންޓު ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

13 މަސް ދުވަހުގެ ސިޔާސީ ކޯޅުމަށް ފަހު އުފެދުނު ސަރުކާރުގެ މައިގަނޑު އެެއް މަސައްކަަތަކަށް ވެފައި ވަނީ ލެބެނާނުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމެވެ.

ހަކަތައާ ބެހޭ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ދިނުމަށް ލެބަނާނަށް 3200 މެގަވޯޓް ކަރަންޓު ބޭނުންވެއެވެ. އެހެންނަމަވެސް. ލެބެނާނަށް އެމިންވަރަށް ކަރަންޓު ނުއުފެއްދޭތާ އަހަރުތަކެއް ވެއްޖެެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.